އުމްރާވެރިންނަށް 1،500 ޑޮލަރު ދޭން ރައީސް އަންގަވައިފި

މި އަހަރުގެ ރޯދަ މަހު އުމްރާއަށް ދާ ކޮންމެ މީހަކަށް 1،500 ޑޮލަރު ހަމަޖައްސައިދޭން ރައީސް މުހައްމަދު މުއިއްޒު މިއަދު އަންގަވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަހަރުގެ ރޯދަ މަހު އުމްރާއަށް ދާ ދިވެހިންނަށް ރަސްމީ ރޭޓުގައި ޑޮލަރު ހޯދަން ފަސޭހަކޮށްދޭން ނިންމަވާފައިވާ ކަމަށެވެ.
ތަފްސީލް - ކޮންމެ އުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓު ކާޑުގެ ލިމިޓު މިހާރު އޮންނަ 250 ޑޮލަރުގެ އިތުރުން، 1،500 ޑޮލަރު ވެސް ހަމަޖައްސައިދޭން މަރުކަޒީ ބޭންކު، އެމްއެމްއޭ އަދި ބީއެމްއެލްގައި އެދިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މިހާރު ބީއެމްއެލްގެ ޑެބިޓް ކާޑު ލިމިޓަކީ 250 ޑޮލަރު 
އޭގެ އިތުރަށް 1،500 ޑޮލަރު ދިނުމުން، އުމްރާއަށް ދާ މީހުންގެ ކާޑު ލިމިޓު 1،750 ޑޮލަރަށް އިތުރުވާނެ 
މީގެ އިތުރުން، ޓިކެޓަށް ބޭންކު މެދުވެރިކޮށް 500 ޑޮލަރު ގަނެވޭނެ
ފާހަގަ ކުރެވޭ - ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން:
ބޭރު ފައިސާގެ ގާނޫނެއް ތައާރަފުކޮށް، އެ ގާނޫނުގެ ދަށުން ރިސޯޓުތަކަށް ލިބޭ އާމްދަނީން ބޮލަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ %20 މާރުކުރަން ޖެހޭ ގޮތަށް ވަނީ ހަދާފައި
ކެޓަގަރީ ބީގެ ތަންތަނަށް (ގެސްޓުހައުސް، ސަފާރީ އަދި ހޮޓާތަކަށް) މަހެއްގެ ތެރޭގައި އަންނަ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީން %20 މާރުކުރަން ޖެހޭ
ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުގެ އިތުރުން މާލީ އިދާރާތައް ފިޔަވައި އެހެން ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ހިދުމަތާއި މުދަލަކަށް ފާއިތުވި އަހަރުގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތައް ވެސް މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީން %20 މާރުކުރަން ޖެހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ