ބާމިންހަމް (ޑިސެމްބަރު 9) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް އަތުން 4-1 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ލީގުގެ ހަ ވަނަ އަށް ޖެހިލައިފި އެވެ.
ޔުނައިޓެޑް، ހަ ވަނަ އަށް ޖެހިލީ 15 މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް ޗެލްސީ އަށް ވެސް 15 މެޗުން ލިބިފައިވަނީ، 25 ޕޮއިންޓެވެ.
ވުލްވްސްގެ މޮލިނެއުސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން 25 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް ޖެހި ގޯލުން އެ ޓީމުން ވަނީ ލީޑުނަގައިފަ އެެވެ. މިއީ މިދިޔަ ސެޕްޓެމްބަރު މަހަށް ފަހު ލީގުގައި ފެނާންޑޭސް ޖެހި ފުރަތަމަ ގޯލެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ވުލްވްސް އިން ވަނީ އެއްވަރުކޮށްފަ އެވެ. މި ލަނޑު ޖެހީ، ޖިއަން-ރިސްނާ ބެލަގާޑް އެވެ. މިއީ، 540 މިނިޓް ތެރޭގައި، ވުލްވްސް އިން ޕްރިމިއާ ލީގުގައި ޖެހި ފުރަތަމަ ގޯލެވެ.
ދެ ވަނަ ހާފު ފެށިގެން ހަ މިނިޓް ތެރޭ ޔުނައިޓެޑުން އަނެއްކާ ވެސް ލީޑުނެގި އެވެ. މިއީ، 51 ވަނަ މިނިޓްގައި ވުލްވްސްގެ އޮފްސައިޑް މަޅިން ސަލާމަތްވެ، އެޓޭކަށް އަރައި، ޑިއޯގޯ ޑަލޯ ދިން ބޯޅައަކުން ބްރަޔަން އެމްބެއުމޯ ޖެހި ގޯލެކެވެ. އަދި، އޭގެ ދިހަ މިނިޓް ފަހުން، މެޗުގެ 62 ވަނަ މިިނިޓްގައި ފެނާންޑޭސް ދިން ބޯޅައަކުން މޭސަން މައުންޓް ވަނީ ޔުނައިޓެޑްގެ ތިން ވަނަ ލަނޑު ޖަަހައިފަ އެވެ.
މެޗުގެ 82 ވަނަ މިނިޓްގައި ޔުނައިޓެޑަށް ލިބުނު ޕެެނަލްޓީ އަކުން ފެނާންޑޭސް، އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖަހައި ތިން ޕޮއިންޓް ކަށަވަރުކުރިއިރު، މިއީ، ލީގުގައި ވުލްވްސް ޖެހިޖެހިގެން ބަލިވި އަށް ވަނަ މެެެެޗެވެ. އެ ޓީމު އޮތީ، 15 މެޗުން ދެ ޕޮއިންޓާ އެކު، ލީގުގެ ފުލުގަ އެވެ. އެއީ މި ސީޒަނުގައި މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމެވެ.
ވުލްވްސް އަތުން މޮޅުވެ ޔުނައިޓެޑް ހަ ވަނަ އަށް ވުލްވްސް އަތުން މޮޅުވެ ޔުނައިޓެޑް ހަ ވަނަ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ