އޮލިމްޕިކް ކޮމިޓީގެ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު އޮލިމްޕިކް ކޮމިޓީގެ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު

މާދަމާ ބާއްވަން ތާވަލުކޮށްފައި އޮތް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އިންތިހާބަށް ސަރުކާރުގެ ތެރެއިން ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުތަކެއްގެ މައުލޫމާތު "އަދަދު" ނޫހަށް ލިބިއްޖެ އެވެ.
އޮލިމްޕިކް ކޮމިޓީ އަކީ ރާއްޖޭގެ ކުޅިވަރުގެ އެންމެ އިސް އެއް ޖަމިއްޔާ ކަމަށްވާއިރު، ޒަމާނުއްސުރެ، މި ކޮމިޓީގެ މަގާމުތަކަށް އޮންނަ ވާދަވެެރިކަން ބޮޑެވެ. އަދި، މި ކޮމިޓީގެ މަގާމުތަކަށް އަންނަން އެކި އެކި ގޮތްގޮތުން، ކެމްޕެއިން ކުރުމާއި އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ރުހުން ހޯދުމުގެ ކަންކަން ވެސް ހިނގަ އެވެ.
އެއީ، އޮލިމްޕިކް ކޮމިޓީ އަކީ ސަރުކާރާ ގުޅިގެން، ކުޅިވަރު އެސޯސިއޭޝަންތަކުގެ ބެލެނިވެރިއެއްގެ ދައުރުގެ ޒިންމާ ވެސް ބޮލުގައި އެޅިފައިވާ ޖަމިއްޔާ އަކަށް ވެފައި، ސަރުކާރުން ކުޅިވަރު ކުރިއަރުވަން އެކިއެކި ކަންކަމަށް (ގޭމްސް/މުބާރާތްތަކަށް) އޮލިމްޕިކް ކޮމިޓީ އަށް ބަޖެޓް ދޭތީވެ، ދެ ފަރާތް ގުޅިގެން ކުޅިވަރުގެ މަސައްކަތްތައް ކުރަން ޖެހޭ މާހައުލެއް ގާއިމްވާނީ، ސަރުކާރުން ރުހޭ މީހުން އެ ކޮމިޓީގައި ތިބެގެން ކަމަށް ބުނެ އެވެ.
މި ސަރުކާރު އައީ، ރާއްޖޭގެ ކުޅިވަރު ތާރީހުގައި އެންމެ ބޮޑު ކާމިޔާބު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 އިން ހޯދައިގެން އައިތާ ދެތިން މަސް ފަހުންނެެވެ. ރާއްޖޭން 28 މެޑަލް ހޯދައިގެން، މަޑަގަސްކަރާގައި، ބޭއްވި އައިއޯއައިޖީގެ ކާމިޔާބީ އަށް ފަހު، އައިއިރު، އެ މަސައްކަތުގައި، އޮލިމްޕިކް ކޮމިޓީން އެތަކެއް ގޮންޖެހުންތަކެއް އޮތް ކަންކަން ހައްލުކޮށް، ބޮޑެތި ތަކުލީފުތަކަކަށް ހައްލު ހޯދި އެވެ. މި ސަރުކާރު އައި ފަހުން، އޮލިމްޕިކް ކޮމިޓީއާ އެކު، ގާތްކޮށް މަސައްކަތްތަކެއް ކުރި އެވެ. އަދި، އެނގިފައިވާ ގޮތުގައި، އޮލިމްޕިކް ކޮމިޓީގެ މިހާރު އޮތް ހިންގާ ކޮމިޓީ އަށް ސަރުކާރުގެ ހާއްސަކޮށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ)ގެ އެއްބާރުލުން ވެސް ރަނގަޅަށް ލިބެމުންދިޔަ އެވެ.
އޮލިމްޕިކް ކޮމިޓީގެ ކުރިއަށް އޮތް ދައުރު، 2025-2029 އަށް ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުުމަށް ހުޅުވާލީ އޭޕްރީލް 22 އިން ފެށިގެންނެވެ. މެއި ހަތް ވަނަ ދުވަހުގެ ނިޔަަލަށް އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑެސީ ހުށަހަޅަން ފުރުސަތު ހުޅުވާލި، މުއްދަތު ހަމަވިއިރު، އަންނަ މަހު ދެ ވަނަ ދުވަހު އޮތް އިންތިހާބުގައި ރައީސަކަށް ވާދަކުރަންވަން ކެންޑިޑެސީ ހުށަހެޅީ ސައްތާރު އެކަންޏެވެ. އެހެންކަމުން، އިތުރު ފަރާތަކުން ކުރިމަތިލާފައިނުވާތީ، ސައްތާރަށް މަގާމުގައި ދެ ވަނަ ދައުރެއް ޔަގީންވީ އެވެ. އެކަން އޮލިމްޕިކް ކޮމިޓީގެ ހިންގާ ގަވާއިދުގައި ވެސް ސާފު އިބާރާތުން ހިމަނާފައިވެ އެވެ.
އޮލިމްޕިކް ކޮމިޓީން ބުނީ، އިންތިހާބަށް 18 އެޕްލިކޭޝަނެއް ލިބިގެންދިޔަ ކަމަށާއި އެހެން ނަމަވެސް، ރަސްމީކޮށް އިއުލާނުކުރުމުގެ ކުރިން، އެއް އެޕްލިކޭޝަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
އެންމެ ފަހުން ހިންގާ ކޮމިޓީ އިންތިހާބު ބާއްވާފައިވަނީ 2021 ވަނަ އަހަރުގަ އެވެ. ސްވިމިން އެސޯސިއޭޝަންގެ ރައީސްކަން ހަތަރު ވަނަ ދައުރަކަށް ފުރުއްވަމުން އަންނަ ސައްތާރު، އެންމެ ފަހުން ބޭއްވި އޮލިމްޕިކް ކޮމިޓީގެ އިންތިހާބު ކާމިޔާބުކުރީ މޫސާ ނާޝިދު (މޫސަ) އާ ވާދަކޮށެވެ. ކާމިޔާބު ކުރެއްވީ 16 މެންބަރު އެސޯސިއޭޝަނާއި ދެ އެތްލީޓްސް ރެޕްރެޒެންޓޭޓިވްގެ ތެރެއިން 11 ވޯޓު ހޯދައިގެންނެވެ. ޗަމްޕީއާ ވާދަކުރެއްވި އޭރުގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސަ އަށް ލިބުނީ ހަތް ވޯޓެވެ. އިންތިހާބުގައި ވާދަކުރައްވަން ނިންމެވި އެފްއޭއެމްގެ ކުރީގެ ސީނިއާ ނައިބު ރައީސް އަލީ އުމަަރު (އައްޔަ) ވަނީ އިންތިހާބުގެ އެއް ދުވަސް ކުރިން ނަން ނަންގަވައިފަ އެވެ.
އެމްއޯސީ ހިންގާ ކޮމިޓީގައި ޖުމްލަ 14 ފަރާތަކުން ތިބޭނެ އެވެ. އެއީ ރައީސްގެ އިތުރުން، ދެ ނައިބު ރައީސުން، ހަ އޮލިމްޕިކް ސްޕޯޓްސް ރިޕްރެސެންޓިވްސް، ދެ ނޮން އޮލިމްޕިކް ސްޕޯޓްސް ރިޕްރެސެންޓިވްސް އަދި އަންހެން ދެ މެންބަރުންނެވެ. އޭގެ އިތުރުން، އެތުލީޓްސް ކޮމިޝަން ތަމްސީލް ކުރާ މެންބަރެއް ވެސް ހިންގާ ކޮމިޓީގައި ހިމެނޭނެ އެވެ. މި ވަގުތު ހުރި އެތުލީޓްސް ކޮމިޝަންގެ މެންބަރުގެ ދައުރު ހަމަވާނީ މި އަހަރު ޑިސެމްބަރު މަހަށެވެ.
ނައިބު ރައީސްގެ މަގާމަށް މި ފަހަރު ކުރިމަތިލާފައިވަނީ، ހޭންޑްބޯލް މޯލްޑިވްސް އިން ނަން ހުށަހެޅުވި، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، އަދި އޮލިމްޕިކް ކޮމިޓީގެ މިހާރުގެ ވެސް ނައިބު ރައީސް، އަހުމަދު އިސްމާއިލް، އާއި އެތުލެޓިކްސް އެސޯސިއޭޝަނުން ހުށަހެޅި އެ ޖަމިއްޔާގެ ރައީސް، މުސްތަފާ މުހައްމަދު (މުސްތޮ)ގެ އިތުރުން، ޗެސް އެސޯސިއޭޝަން އިން ހުށަހެޅި އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަދި އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސަކަށް މި ވަގުތު ވެސް ހުންނެވި، އަހުމަދު މުންތަގިމް (މުންތޭ) އެވެ.
އެންމެ ފަހުން ބޭއްވި، އޮލިމްޕިކް ކޮމިޓީ އިންތިހާބުގައި ނައިބަކަށް އިންތިހާބުވީ އަހުމަދު އިސްމާއިލް އާއި އެތުލެޓިކްސް އެސޯސިއޭޝަންގެ އޭރުގެ ރައީސް މުހައްމަދު ތޮލާލް އެވެ. ތޮލާލް އަށް 15 ވޯޓު ލިބުނުއިރު، އަހުމަދަށް ވަނީ 14 ވޯޓު ލިބިފަ އެވެ. ދެން ވާދަކުރެއްވި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ރައީސް މުހައްމަދު ފައިސަލް އަށް ލިބުނީ ހަ ވޯޓެވެ.
މުންތަގިމް، އޮލިމްޕިކް ކޮމިޓީގެ ނައިބަކަށް އިންތިހާބުކުރީ މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއްގަ އެވެ. އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސެއްގެ މަގާމު އޭރު ހުސްވީ، މި ސަރުކާރުގެ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް، އޮލިމްޕިކް ކޮޮމިޓީގެ ނައިބަކަށް ހުންނެވި، ތޮލާލް އައްޔަނު ކުރެއްވުމުންނެވެ. އެ ގޮތުން، މޯލްޑިވްސް އޮލިމްޕިކް ކޮމީޓީން އެ މަގާމަށް މުންތަގިމް ހޮވިއިރު، މި މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓަކީ ވެސް މުންތަގިމް ކަމަށް އޮލިމްޕިކް ކޮމިޓީން ވަނީ އޭރު މައުލޫމާތު ދީފަ އެވެ.
އޮލިމްޕިކް ކޮމިޓީގެ ހިންގާ ގަވާއިދުގައިވާ ގޮތުން، ރައީސްގެ މަގާމާއި އެއް ނައިބު ރައީސެއް ވާން ޖެހޭނީ އޮލިމްޕިކް ސްޕޯޓަކުން އަންނަ ފަރާތްތަކަށެެވެ. އަދި އެ ފަރާތްތަކުން، ކުޅިވަރު އެސޯސިއޭޝަނެއްގެ ހިންގާ ކޮމިޓީގައި، މަދުވެގެން ދެ އަހަރު މަސައްކަތް ކުރުން ލާޒިމެވެ.
އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ 13 މެންބަރުންގެ ތެރެއިން، ކޮންމެ މެންބަރަކު ވާން ޖެހޭނީ ވަކި ކުޅިވަރެއް ތަމްސީލްކުރާ ފަރާތަކަށެވެ. އެއްވެސް، މެންބަރަކަށް އެއް ކުޅިވަރަކަށް ވުރެ ގިނަ ކުޅިވަރެއް ތަމްސީލް ކުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ. ނޮމިނޭޝަން ވެސް ކަނޑައެޅޭނީ އެ ގޮތަށެވެ.
އޭގެ އިތުރުން، އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ ދައުރެއް ފުރިހަމަ ކޮށްފައިވާ ފަރާތަކަށް ދެން އޮތް ދައުރަކަށް ނޮމިނޭޓް ވުމުގެ ފުރުސަތު އޮންނާނެ އެވެ. އެކަމަކު، އެއްވެސް ސަބަބެއް މެދުވެރިވެގެން، އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ ދައުރު ފުރިހަމަ ނުކުރެވޭ ނޫނީ މަގާމުން ދުރުކުރި ފަރާތަކަށް، ތިން އަހަރުގެ މުއްދަތަކަށް، ދެން ހިންގާ ކޮމިޓީގެ މަގާމަކަށް ނާދެވޭނެ އެވެ.
އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ މަގާމުން ވަކިވުމުގެ ތެރޭގައި، އެ ކުޅިވަރެއްގައި އެ މެންބަރަކު އަދާކުރަމުން އަންނަ މަގާމުން ވަކިކުރުން ނޫނީ ކުޅިވަރުގެ މަގާމު އެހެން ކުޅިވަރަކަށް ބަދަލުކުރުން ވެސް ހިމެނެ އެވެެ.
މީގެ ކުރީގެ ސަރުކާރުތަކެކޭ އެއްގޮތަށް، މި ސަރުކާރު އައި ފަހުން، ވެސް ކުޅިވަރުގެ ކަންކަމަށް ނުފޫޒު ނުފޯރުވާނެ ކަމަށް އައީ ބުނަމުންނެވެ. އެކަމަކު، ފެނިދެނިވެ، އޮންނަ ހަގީގަތަކީ، ނުފޫޒު އޮންނަ ކަމެވެ. އެހެން ދާއިރާތަކެކޭ އެއްވަރަށް އެ ފޯރުވޭ ގޮތަކަށް ނުފޫޒުގެ ކަންކަން ކުރަން މަސައްކަތް ކުރާ ކަމެވެ.
އޮލިމްޕިކް ކޮމިޓީގެ އިންތިހާބަށް ޓާގެޓްކޮށް، މި ސަރުކާރު އައި ފަހުން ވެސް އެކި ގޮތްގޮތުން، ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލެވަލުން ދިޔައީ ނުފޫޒު ފޯރުވަމުންނެވެ. އެކަން، މި ނޫހަށް، އެކިއެކި ކުޅިވަަރު އެސޯސިއޭޝަންތަކުގެ އޮފިޝަލުން (ހިންގާ ކޮމިޓީގެ މެންބަރުން ހިމެނޭ ގޮތަށް) ދިޔައީ، މައުލޫމާތު ދެމުންނެވެ. އަދި، މިހާރު ވެސް އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގެ ކަންކަން ކައިރި ވަމުންދާ މިންވަރަކަށް، ނުފޫޒު ފޯރުވަމުންދާ ކަމުގެ މައުލޫމާތު ލިބެ އެެވެ.
ސްޕޯޓްސް މިނިސްޓްރީ އަކީ، ސަރުކާރުން ކުޅިވަރު އެސޯސިއޭޝަންތަކަށް ދޭ ބަޖެޓް، އޮންނަ އުސޫލުތަކުގެ ތެރެއިން ފޯރުކޮށްދިނުމުގައި މެދުވެރިއަކަށް ވެސް އޮންނަ ފަރާތެވެ. އެ ގޮތުން، މައުލޫމާތު ލިބިފައިވާ ގޮތުގައި، މިދިޔަ އަހަރުތަކުގައި ރާއްޖޭގައި ބޭއްވި ބައެއް އިންޓަނޭޝަނަލް މުބާރާތްތަކުގެ ބަޖެޓެއްވާ ފައިސާގެ ބައެއް ކަންކަން ވެސް ހުރީ އެއްކޮށް ހަމަނުޖެހި އެވެ. މިނިސްޓްރީން ރުހޭ ގޮތަށް ކަންކަން ކުރާ އެސޯސިއޭޝަނަކަށް ވެއްޖެނަމަ، އެ ބަޖެޓްގެ ކަންކަން އަވަސް ކުރުމުގައި މިނިސްޓްރީން އަމަލުކުރާ ދުވެލި އަވަހެވެ. އެކަމަކު، މިނިސްޓްރީގެ އެ ޒިންމާ ހަވާލުވެފައި އޮންނަ ފަރާތްތަކުން ރުހޭ ގޮތެއް ނޫން ގޮތަކަށް ކަންކަން ކުރާ އެސޯސިއޭޝަނެއްގެ ބަޖެޓް، އުސޫލުން ބޭރުން ވެސް އޮންނަނީ ތާށިވެފަ އެވެ.
ސީދާސީދާކޮށް މިކަން ފާހަގަކޮށް، ހާމަކަން ބޮޑު ގޮތެއްގައި، މި ވާހަކަ ދައްކަން ބޭނުންވާ އެސޯސިއޭޝަނެއް ނެތީ ކުރިއަށް އޮތްތަނުގައި ވެސް، މިނިސްޓްރީން ލިބެންޖެހޭ ބަޖެޓެއް ނުލިބިދާނެކަމުގެ ބިރު އޮތުމުންނެވެ.
ކަން މިހެން އޮތްއިރު، އޮލިމްޕިކް ކޮމިޓީގެ އިންތިހާބާ ދިމާކޮށް، ސަރުކާރުގެ އޮފިޝަލުން، އެކިއެކި ގޮތްގޮތުން، އަންނަނީ، ކުޅިވަރު އެސޯސިއޭޝަންތަކަށް އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގެ ކަންކަމުގައި ނުފޫޒު ފޯރުވަމުންނެވެ. އަދި، ކުޅިވަރު ވުޒާރާގެ އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ، ސޯޝަލް މީޑިއާގައި ވެސް އޮލިމްޕިކް ކުޅިވަރު އެސޯސިއޭޝަންތަކުގައި މި ވަގުތު ތިބި މެންބަރުންނަށް ދެރަވަރުކޮށް ލިޔެފައި ހުންނަ ލިޔުންތަކަށް ރުހުން ދެމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މިދިޔަ ހަތް އަހަރުގެ ސްޕޯޓްސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓް، ކުއްލިއަކަށް އޮލިމްޕިކް ކޮމިޓީގެ އިންތިހާބާ ދިމާކޮށް، އޮޑިޓް އޮފީހުން ނެރުމާ ވެސް ގުޅުމެއް އެބައޮތެވެ. ބޭނުމަކީ، އެސޯސިއޭޝަންތަކުގައި ތިބީ ކުރިން ވެސް ތިބި މީހުން ކަމަށް ދެއްކުމުގެ މޭރުމުން ކަންކަން ތިލަކޮށްދިނުމުގެ އެޖެންޑާ އެވެ. އެކަމަކު، މި ސަރުކާރު އައި ފަހުން، އެއްވެސް ކުޅިވަރު އެސޯސިއޭޝަނެއްގެ އިންތިހާބުގައި، ގިނަ ކެންޑިޑޭޓުންތަކެއް ތިބެގެން ވާދަކޮށްފައިނުވެ އެވެ.
ހަަމަ އެ ގޮތަށް، ހާމަކަން ބޮޑުކޮށް، ކުޅިވަރުގެ އެއްވެސް އިންތިހާބެއްގައި ވާދަކުރުމެއް ނެތި، ވަކި ކަންކަން ހާސިލްކުރަން އޮލިމްޕިކް ކޮޮމިޓީގެ އިންތިހާބާ ދިމާލަށް ސަރުކާރުގެ ނުފޫޒުގެ އަތް ފޯރުވަނީ އެވެ. ފަހަރުގައި، އޮލިމްޕިކް ކޮމިޓީގެ މަގާމަށް ކުރިމަތިލުމުގެ ޝަރުތު ހަމަނުވުމާއި، ރަނގަޅު ކެމްޕެއިނެއް ކޮށްގެން، މަގާމަށް އައުމުގެ ފުރުސަތު ނުފޫޒު ފޯރުވަން ބޭނުންވާ އެ ފަރާތްތަކަށް ނެތަތީވެ، އެކި ގޮތްގޮތުން، މަސްލަހަތު ނަގާލާ ގޮތަށް ކަންކަން ކުރަނީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ