ނިކޯއާ އެކު ބާސެލޯނާ އިން އެއްބަސްވުމަކަށް: ބިލްބާއޯއާ އެކު މަޝްވަރާތަކެއް ނިކޯއާ އެކު ބާސެލޯނާ އިން އެއްބަސްވުމަކަށް: ބިލްބާއޯއާ އެކު މަޝްވަރާތަކެއް

ބާސެލޯނާ (ޖޫން 19) - އެތުލެޓިކް ބިލްބާއޯ އަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑު ނިކޯ ވިލިއަމްސް އާއެކު އެއްބަސްވުމަކަށް އައިސް ބާސެލޯނާ އިން އޭނާ ގަތުމާ ގާތަށް ޖެހިލައިފި އެވެ.
ސްޕެއިން އަދި ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބާސެލޯނާ އިން ނިކޯ، 22،އާ އެކު އެއްބަސްވެފައިވަނީ 2031 ގެ ހޫނު މޫސުމާ ހަމައަށް އެ ކްލަބަށް ކުޅުމަށެވެ. އެއީ، އަހަރަކު އަށް މިލިއަން ޔޫރޯގެ މުސާރަ އަކަށެވެ.
ކުޅުންތެރިޔާ އާއެކު އެއްބަސްވުމަކަށް އައި ނަމަވެސް ބާސެލޯނާ އިން މިހާތަނަށް ބިލްބާއޯ އާއެކު އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ. ދެ ކްލަބުން މިހާރު ވެސް ނިކޯ އާ ގުޅޭ މަޝްވަރާތައް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި ހަފުތާގެ ތެރޭގައި ބިލްބާއޯގެ އޮފިޝަލަކު ބުނި ގޮތުގައި އަގު އަގުކުޑަކޮށް ނިކޯ ވިއްކާލުމުގެ ވިސްނުމެއް އެ ކްލަބަކުން ނުގެންގުޅެ އެވެ.
ބިލްބާއޯ އިން ނިކޯ އާއެކު 2027 ގެ ނިޔަލަށް ވެފައިވާ އެއްބަސްވުން އުވާލާނީ 75 މިލިއަން ޑޮލަރަށެވެ. ބާސެލޯނާއިން ބޭނުންވަނީ އެއްފަހަރާ ދެއްކުމުގެ ބަދަލުގައި ބަހާލައިގެން އެ ފީ ދައްކާށެވެ.
ބާސެލޯނާގެ އިތުރުން އިނގިރޭސި ދެ ކްލަބް ކަމަށްވާ އާސެނަލް އަދި ޗެލްސީގެ އިތުރުން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް އިން ވެސް ނިކޯ ގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ނިކޯ ބޭނުންވަނީ ސްޕެއިންގައި މަޑުކޮށް ބާސެލޯނާއާ ގުޅޭށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ