ތޮއްޑޫ ދާއިރާގެ ތިން ރަށަށްވެސް ތަފާތުކުރުމެއްނެތި ތަރައްގީ ގެނެސްދޭނަން: ރައީސް

ތޮއްޑޫ ދާއިރާގެ ތިން ރަށަށްވެސް ތަފާތުކުރުމެއްނެތި ތަރައްގީ ގެނެސްދޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ތޮއްޑޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދާއިރާގެ ތިން ރަށްކަމަށްވާ ތޮއްޑޫ އުކުޅަސް އަދި ރަސްދޫއަށް ވެސް އޮތީ ކުރިއެރުން ކަމަށެވެ. އެގޮތުން ތޮއްޑޫގެ ބައެއް މަސައްކަތްތައް ނިމިފައިވާއިރު އުކުޅަހުގެ މަސައްކަތްތައް އަންނަނީ ކުރިއަށް ގެންދަމުންކަމަށް ވިދާޅުވިއެވެ.
ރަސްދޫގެ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށް ކުރަން އެބަހުރިކަމަށާއި އެންމެ ބޮޑު ޝަކުވާއެއްގެ ގޮތުގައި އަބަދުވެސް ރަސްދޫ ބަނދަރުގެ ވާހަކަ އެމަނިކުފާނާއި ހަމައަށް އަންނަކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެމަސައްކަތްވެސް ރަސްދޫ ރައްޔިތުންނާއި ކައުންސިލުން ބޭނުންވާގޮތަށް ބަނދަރަށް ބަދަލު ގެނައުމުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ބަޔަކާއި ހަވާލުކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
"ދާއިރާގެ ތިން ރަށަށްވެސް ރާއްޖޭގެ އެހެން ރަށްރަށްވެސް މިގެންނަ ހެޔޮ ބަދަލު ތަފާތުކުރުމެއްނެތި އަޅުގަނޑުމެން ގެންނާނެކަމުގެ ޔަގީންކަން އަރުވަން"
ރައީސްގެ ވާހަކަފުޅުގައި ތޮއްޑޫގައި ގޯއްޗަށް އޮތް ޑިމާންޑް ހާމަވެފައިވާ ކަމަށާއި މިހާރު އިއުލާންކޮށްފައިވާ 100 ގޯތީގެ އިތުރަށް އިތުރު 100 ގޯތި ދޫކުރުމަށް މިއަހަރު އިއުލާންކުރާނެކަމަށް ވިދާޅުވިއެވެ.
މިސަރުކާރުން ކަންކުރަމުންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކައުންސިލްތަކާއި މަޖިލިސް މެމްބަރުންނާއި މަޝްވަރާކޮށްގެންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދާއިރާގެ މެމްބަރު އެމަނިކުފާނާއި ގާތް ނުވުމަކީ އެދާއިރާ ދުރުކޮށްލާނެކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ