އެ ކުޑަކުޑަ ގޯޅީގައި ސައިކަލް ޕާކްކުރާނެ ތަނެއް ހޯދަމުން ދަނިކޮށް ޖާގަ ލިބުނީ އެއްކޮޅުން ގޮސް ގޯޅިގަނޑު ނިމޭ ހިސާބުންނެވެ. އަހަ، އެ ހުންނެވީ ޒުވާން، މުއްސަނދި ވިޔަފާރިވެރިއެކެވެ. ސިނގިރޭޓް އަގު ކިތައްމެ ބޮޑުވިޔަސް އޭނާއަށް ނުގަނެވޭ ވަރެއް ނުވާނެ އެވެ. އެހެންކަމުން އޮފީހުގެ ބޭރުގައި ސިނގިރޭޓެއް ހިއްޕަވައިގެން ހުންނެވުމަކުން ހައިރާންވާކަށް ނުވެސް ޖެހެ އެވެ.
އޭނާ އެދިވަޑައިގަތީ އޭނާގެ މަސައްކަތް ބަލައިލަން އެތަނަށް ވަނުމަށެވެ. އެ އެދިވަޑައިގަތުމަށް ނޫނެކޭ ބުނެ ހިނގައިގަނެވޭ ވަރަށް ވުރެ އެ ބޭފުޅާ ކައިރި އެވެ. އެހެންކަމުން އަވަހަށް އެތަނަށް ވަދެ، އޭނާގެ ކުރިއަރާފައިވާ ވިޔަފާރީގެ ހަރަކާތްތައް ބަލައި، އެ ކުރިއެރުމާ މެދު ތައުރީފު ވެސް ކޮށްލެވުނެވެ.
ދެން ވަނީ އޭނާގެ އޮފީސް ކޮޓަރިއަށެވެ. ވާހަކަ ފެށުނީ އެހާ ހިސާބުންނެވެ.
އެއްސެވީ ދެން 'ތިހެން މުޅި އުމުރު ނޫސްވެރިކަން ކޮށްލަކޮށްލާ ހުންނަނީ ހެއްޔޭ' އެވެ. 'ބޮޑު އާމްދަނީއެއް ލިބޭނެ ކަމެއް ކުރާކަށް އަދިވެސް ނުވޭ' ހެއްޔެވެ؟
ޖަވާބުގައި އަޅުގަނޑު ބުނީ "ދެން ނޫސްވެރިކަން ކުރާނެ ބަޔަކު ވެސް އުޅެންވާނެތާ'އޭ އެވެ.
އެހާ ހިސާބުން ސިޔާސީ ބައެއް ކަންކަމަށް ވާހަކަ އެނބުރުނެވެ. އޭނާ ފެއްޓެވީ ޕީއެންސީން މި މަހު ބޭއްވި ބޮޑު ޖަލްސާގެ ވާހަކައިންނެވެ.
"އަހަންނަށް މައްސަލައެއް ނެތް ފައިސާ ދީގެން އެ ޖަލްސާއަށް މީހުން ގެނަޔަސް. އެއީ އެ ލިބޭ ބަޔަކަށް، އެއީ 1،000ރ، ވިޔަސް 2،000ރ. ވިޔަސް އެ ލިބޭ އެއްޗެއް އޭނާ ގޮސް އަނެއްކާ ހޭދަކުރާނެ ދޯ. އޭރުން ވިޔަފާރި ހަމަ ހިނގާނެތާ. އިގުތިސޯދަށް އެއްޗެއް ވަންނާނެއެއްނު،" ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.
ވާހަކަ މުޅިން ގޯހެއް ނޫނެވެ. އެކަމަކު މިހާ ހިސާބުން ވިޔަފާރިވެރިޔާ އާއި ރަނގަޅު ނޫސްވެރިޔާ ތަފާތުވާ ހިސާބު އެބަ އާދެ އެވެ. ނުވަތަ އާންމުންގެ ގިނަ މީހުން ކުރަން ބޭނުން ނޫން ސުވާލު، ނޫސްވެރިޔާގެ ސިކުނޑިއަށް ވަދެ އެވެ.
އަޅުގަނޑު ބުނީ "(ނަން ކަނޑާލާފައި)އާއި އަހަންނާ ތަފާތުވާ ތަންކޮޅަކީ ތިއީ" ކަމަށެވެ.
"އަހަރެން ނޫސްވެރިޔަކަށް ވީމާ ކުރެވޭ ސުވާލަކީ ޕީއެންސީން އެ ފައިސާ ހޯދީ ކިހިނެއް ހެއްޔޭ. ރައީސް މުއިއްޒުއަށް އެހާ ބޮޑު ހޭދައެއް ކުރެއްވެނީ ކޮން ތާކުން، ކިހިނެއް ފައިސާ ހޯއްދަވައިގެންތޯއޭ،" އަޅުގަނޑު ބުނީމެވެ.
ރަނގަޅެވެ. ސިޔާސީ ޕާޓީތަކުން ބޮޑެތި ޖަލްސާތައް ބާއްވަ އެވެ. ހާއްސަކޮށް އޭރަކު ސަރުކާރުގައި އޮންނަ ޕާޓީއެކެވެ. ސަރުކާރު ހިންގާ ޕާޓީއަށް ދައުލަތުގެ މުދަލަށް ކޮންމެ ގޮތެއް ހެދުމުގެ ބާރު ވެސް، ރާއްޖޭގައި، ލިބެ އެވެ. މާލޭގައި އޮންނަ ބޮޑު އެއްވުމަކަށް މުޅި ރާއްޖެއިން މީހުން ގެންނަން އެ ހޭދަކުރަނީ ޕާޓީއަށް ދައުލަތުން ދޭ މާލީ އެހީއަކުން ވެސް ނޫނެވެ. ހެޔޮއެދޭ މީހުން ދޭ އެހީއަކުން ވެސް ނޫނެވެ. ޕާޓީތަކުން އެކަން ކުރަން ދައުލަތުގެ، ހުރިހާ ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ އެވެ. މޯލްޑިވިއަންގެ ފްލައިޓްތައް ޗާޓަރުކުރަން، އެހެން ބަޔަކަށް ނުލިބޭ، ފަސޭހަތައް ހޯދަ އެވެ. މަޖުބޫރުކޮށްގެން އެކަން ކުރުވަ އެވެ.
މިގޮތަށް މި ލިއެވެނީ ނޫސްވެރިޔަކަށް ވީމަ އެވެ.
އަޅުގަނޑު ވިޔަފާރިވެރިޔާ ކައިރީގައި އެހީ ސަރުކާރު ތެރެއިން އޭނާ ހޯއްދަވާ ފުރުސަތުތަކުގެ ވާހަކަ އެވެ. އޭނާ ވިދާޅުވީ ސަރުކާރުން އޭނާއަށް ދޭ މަސައްކަތެއް ވިއްޔާ ދެނީ، އެ ނިންމަން ޖެހޭ ވަގުތަށް ބަރާބަރަށް ނިންމައި، އެ ބޭނުންވާ ފެންވަރަކަށް އެކަން ކުރާނެކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ. އެ މަސައްކަތް އޭނާއަށް ލިބިވަޑައިގަންނަވަނީ ވާދަވެރި ބިޑަކަށް ގޮސްގެންތޯ ނުބައްލަވަ އެވެ.
ސަރުކާރުން ކުރާ މަސައްކަތްތަކުގެ އަގު ވަކި ވަރަކަށް ވުރެ ބޮޑު ވެއްޖެ ނަމަ ވާދަވެރި ބިޑަކަށް ދާން ޖެހެ އެވެ. އެކަމަކު މިހާރު އެ އުސޫލެއް ނެތެވެ. ސަރުކާރުން ބޭނުން ބަޔަކަށް، ބޭނުން އަގެއްގައި މަސައްކަތްތައް ހަވާލުކުރަން ފެށީ އިހަކަށް ދުވަހު އެވެ. މަދުވެގެން 2 ބިލިއަން ރުފިޔާގެ މަސައްކަތެވެ.
ނުލިބޭ ވިޔަފާރިވެރިންގެ ޝަކުވާ ހުންނާނެތާ އެވެ. އެ ޝަކުވާތަކާ ބެހޭ ގޮތުން ސުވާލުކުރާނީ ކޮން ބައެއް ހެއްޔެވެ؟ އާއެނކެވެ. އަޅުގަނޑުމެންނެވެ. ނޫސްވެރިންނެވެ. އެއީ އެ މަސައްކަތްތައް ލިބުނު މީހުން ދެކެ ރުޅިއައިސް، ނުވަތަ އެއީ ވަކި ބަޔަކަށް ވީމައެއް ނޫނެވެ. ދައުލަތުން ކުރާ ހަރަދު، އިންސާވެރިކަމާއި ހަމަހަމަކަމާ އެކު ކުރުމަކީ އެންމެންގެ ހައްގު ހިމާޔަތްކުރުން ކަމަށް ވާތީ އެވެ. ދައުލަތުގެ ފައިސާއަކީ އޭރު ވެރިކަމުގައި އޮންނަ ސަރުކާރުން ބޭނުން ގޮތަކަށް ބަހާ އެއްޗެއް ނޫނެވެ.
ވިޔަފާރިވެރިޔާ ކައިރީ އަޅުގަނޑު ބުނީމެވެ.
"އެއްވެސް އިރެއްގައި މުއްސަންޖަކަށް ވާކަށް އަހަރެން އުއްމީދެއް ނުކުރަން. ހިތަށް ވެސް ނާރާ. އަހަރެން އަބަދުވެސް ބޭނުންވަނީ ދިރިއުޅުން ހަމަޖެއްސޭ ވަރަށް އާމްދަނީ ލިބޭ ނަމަ އެ ހުރީ ފުދިފައޭ."
އެ ވާހަކައަށް ވިޔަފާރިވެރިޔާ ދެކޮޅެއް ނޫނެވެ. އެކަމަކު އޭނާގެ ހިތްޕުޅުގައި އަޅުގަނޑު ކުރާ މަސައްކަތަށް މާ ބޮޑު އަގުވަޒަންކުރުމެއް އޮތް ކަމަކަށް ނުފެނެ އެވެ. އެހެން ވެދާނެ އެވެ. މާދަމާ ވެސް އޭނާއާ ބެހޭ ގޮތުން ހިތްހަމަޖެހިވަޑައިނުގަންނަވާ އެއްޗެއް ލިއެފާނެ އެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުން ނަމަ، އުސޫލުތަކާ ހިލާފަށް އެއްވެސް މަސައްކަތެއް ނުހޯއްދަވަ އެވެ. އެހެން ކަމަށް ވާ ނަމަ މި ފަހުން ސަރުކާރުން ބޮޑު ހޭދައެއްކުރި އެތައް ކަމެއްގައި އޭނާގެ ކުންފުންޏަށް ފުރުސަތު ލިބުނީ ކިހިނެއްތޯ ސުވާލުކުރީމެވެ.
"އަހަންނަށް ވުރެ މާ ގިނައިން [ނަން ކަނޑާލާފައި] ލިބުނު. އަހަރެން ކުރި މަސައްކަތަށް އަރަނީ 4.2 މިލިއަން ރުފިޔާ. އޭގެ ތެރެއިން އަދިވެސް ދެބައި ކުޅަ އެއްބައި ނުލިބޭ،" އޭނާ ވިދާޅުވި އެވެ.
އެއީ އެންމެ މަސައްކަތެކެވެ. އެކަހަލަ ކިތައް މަސައްކަތް މުޅި އަހަރު ތެރޭގައި ލިބޭނެ ހެއްޔެވެ؟
ހަމަޖެހިލާފައި ސިނގިރޭޓެއް ބޯލުން ރަނގަޅުތާ އެވެ.
ސިނގިރޭޓް ނުބޮއި އަޅުގަނޑު މި ހުންނަނީ، ﷲގެ ރަހުމަތްފުޅާ އެކު، ހަމަޖެހިފަ އެވެ. މީގެ 36 އަހަރު ކުރިން، ދުވަހު ނޫސް 'ހަވީރު'ގައި، ފެށި ނޫސްވެރިކަމުގަ އެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސް މުހައްމަދު ނަޝީދު، ރައީސް މުހައްމަދު ވަހީދު، ރައީސް އަބްދުﷲ ޔާމީން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި މިހާރުގެ ރައީސް މުހައްމަދު މުއިއްޒަށް ފާޑުކިޔާކަށް ވެސް އަޅުގަނޑު ޖެހިލުމެއް ނުވެ އެވެ. އެ ބޭފުޅުންނަށް ކުރެއްވިފައި ހުރި ގޯސް ކަންކަން އަލުން ހަނދާންކޮށްދޭކަށް ވެސް ބިރެއް ނުގަނެ އެވެ.
އެއިން އެއްވެސް ބޭފުޅަކަށް އަޅުގަނޑު ވިކިފައެއް ނޯންނާނެ އެވެ. އެއިން އެއްވެސް ބޭފުޅެއްގެ އަރިއަހަށް އަމިއްލަ ކަމަކު ގޮސްފައެއް ވެސް ނުވާނެ އެވެ. އެހެންކަމުން އެ ބޭފުޅުންނަށް އެއް ކަމެއް ޔަގީންވާނެ އެވެ: ނޫސްވެރިޔާ މޫސާ ލަތީފު ލިއާނެ އެވެ. އޭނާ ފާޑު ވެސް ކިޔާނެ އެވެ. އޭނާ ތައުރީފު ވެސް ކުރާނެ އެވެ.
އަޅުގަނޑާ ވާހަކަ ދެއްކެވި ވިޔަފާރިވެރިޔާ ހުންނެވީ އެކައުންޓް ބޮޑުކުރުމުގެ މަސައްކަތުގަ އެވެ. އަޅުގަނޑުގެ ހަމަ އެއްވެސް މައްސަލައެއް ނެތެވެ. އަޅުގަނޑު ހުންނާނީ، އިރާދަކުރެއްވިޔާ، ނޫސްވެރިކަމުގަ އެވެ.
މުއްސަނދި ވިޔަފާރިވެރިޔަކާއި ނޫސްވެރިއެއްގެ ތަފާތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ