ކުރީ ހަފުތާގައި ލިޔުނު ލިޔުމަށް މީހަކު ކޮށްފައި އޮތް ކޮމެންޓެއްގައި އޮތީ އެ ލިޔުމަށް ވަރަށް ފުރިހަމަ މިސްރާބެއް ދައްކައިދީފަ އެވެ. ހަގީގަތުގައި ބުނަން އުޅުނު ވާހަކަ ބުނެވޭނޭ މާ މޮޅު، ސާދާ ޖުމުލަ އެކެވެ. އެއީ "އަހަރެން ކައިލެވުނީ ހުދުގެރި ކައިލެވުނު ދުވަހު އެވެ." މި ޖުމުލަ އެވެ.
އެކުވެރިކަމާއެކު ދުވަސްތައް ވެއަތުކުރަމުން ދިޔަ މަސް ފަލަ ހުދު ގެރިއަކާއި ރަތް ގެރިއަކާއި ކަޅު ގެރިއެކެވެ. މި ތިން ގެރި ޝިކާރަ ކުރެވޭތޯ ސިންގާ ގެންދިޔައީ އަބަދުމެ ފިކުރު ކުރަމުންނެވެ. އެހެންނަމަވެސް ހުރިހައި ވަގުތެއް އެކުގައި ހޭދަކުރާތީ މި ތިން ގެރީގެ ތެރެއިން އެއްވެސް ގެރިއަކަށް ހަމަލާދިނުމަށް ސިންގާ އޮތީ ނުކުޅެދިފަ އެވެ. ކޮންމެ ފަހަރަކު ތަދުބީރު ކުރާ ރޭވުން ފޭލިވެގެން ދަނީ އެއް ގެރި އަނެއް ގެރީގެ ހިމާޔަތުގައި ތިބޭތީ އެވެ. ދަންފަޅި ބަހައިގެން ނިދުމާއި، ކާނާއާއި ބޯފެން ހޯދުމަށް ދަތުރުކުރުމުގައި ވެސް އެކުގައި އުޅޭއުޅުމަކީ މި ގެރިތައް ސިންގާގެ ވަކިތަކުން ސަލާމަތްވެ ތިބުމުގެ ހަގީގީ ސަބަބެވެ.
ސިންގާއަށް ވިސްނުނީ މި ގެރިތަކުގެ އެކުވެރިކަން މިހެން އޮތްހައި ދުވަހަކު އެސޮރުގެ ބޭނުން ފުދެން ނެތްކަމެވެ. އެކަމާ ފިކުރުކޮށް އެސޮރު ނެރުނު މޮޅު ބުއްދިއަކީ ތިން ގެރީގެ އެކުވެރިކަން ނިމުމަކަށް ގެނައުމާއި އަމިއްލަ އެދުން ހިތަށް ވެއްދުމެވެ. ސިންގާ ހިޔަޅު މެދުވެރިކޮށް ކަޅު ގެރިއާ ވާހަކަ ދެއްކި އެވެ. ކަލޭގެ ހުރިހައި ވަގުތެއް ވަރުބަލިކަމުގައި ތިޔަ ދުއްވާލަނީ އަނެއް ދެ ގެރީގެ ހިމާޔަތުގަ އެވެ. ކަލެއަކީ ސިންގާގެ ކިބައިން ސަލާމަތްވުމުގެ ހުނަރާއި ބާރު ހުރި ޖަނަވާރެކެވެ. އަމުދުން ސިންގާއަށް ތިޔަތަނުން އެއް ގެރި ކައިލެވިއްޖެނަމަ ދެން އިތުރަކަށް ކަލޭމެންނަކާ ދިމާކޮށްލައިގެން ނޫޅޭނެ އެވެ. ކަލޭމެންގެ ހުރިހައި ހަކަތައެއް ތިޔަ ހޭދަވަނީ ސިންގާގެ ކިބައިން ސަލާމަތްވުމަކަށް ނޫންހެއްޔެވެ؟ ތިޔައިގެ ތެރެއިން އެއް ގެރި ސިންގާއަށް ކާލަން ލިބިއްޖެނަމަ ކަލޭމެންގެ ތިޔަ ތަކުލީފު ނިމުމަކަށް އަންނާނެ ނޫންހެއްޔެވެ؟
ހިޔަޅު އެސޮރުގެ ހިޔަޅު ބުއްދިން ދެއްކި ހުއްޖަތުތަކަށް ހެއްލި، ކަޅު ގެރިއަށް ވެސް މި ވާހަކަތައް ތެދު ކަމަށް ފެނިއްޖެ އެވެ. ލަހެއް ނުވެ އެސޮރު ގޮސް ރަތް ގެރިއަށް ވެސް މި ފިލާވަޅު ނަގައިދިނުމުން ރަތް ގެރިވެސް އެކަމަށް އެއްބަސްވެއްޖެ އެވެ. ސިންގާ އައިސް ހުދު ގެރި ކައިލީ ރަތްގެރިއާއި ކަޅު ގެރީގެ އެނގުމާ ފެނުމުގެ ތެރެއިންނެވެ. އެކަން އެހެން ވިޔަދޭން ދޫކޮށްލުމުންނެވެ. އެހެންނަމަވެސް ކަން ވެގެންދިޔައީ އުއްމީދު ކުރި ގޮތަކަށް ނޫނެވެ. ޖެހިގެން އައި ދުވަހު ދަހިވެތި ސިންގާ އައިސް ރަތް ގެރި ކައިލައިފި އެވެ. ދެން އައީ ކަޅު ގެރީގެ ދުވަހެވެ. ސިންގާގެ ތޫނު ވަކިތައް އެސޮރަށް އަމާޒުވި ވަގުތު އެސޮރު ގިސްލަމުން ބުންޏެވެ. އަހަރެންގެ ނިމުން އައީ މިއަދަކު ނޫނެވެ. ހަގީގަތުގައި އަހަރެން ކައިލެވުނީ ހުދުގެރި ކައިލެވުނު ދުވަހު އެވެ.
މިއީ އަރަބި ހަރުބަހެކެވެ. މި ވާހަކައިން އުފެދުނު ހަރު ބަހުގެ ތަރުޖަމާއަކީ "އަހަރެން ކައިލެވުނީ ހުދުގެރި ކައިލެވުނު ދުވަހު" އެވެ. މާނައަކީ ތިބާގެ އެކުވެރިޔާއަށް އަނިޔާ ލިބެމުންދާއިރު އެކަމަށް އިހުމާލުވެ އަނިޔާވެރިންގެ އަނިޔާވެރިކަމާ ދެކޮޅަށް ތިބާގެ ފެންވަރުން އިހުތިޖާޖު ނުކޮށްފިނަމަ، އިސާހިތަކު އެ އަނިޔާވެރިކަން ތިބާއާ ވެސް އަރާ ހަމަކުރާނެ ކަމެވެ.
މި މާނަ ދޭހަވާ މިނޫން ވެސް ވަރަށް ގިނަ ބުނުންތަކާއި ވާހަކަތައް އަޅުގަނޑުމެން އެންމެން ދަންނަމު އެވެ. އަޅުގަނޑުމެންނަށް ނުކުރެވިގެން މިއުޅޭ ކަމަކީ އެ ވާހަކަތަކުން ލިބިދޭ އިބުރަތް އަމަލަށް ގެނައުމެވެ. ދުނިޔެ ހަލާކުވަނީ ނުބައި މީހުންގެ ނުބައި ކަމަށްވުރެ ބޮޑަށް ރަނގަޅު މީހުންގެ ހަނު ތިބުމުގެ ސަބަބުން ކަމަށް އަޅުގަނޑުމެން ކިޔަމެވެ. އެހެންނަމަވެސް ބަސް ބުނަންޖެހޭ ތަނުގައި ހަނު ތިބުމުގެ ބަލިން އަޅުގަނޑުމެންނަކަށް މިންޖެއް ނުވެވުނެވެ.
ވާރޭވިލާ އަލީ ހުސައިން ލިޔުއްވާފައި އޮވެ އެވެ. ތިމަންނާ ކުޑައިރު ހަވާލުކުރެވޭ އެއް މަސައްކަތަކީ އަވީ ލާފައި ހުންނަ މަސް ކާން އަންނަ ކާޅަށް ސޮއްގޮވުމެވެ. ސޮއްގޮވުމަކީ ކާޅާއި ކުކުޅު ފަދަ އެއްޗިހި ދުރަށް ފައްސާލުމަށް އަނގައިން ގޮއްވާ އަޑެއް ގޮއްވުމެވެ. ކާޅަކީ ލަދުހަޔާތް ކުޑަ ޖަނަވާރެކެވެ. އަވީ ލާފައި ހުންނަ މަސްތަކަށް ބަލަހައްޓައިގެން ކައިރީގައި ކިތަންމެ ބަޔަކު ތިއްބަސް ސޮއްނުގޮވާނަމަ އެ ސޮރު އެ މަސްތައް ކާނެ އެވެ. ސޮއްގޮވުމަކީ އެސޮރަށް ދެވޭ އިންޒާރެކެވެ. އޭގެ ފަހަށް މަސް ކައިފިނަމަ އެހެން ހަމަލާއެއް އަތުވެދާނޭކަން އެސޮރު ދަންނާނެ އެވެ.
އަލީ ހުސައިން ލިޔުއްވި އެވެ. އެހެންނަމަވެސް ތިމަންނާ ބޮޑުވެ ފުރާފުރިހަމަވީމާ ލިބުނު ނަސޭހަތަކީ ކާޅު ކެޔަސް ސޮއްނުގޮވުމެވެ. އެ ނަސޭހަތް ދިން މީހުންގެ ތެރެއިން އެއް ބަޔަކު އެނަސޭހަތް ދިނީ އިންޒާރެއްގެ ގޮތުންނެވެ. އަނެއް ބަޔަކު އެ ނަސޭހަތް ދިނީ އަލީ ހުސައިން އަށް ރައްކާތެރިކަން ލިބުން އެދޭތީ އެވެ. އެހެންނަމަވެސް، އަލީ ހުސައިން 'މިއީ މާ މޮޅު ފޮތެއް ނޫން' ކަމަށް ވިދާޅުވެ ލިޔުއްވި 'ދުށްތަނާ އިވުނު އަޑުގެ ހަނދާންހުރިބައި' ގައި ސޮއްގޮވާފައި ހުރީ ތިޔަހެނަކުން ނޫނެވެ. ފެންނަމުންދިޔަ އަނިޔާވެރިކަމާ ދެކޮޅަށް އޭނާގެ ވަރުން އަޑު އުފުލަމުން ގެންދިޔަ އެވެ. ލިޔެގެންނާއި ލިޔުއްވައިގެންނެވެ.
އަޅުގަނޑުމެން ބަލަން ތިއްބައި އަޅުގަނޑުމެންގެ ތެރެއިން މީހަކާމެދު ނުހައްގުން ކަމެއް ހިނގައިފިނަމަ އެކަމަކާ ދެކޮޅަށް ހަރުކޮށް ބަސް ބުނަންޖެހެ އެވެ. އޭގެ ސަބަބުން އަނިޔާވެރިޔާގެ ހިތުގައި ބިރުވެރިކަމެއް ނުވަތަ ޖެހިލުންވުމެއް އުފެދޭނެ އެވެ. ބާރުވެރިން އެބައިމީހުންނަށް ލިބިފައިވާ ބާރުތައް ހަމަ ގޮތުގައި ބޭނުންކުރާނީ އެ ބާރު ބޭނުންކުރާ ގޮތާމެދު ފާރަވެރިވާ ބަޔަކު ތިބިކަން ދައްކައިގެންނެވެ. އެމަންޒަރު ދައްކާނީ މަގުމައްޗަށް ނުކުމެ މުޒާހަރާކޮށްގެންތޯ، އެއްބާރުލުން ނުދީ ހަޅުތާލުކޮށްގެންތޯ ނުވަތަ އެކަމާ ދެކޮޅަށް ލިޔުންތައް ލިޔެގެންތޯ ނުވަތަ ސޯޝަލްމީޑިއާގައި އަޑު އުފުލައިގެންތޯ ނިންމާނީ އެމީހެކެވެ. ހަނު ހުރެއްޖެނަމަ ތިޔަ ވެވެނީ ކަޅު ގެރިއަށެވެ. އޭރުން ތިބާގެ ވަގުތު ޖެހޭ ދުވަހު އޮންނާނޭ ހަމައެކަނި ހިޔާރަކީ 'އަހަރެން ކައިލެވުނީ ހުދުގެރި ކައިލެވުނު ދުވަހު' އޭ ބުނެ ހިތާމަ ކުރުމެވެ.
އަހަރެން ކައިލެވުނީ ހުދުގެރި ކައިލެވުނު ދުވަހު އެވެ. އަހަރެން ކައިލެވުނީ ހުދުގެރި ކައިލެވުނު ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ