ސަލްމާންގެ ގެއަށް ވަންނަން މަސައްކަތްކުރި އަންހެނަކު ފުލުހުން ހައްޔަރުކޮށްފި
ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން މުމްބާއީގައި ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓަށް ވަންނަން މަސައްކަތް ކުރި އަންހެނަކާއި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މުމްބާއީގެ ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ބުނެފައި ވަނީ މި ދެ މީހުން ވަނީ މީގެކުރިންވެސް ސަލްމާން ދިރިއުޅޭ އެޕާޓްމަންޓަށް ވަންނަން މަސައްކަތްކޮށްފައި ކަމަށެވެ. މީގެތެރެއިން ފިރިހެންމީހާ އަކީ ކާކުކަން ދެނެގަނެވިފައިވާއިރު އެ އެޕާޓްމަންޓަށް ވަންނަން މަސައްކަތްކުރި އަންހެންމީހާގެ ވަނަވަރު ދެނެގަންނަން މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. މިދިޔަ އަންގާރަ ދުވަހު ހިނގި މި ހާދިސާގައި ސަލްމާންގެ ގެއަށް ވަންނަން އުޅުނު ފިރިހެންމީހާ އެ ދުވަހުގެ ހެނދުނުއްސުރެ ގެލެކްސީ އެޕާޓްމަންޓް ސަރަހައްދުގައި ހަރަކާތްތެރިވިކަމަށް އެތަނުގެ ސެކިއުރިޓީން ވަނީ ބުނެފައެވެ. ސަލްމާން ގެލެކްސީ އެޕާޓްމަންޓްގެ ބެލްކަނީގައި ފޭނުންނާ ބައްދަލުކުރަނީ --ފޮޓޯ/ބޮލީވުޑްހަންގާމާ ތަކުރާރުކޮށް ސަލްމާނަށް ލިބެމުން އަންނަ މަރުގެ އިންޒާރުތަކާ ގުޅިގެން ގެލެކްސީ އެޕާޓްމަންޓްގެ ސެކިއުރިޓީންގެ ގޮތުގައި ފުލުހުން ވެސް ހަރަކާތްތެރިވެއެވެ. ސަލްމާންގެ އެޕާޓްމަންޓަށް ވަންނަން އުޅުނު މީހާއާ ސުވާލުކޮށް ހެދުމުން އޭނާ ވަނީ ރުޅި އައިސްގެން އެތަނުގައި ހަރަކާތްތެރިވި ފުލުސް ސެކިއުރިޓީ މީހާގެ ފޯނުވެސް ބިންމަތީގައި ޖަހައި ހަލާކުކޮށްފައި ކަމަށް މީޑިއާތަކުން ބުނެއެވެ. ފަހުން އެ މީހުން ގެލެކްސީ އެޕާޓްމަންޓަށް ވަދެފައި ވަނީ އެ އިމާރާތުގައި ދިރިއުޅޭ އެހެން ބައެއްގެ ކާރުގައި ކަމަށާއި ނަމަވެސް ފުލުހުންނަށް އެކަން ފާހަގަ ކުރެވި އޭނާ ބަންޑްރާގެ ފުލުހުންނާ ހަވާލުކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. ފުލުހުންނަށް ދިން ސްޓޭޓްމަންޓްގައި މި ދެ މީހުންވެސް ބުނެފައި ވަނީ އެމީހުން ގެލެކްސީ އެޕާޓްމަންޓަށް ވަންނަން އުޅުނީ ސަލްމާންއާ ބައްދަލުކުރަން ކަމަށެވެ. ނަމަވެސް އެތަނުގެ ސެކިއުރިޓީން އެކަމަށް ހުރަސް އެޅުމުން މަޖުބޫރުވީ އެހެން މީހެއްގެ އެހީތެރިކަމާ އެކު އެ އިމާރާތަށް ވަނުމަށް ކަމަށް ވަނީ ބުނެފައެވެ. މި ހާދިސާ ހިނގި ވަގުތު ސަލްމާން ގެލެކްސީ އެޕާޓްމަންޓްގައި ހުރިކަން ސާފު ނުވާއިރު މިކަމާ ގުޅިގެން އެކްޓަރުގެ ފަރާތުން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އިންޑިއާގެ މަޝްހޫރު ބިޝްނޯ ލޯރެންސް ގޭންގް ފަރާތުން ސަލްމާނަށް ލިބެމުން އަންނަ މަރުގެ އިންޒާރުތަކާ ގުޅިގެން ދާދިފަހުން ގެލެކްސީ އެޕާޓްމަންޓްގެ ސެކިއުރިޓީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ