ޅ. ނައިފަރަކީ ނައިފަރަކީ ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމު ބައިވެރިއެއްކަމަށާއި އަދި އެރަށަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ފަޚްރުވެރިރަށެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފާދިއްޕޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ނައިފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ނައިފަރުގެ ތަރައްޤީއަށްޓަކައި ގިނަ މަޝްރޫޢުތަކެއްގެ އެއްބަސްވުމުގައި ސޮއިކުރެއްވުމާއި، ޢަމަލީ މަސައްކަތްތައް ފެއްޓެވުން މި ދަތުރުފުޅުގައި ހިމެނިފައިވާކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މިކަންކަން ހުރިހާ ގޮތަކުން ހަމަޖެހިފައިވާ ކަންކަންކަމުގައެވެ. އަދި، ރަށުގެ ތަރައްޤީއަށް ކުރާ މަސައްކަތްތައް ނުހުއްޓި، ބާރު ދުވެލީގައި ކުރިއަށްގެންގޮސް، ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ނައިފަރަކީ ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، އައު ބަނދަރާއި މިހާރު އޮތް ބަނދަރުގެ ކެޕޭސިޓީ އިތުރުކުރުމާއެކު، މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އެންމެ ބޮޑު ބަނދަރެއް އޮތް އެއް ރަށަށް ނައިފަރު ވާނެކަމަށާއި، ހަމަ ޔަޤީނުންވެސް އުތުރުގައި އޮންނަ އެންމެ ބޮޑު ބަނދަރު އޮންނަ ރަށަށް އެރަށް ވާނެކަމަށެވެ.
ދިވެހިރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ނައިފަރަކީ ފަޚްރުވެރި ރަށެއްކަމުގައި ސިފަކުރައްވަމުން، ރައީސް ވަނީ އަރބަން ސެންޓަރެއްގެ ހައިސިއްޔަތުން ރަށުގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށްޓަކައި މުހިންމު މަޝްރޫޢުތަކެއް ހިންގަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިގޮތުން، ނައިފަރުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ ކެމްޕަހެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ރޭގެ ޖަލްސާގައި ސޮއިކުރައްވާފައިވާއިރު، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް)ގެ ކެމްޕަހަކާއި ދަނާލެއް ޤާއިމުކުރުމުގެ މަސައްކަތް ދާދި އަވަހަށް ފެށޭނެކަމުގެ ޚަބަރުވެސް އެމަނިކުފާނު ހިއްސާކުރެއްވިއެވެ.
މީގެ އިތުރުން، 10 ކުލާސްރޫމްއާއި، އެކި ކަހަލަ ލެބްތައް ހިމެނޭ ގޮތަށް ސްކޫލަށް އިތުރުކުރެވޭ ޢިމާރާތުގެ ޢަމަލީ މަސައްކަތްވެސް މިއަހަރު ތެރޭ ފަށާނެކަމުގައި ރައީސް ވިދާޅުވިއެވެ. ހަމަ މިއާއެކު، ނައިފަރުގެ އިސްލާމީ މަރުކަޒު ޤާއިމުކުރުމުގެ ކަންކަންވެސް ހަމަޖެހިފައިވާކަމަށާއި، މި އަހަރު ތެރޭގައި ޢަމަލީ މަސައްކަތްތައް ފެށޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޞިއްޙީ ދާއިރާއިން ނައިފަރު ހޮސްޕިޓަލް އަޕްގްރޭޑްކުރުމުގެ ސްކޯޕް އަދިވެސް އިތުރަށް ފުޅާކުރައްވައި، 50 އެނދުގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްޤީކޮށްދެއްވައި، އަރބަން ސެންޓަރެއްގައި ލިބެން ހުންނަ ޞިއްޙީ ޚިދުމަތްތައްވެސް ލިބޭނެ އިންތިޒާމު ހަމަޖެހޭނެކަމުގެ ކަމުގެ ޔަޤީންކަން ރައީސް ވަނީ އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ނައިފަރަކީ ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމު ބައިވެރިއެއް، ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ފަޚްރުވެރިރަށެއް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ