ވިއްސާރައިގެ ސަބަބުން ގެއްލުމާ ގުޅިގެން، އައިއެމްއެފްއިން ލަންކާއަށް 206 މިލިއަން ރުފިޔާ ދެނީ

ސްރީލަންކާއަށް މިދިޔަ މަހުގެ ފަހުކޮޅު އެރި ތޫފާން 'ދީތުވާ'ގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް އެހީތެރިވުމަށް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން އެ ގައުމަށް 206 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފިއެވެ. އައިއެމްއެފްއިން ފޯރުކޮށްދީފައިވާ، އެކްސްޓެންޑެޑް ފަންޑް ފެސިލިޓީ (އީއެފްއެފް)ގެ އެހީތެރިކަމާއެކު ލަންކާގެ އިގުތިސާދު ހަމަޔަކަށް އެޅުވުމަށް މިހާރުވެސް ލަންކާ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ތޫފާނާ ކުރިމަތިލާން ޖެހުނީ އީއެފްއެފްގެ ދަށުން ކުރިއަށްގެންދާ ފަސް ވަނަ ރިވިއު ނިމުމާ ގާތްވެފައި ވަނިކޮށެވެ. ތޫފާނުގެ ސަބަބުން ލިބުނު އިގްތިސާދީ ގެއްލުން ވަޒަންކުރުމަށާއި އައިއެމްއެފްގެ އެހީގައި ހިންގާ ޕްރޮގްރާމަކުން ލަންކާ އާރާސްތު ކުރުމަށް ބޭނުންވާނެ މަސައްކަތްތަކަށް އެންމެ ރަނގަޅަށް އެހީތެރިވެދެވޭނެ ގޮތްތައް ބެލުމަށް ވަގުތު ބޭނުންވާތީ ފަސް ވަނަ ރިވިއު މިހާރު ވަނީ ލަސްކޮށްފައެވެ. އަދި އެ މަޝްވަރާތައް އަލުން ފެށުމަށް އައިއެމްއެފްގެ މިޝަން ޓީމެއް އަންނަ އަހަރުގެ ކުރީކޮޅު ލަންކާއަށް ޒިޔާރަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. ލަންކާގައި ފެންބޮޑުވުމުގެ ސަބަބުން އާންމުން ރައްކާތެރި ހިސާބުތަކަށް ދަނީ. ފޮޓޯ/ޕިކްޗާ އެލަޔަންސް ތޫފާން 'ދީތްވާ' ގެ ސަބަބުން 600 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލި 25 ސަރަހައްދަކުން ގާތްގަޑަކަށް 2.2 މިލިއަން މީހުންނަށް އެކި ގޮތްގޮތުން އަސަރުކުރިއެވެ. އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އެންމެ މަތީ ދަރަޖައަށް އުފުލައިފައިވާއިރު، ތޫފާނާ ގުޅިގެން 230،000އަށް ވުރެ ގިނަ މީހުންނަށް ވަނީ ވަގުތީ ހިޔާއަށް ބަދަލުވާން ޖެހިފައެވެ. ލިބުނު ގެއްލުމުން އަރައިގަނެ ލަންކާ އަލުން އާރާސްތު ކުރުމަށް އދ.ގެ ސެންޓްރަލް އިމަޖެންސީ ރެސްޕޮންސް ފަންޑު (ސީއީއާރުއެފް) އިންވެސް ވަނީ އެންމެ ބޮޑަށް އަސަރުކޮށްފައިވާ ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 4.5 މިލިއަން ޑޮލަރު ފޯރުކޮށްދީފައެވެ. ވޯލްޑް ބޭންކުންވެސް 120 މިލިއަން ޑޮލަރު ދޭނެކަން އެ ގައުމަށް އަންގާފައިވާ ކަމަށް މާލީ ވަޒީރުގެ ނައިބު އަނިލް ޖަޔަންތަ ފެނާންޑޯ ވަނީ ވިދާޅުވެފައެވެ. އަދި ލިބުނު ގެއްލުންތަކުން އަރައިގަތުމުގެ މަސައްކަތަށް ބޭނުންވާ ޚާއްސަ ބަޖެޓެއް އެކުލަވާލައި، ސަޕްލިމެންޓްރީ ބަޖެޓެއްގެ ގޮތުގައި ސަރުކާރުން މިހާރުވަނީ 1.6 ބިލިއަން ޑޮލަރުގެ ބަޖެޓެއް ޕާލިމެންޓަށް ހުށަހަޅާފައެވެ. ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ލަންކާއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ވެސް ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާ ބޮޑެވެ. ޚާއްސަކޮށް ފަރުބަދަމަތީ އަދި ކުރިން ވިއްސާރައިގައި އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ނުރައްކާ އެބައޮތް ކަމަށް އިދާރާތަކުން ބުނެއެވެ. މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ހަފުތާތަކުގައި އިތުރަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ