ދަރިވަރަކާ ޓީޗަރަކާ ދެމެދު ހިނގި ތަޅައިފޮޅުމުގައި ގިނަ ބަޔަކު ދިފާއުކުރަނީ ޓީޗަރު

ރާއްޖޭގެ ދެކުނުގެ ސްކޫލެއްގައި މަތީ ގުރޭޑެއްގައި ކިޔަވަމުން އަންނަ ދަރިވަރަކާއި ބިދޭސީ ޓީޗަރަކާ ދެމެދު ހިނގި ހަމަނުޖެހުމުގައި ގިނަ ބަޔަކު ބިދޭސީ ޓީޗަރު ދިފާއުކޮށްފިއެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާ ހިނގީ މިއަދު މެންދުރު 12 ޖަހާކަން ހާއިރެވެ. ސޯޝަލް މީޑިއާގައި ދައުރުވި 47 ސިކުންތުގެ ވީޑިއޯއަކުން ފެންނަނީ ކިލާސްރޫމެއްގައި ފިރިހެން ދަރިވަރަކު ބިންމަތީ ވެއްޓި އޮއްވައި، ބިދޭސީ ޓީޗަރު އޮޅުލައިގަންނަ މަންޒަރެވެ. އެއަށްފަހު، ބިންމަތިން ތެދުވެ، ދަރިވަރު ޓީޗަރުގެ ކޮނޑުގައި ޖަހަން މަސައްކަތްކުރުމުން ޓީޗަރު ދަރިވަރު ދުރަށް ޖައްސަން އުޅުނު މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އޭގެ ފަހުން ފިރިހެން ދަރިވަރު ޓީޗަރުގެ ގައިގައި ޖެހުމާއެކު، ރައްދުގައި ޓީޗަރު ކުއްޖާ ގައިގައި ބާރަށް އަތްލައެވެ. މި ހާދިސާގައި ބައެއް މީހުން ދަރިވަރުގެ ދިފާއުގައި ވާހަކަ ދެއްކި ނަމަވެސް، ގިނަ ބަޔަކު ވަނީ ޓީޗަރުގެ ދިފާއުގައިވެސް ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކޮށްފައެވެ. 'ސަން' އިން މި ހާދިސާއާ ގުޅިގެން މިއަދު ލިޔުނު ޚަބަރުގައި ކޮމެންޓްކުރި މީހަކު ބުނީ، މި ހާދިސާ ހިނގަން މެދުވެރިވީ ނުރަނގަޅު ވީޑިއޯއެއް ކިލާސްރޫމްގައި އަޅުވައިގެން އެކަމާ މެދު ހިތްހަމަނުޖެހިގެން ކަމަށެވެ. "އެހެންވެ ޓީޗަރު ވަނީ ދަރިވަރުގެ އަތުން ފޯނު އަތުލައިފަ. އެހެންވެ ބަދަލުގައި ދަރިވަރު ހަމަލާދިނީ ޓީޗަރަށް. ރައްދުގައި ޓީޗަރު ހަމަލާދިނީ އޭނާގެ ދިފާއުގައި. ދަރިވަރު ކުރި ކުށަށް ޒިންމާދާރުކުރުވެން ޖެހޭނެ،" ޒައުޖަތު އަޙްމަދު ވަ އުއްމު ޙަމްޒާގެ ނަމުގައި 'ސަން'ގެ ޕޯސްޓަށް މީހަކު ކުރި ކޮމެންޓުގައި ބުންޏެވެ. ކޮމެންޓްކުރި ގިނަ މީހުން ބުނީ އެއީ ދަރިވަރުގެ އަޚުލާގީ މައްސަލައެއް ކަމަށެވެ. ފާތިމަތު އިބްރާހީމް ކިޔާ މީހަކު ބުނިގޮތުގައި އެ ދަރިވަރުންތައް ޓީޗަރަށް ގަނާކުރާތާ ދުވަސްތަކެއް ވެއްޖެއެވެ. އެހެންކަމުން ދަރިވަރުން ސަސްޕެންޑުކުރަން އޭނާ ގޮވާލިއެވެ. https://x.com/JenniferAishath/status/1998778877494071390 މި ހާދިސާގެ ވީޑިއޯއެއް ރީޕޯސްޓުކުރައްވައި އައިލެންޑް އޭވިއޭޝަންގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢައިޝަތު ޖެނިފާ 'އެކްސް'ގައި ލިޔުއްވިގޮތުގައި ޓީޗަރު ރުޅިއަރުވައި ޓީޗަރަށް ޖެއްސުންކުރުމުން ދަރިވަރަށްވެސް އަދަބު ލިބެންޖެހޭނެއެވެ. "އަދި ޓީޗަރު ވަނީ ސަސްޕެންޑުކޮށްފަ، ކޮބާ ދަރިވަރު، އަދި ދަރިވަރުގެ އަމަލަށް ތާއީދުކުރި އެހެން ފަރާތްތައް؟" ޖެނިފާ ލިޔުއްވާފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަޙްމާން ވެސް ވަނީ މި ހާދިސާގައި ގޯހީ ހަމައެކަނި ޓީޗަރުތޯ ސުވާލު އުފައްދަވައިފައެވެ. ކުލާސްރޫމުގައި އެ ވަގުތު އިތުރު ދަރިވަރުން ވެސް ތިބިއިރު، ބައެއް ދަރިވަރުން "ހަމަޖެހޭށޭ" ބުނެ އެ ކަން ހުއްޓުވަން ބަސް ބުނަމުން ދިޔަ އަޑު އިވެއެވެ. އެއާއެކު އަނެއްކާ ވެސް އެ ދަރިވަރު، ޓީޗަރު ގައިގައި ޖެހުމުން، ޓީޗަރު ދަރިވަރު ގައިގައި ޖަހައި ކޮއްޕައިލުމަށްފަހު ދުރަށް ދެއެވެ. މި ހާދިސާއާ ގުޅޭ އިތުރު ބައެއް ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ. ދަރިވަރާއި ޓީޗަރާ ދެމެދު ހިނގި މި ހާދިސާގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޓީޗަރު ސަސްޕެންޑުކޮށް، މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފައެވެ. ފުލުހުންވެސް އަންނަނީ މި މައްސަލަ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ