ކިޔާލުމުން ހިތަށް ބިރުވެތިކަމެއް ލިބޭތޯ ނިކަން ބަލާލަބަލަ!: ހިތްހަރުވުމާ ނަރަކަ އުފައްދަވައި ނަރަކައިގެ އަލިފާނުގެ ހޫނުކަން އެހައި ގަދަކުރައްވަވާފައިވާ ސަބަބާއި ހުރިގުޅުން-

ﷲ ތަޢާލާ އެކަމުން ސަލާމަތް ކުރެއްވެވި މީހަކު ފިޔަވައި އެހެން އެންމެންގެ ލޯތަކަށް ނަރަކަ ދައްކަވާނެތެވެ. ނަބީބޭކަލުންނާއި ރަސޫލްބޭކަލުންނަށްވެސް ދައްކަވާނެކަން އެނގެން އެބައޮތެވެ. ވިސްނާލުން މުހިންމު ކަމަކީ ނަރަކަ ލޮލަށް ފެނުމުން ބިރުން ނުވިރޭނެ ހަމައެކަކުވެސް ނުހުންނާނެކަމެވެ.  
މުހިންމީ ނަރަކަ ފެނުމުން ބިރުގަންނަން ޖެހުމެއްވެސް ނޫނެވެ. ތިމާއަކީ ނަރަކައަށް ވަންނަން ޖެހިދާނެ މީހަކުކަމަށްވެދާނެ ކަމެވެ. ނަރަކައަށް ވަންނަން ނުޖެހޭނެ މީހަކަށް ވެވެންއޮތީ މިއަދު އެކަމަށް ކުރި މަސައްކަތަކުންނެވެ. ވީމާ ތިރީގައިވާ ލިޔުމަކީ ވިދާޅުވެލެއްވުން ވަރަށް ފައިދާހުރި ލިޔުމެކެވެ. އިން ޝާ ﷲ  
އިމާމް އިބްނު އަލް-ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ނަރަކަ އުފައްދަވައި ނަރަކައިގެ އަލިފާނުގެ ހޫނުކަން އެހައި ގަދަކުރައްވަވާފައިވަނީ ހަރުވެހިލަވެފައިވާ ހިތްތައް މަޑުކޮށް ލެންބުވުމަށެވެ.  
މިމޭރުމުން ވިދާޅުވެފައި އެވަނީ ވަރަށް ބޮޑު ސަބަބެއް އެކަމުގައި އޮތުމުންނެވެ. ވީމާ އެސަބަބާއިމެދު ފުންކޮށް ވިސްނައިލަމާ ހިނގާށެވެ! ފުރަތަމަ ސަބަބަކީ މީހާއަށް ހެދޭނެ އެންމެ ބޮޑު ގޯހަކީ އެމީހަކުކުރި ފާފައެވެ. ފާފައެއް ކުރެވުމުން އެކަން ފޮރުވަން ގަދައަޅައި މަސައްކަތްކުރާނެއެވެ. އެކަމުން ލިބޭ ނުތަނަވަސްކަން ކުޑަ ކުރެވޭތޯ ގަދައަޅައި މަސައްކަތްކުރާނެއެވެ.  
އެކަމުގެ ހެއްކަކީ މަސްތުވާތަކެތި ބޭނުންކުރުމާއި މިޔުޒިކާއި ބަނގުރާ ބުއިމާއި ފާޙިޝް ޢަމަލުތައް ކުރުމާއި މިހެން ގޮސް ހުރިހާ ބޮޑެތި ފާފަތައް ކުރަމުން ގެންދާކަމެވެ. އެމީހުން އެފާފަތައް އެކުރަނީ ކީއްވެގެން ހެއްޔެވެ؟ އެމީހުން ކުރަމުން އައި ފާތަކުގެ ސަބަބުން އެމީހުންގެ ހިތް ހިލަވީއެވެ. އެމީހުންނަށް ތިމާމެންނަށް މިކުރެވެނީ ކޮންކަމެއްކަން ނުއެނގުނު ނަމަވެސް އެމީހުންނަށް އެކުރެވޭ ކަމަކީ އެމީހުންގެ ހިތް ހިލަވުމުން އަޅަމުންދާ ވޭންތަކަށް ޝިފާއެއް ލިބޭތޯ މަސައްކަތްކުރެވެނީއެވެ.  
ފާފަކުރަން ފަށައިފިނަމަ މަދުމީހަކަށް މެނުވީ އެކަންކަމުން ސަލާމަތް ނުވެވެނީ އެހެންވެގެންނެވެ. އެމީހުންގެ ހިލަވީމާ ހިތަށް ޝިފާއެއް ލިބޭތޯ މަސައްކަތްކުރެވެނީއެވެ. ނަމަވެސް އެމީހުންނަކަށް އެކަމެއްވެސް ނުވިސްނެއެވެ. ނުވިސްނެނީވެސް ހިތް ހިލަވެފައިވާތީއެވެ.  
މިޘާލަކަށް މީހަކު މަސްތުވީމާ އެކަންވެސް އެމީހަކަށް ނުވިސްނޭނެއެވެ. މަސްތުނުވާކަމަށް ހީކޮށް އަދިވެސް އިތުރަށް މަސްތުވެލަން އަނެއްކާވެސް ހަމަ ބޯނީއެވެ. ބޮމުން ބޮމުންގޮސް ހޮޑުލެވި ދެކަމު އެކީގައި ޙާޖަތަށް  ދެވޭއިރުގައިވެސް ހަމަ ބޯނީއެވެ.  
އެއީ ހަމަ މިބުނި މަގުން އެމީހުންގެ ހިތް ހިލަވެފައިވާތީއެވެ. ގަދައަޅައި މަސައްކަތްކުރަންވީ އެފަދަ ހިތަކާއިގެން މަޙްޝަރަށް ނުދިއުމަށެވެ. އެހެނީ ޤިޔާމަތް ދުވަހުގައި ސަލާމަތްކަންވަނީ ޠޯހިރު ހިތަކާއިގެން މަޙްޝަރަށް ދެވުނު މީހަކަށްކަން ޤުރްއާނުން އެނގެން އެބައޮތެވެ.
 
- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ