ފުލުހުންގެ އިންފްރާސްޓަކްޗާ ވަރުގަދުކުރުމަށް އައު އިމާރާތްތަކެއް އަޅަން ކުރިއަށް ގެންދާ 75 މަޝްރޫއުގެ ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއުތައް ހަވާލުކުރީ އެމްޓީސީސީ، އާރުޑީސީ، އަދި ފެނަކަ އާ އެވެ. އާރުޑީސީ އަކީ ސަރުކާރުގެ މަގު ހަދާ ކުންފުންޏެވެ. ފެނަކައިން ދެނީ ފެނާއި ކަރަންޓުގެ ހިދުމަތެވެ.
މީގެތެރެއިން އާރުޑީސީ އާ ހަވާލުކުރީ 20 މަޝްރޫއެވެ. އެމްޓީސީސީއަށް 15 މަޝްރޫއު ދިން އިރު ފެނަކައާ ހަވާލުކުރީ 4 މަޝްރޫއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މިހާތަނަށް މާލެ ހިމޭނޭހެން މުޅި ރާއްޖޭގައި ހުރީ ފުލުހުންގެ އަމިއްލަ 17 ސްޓޭޝަން ކަމަށެވެ. އެހެން ތަންތަން ހިންގަނީ އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ކުއްޔަށް ނަގައިގެންނެވެ. މިއީ މިކަމަށް ހައްލެއް ގެނައުމަށް ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށް ފުލުހުން ބުންޏެވެ.
އަދި، މި ދައުރު ފެށުނުއިރު ފުލުހުންގެ ހިދުމަތް ނުދޭ 70 ރަށެއް ހުރި ކަމަށާއި މި މަޝްރޫއުތައް ނިމޭއިރު އެއްފަސްކުރުމަށް މީހުން ބަދަލުކުރަން ނިންމާފައިވާ ރަށްތައް ފިޔަވާ އެހެން ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް މި 75 މަޝްރޫއުގެ ދަށުން އަޅާ އިމާރާތްތަކަށް ދާ ހަރަދެއް، އެ އިމާރާތްތައް އަޅާ ރަށްތަކެއް ފުލުހުން ނުބުނެ އެވެ.
"މި މަޝްރޫއު ނިމިގެންދާއިރު ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ގާތްގަޑަކަށް ދެބައިކުޅާ އެއްބައި ރަށުގައި ފުލުހުންގެ އަމިއްލ،ަ ޒަމާނީ މަރުކަޒުތައް ގާއިމްކުރެވިގެން ދާނެ. މިއާއެކު ފުލުހުންގެ ބަޖެޓްގެ ރިކަރަންޓް ހަރަދު ކުޑަކޮށް ހިދުމަތް ދިނުމަށް ކުރެވޭ ހޭދަ އިތުރު ކުރެވިގެންދާނެ،" ފުލުހުން ދިން މައުލޫމާތުގައި ބުނެފައިވެ އެވެ.
މިއީ ސަރުކާރުން މި ތިން ކުންފުންޏާ މިއަދު މަޝްރޫއުތަކެއް ހަވާލުކުރި ދެވަނަ ފަހަރެވެ. އެގޮތުން ނުވަ ރަށެއްގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އައު އިމާރާތް އަޅަން ހެލްތު މިނިސްޓްރީން މިއަދު ހަވާލުކުރީ މި ތިން ކުންފުންޏާ އެވެ.
އާރުޑީސީ އަދި ފެނަކައަށް ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ހަވާލުކޮށްފައި މިވަނީ މިދިޔަ ސަރުކާރުން އެ ކުންފުނިތަކަށް އެފަދަ މަޝްރޫއުތައް ދިން ގޮތާމެދު މި ސަރުކާރުގެ ވެރިން ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔުމަށްފަހު އެވެ.
ފުލުހުންގެ 75 މަޝްރޫއުއެއް ފެނަކަ، އާރުޑީސީ، އަދި އެމްޓީސީސީ އަށް ފުލުހުންގެ 75 މަޝްރޫއުއެއް ފެނަކަ، އާރުޑީސީ، އަދި އެމްޓީސީސީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ