ހައްޖުގެ އަޅުކަމަށް ފަހު ރައީސް ރާއްޖެ ވަޑައިގެންފި

ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސައުދީ އަރަބިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ސައުދީ ރަސްގެފާނުގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން ހައްޖުގެ އަޅުކަމަށް ފުރާވަޑައިގަތީ މިދިޔަ މަހުގެ 31 ގަ އެވެ.
ތަފްސީލް - ރައީސް އޮފީހުން ބުނީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސްގެ ދެކަނބަލުން ޖިއްދާ އިން ފުރާވަޑައިގަތީ މިއަދު ކަމަށެވެ.
ސައުދީ އިން ރައީސްއަށް އަލްވަދާއު ވިދާޅުވީ ޖިއްދާގެ ގަވަރުނަރު ޕްރިންސް ސައުދު ބިން އަބްދުﷲ ބިން ޖަލާވީ އަލް ސައުދު އެވެ.
ރައީސްގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގަތް ސަރުކާރުގެ ވަފުދުގެ ބޭފުޅުންގެ މެހުމާންދާރީގެ ކަންތައް ބެލެހެއްޓީ ސައުދީ ސަރުކާރުންނެވެ. އެ ބޭފުޅުން ހައްޖަށް ފުރާވަޑައިގަތީ ވެސް ސައުދީ ސަރުކާރުން ފޮނުވި ހާއްސަ މަތިންދާ ބޯޓެއްގަ އެވެ.
ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ އެ ގައުމުގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ސައުދީން ރާއްޖެ އަށް ދެމުން އަންނަ އެހީ ފާހަގަކުރައްވައި ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
މީގެ އިތުރުން ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގު ބިން ފައުޒާން އައްރަބީއާ ވެސް ވަނީ ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ