ވެލެންސިއާ އަތުން ގްރީން ސްޓްރީޓްސް އަށް މި ފަހަރު މޮޅެއް ވެލެންސިއާ އަތުން ގްރީން ސްޓްރީޓްސް އަށް މި ފަހަރު މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ވެލެންސިއާ އަތުން ކްލަބް ގްރީން ސްޓްރީޓްސް އިން 1-0 އިން މޮޅުވެއްޖެ އެވެ.
މިއީ، މި ފަހަރު ލީގުގައި ގްރީން ސްޓްރީޓްސް މޮޅުވި ދެ ވަނަ މެޗެވެ. ގްރީން ސްޓްރީޓްސް އިން ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވީ ކްލަބް އީގަލްސް އަތުންނެވެ. ދެ ވަނަ ބުރުގައި ކުޅުނު ދެ ވަނަ މެޗުން ގްރީން ސްޓްރީޓްސް އިން މި ހޯދި މޮޅާ އެކު، އެ ޓީމުން ވަނީ ލީގުގެ ހަތް ވަނަ އަށް ޖެހިލައިފަ އެވެ.
ގްރީން ސްޓްރީޓްސް އަށް 11 މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، އަށް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ނުވަ ވަނައިގައި އޮތް ވެލެންސިއާ އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. އަދި، އެންމެ ފުލުގައި އޮތީ މިއަދު، ހަވީރު ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ އެއްވަރުކޮށް، ޕޮއިންޓެއް ހޯދި ޓީސީ ސްޕޯޓްސް ކްލަބް އެވެ. ޓީސީ އަށް ވަނީ 11 މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ.
ލީގުގެ ފުރަތަމަ ބުރުގައި ވެލެންސިއާ އިން ވަނީ 2-1 އިން ގްރީން ސްޓްރީޓްސް ބަލިކޮށްފަ އެވެ. މި މެޗުގައި ވެސް ވެލެންސިއާ އިން ޖުމްލަކޮށް ބަލާއިރު ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެ ގޮތުން، އެ ޓީމުގެ ކެޕްޓަން، އީތަން އިބްރާހިމް ޒަކީ، ފޮނުވާލި ރަނގަޅު ހަމަލާއެއް، ގްރީން ސްޓްރީޓްސްގެ ކީޕަރު، ނައިޖީރިއާގެ އޯޖޯ ވަނީ މަތަކޮށްފަ އެވެ.
މެޗުގައި، ގްރީން ސްޓްރީޓްސް އިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ، 10 ވަަނަ މިނިޓްގައި މިސްރުގެ ކުޅުންތެރިޔާ، އެލް ސައީދު އަބްދުލްފައްތާހު އެވެ. ގްރީން ސްޓްރީޓްސްގެ އިރާގު ފޯވާޑް، އޮބައިދާ ކަދުމް މަތިމަތިން ނަގައިދިން ހުރަހަކަށް އަރައި، އެލްސައީދު ޖައްސާލި ބޯޅަ ގޯލަށް ވަނީ ވެލެންސިއާގެ ކީޕަރު، މޮލްޑޯވާގެ ވިއޮރެލް ބޮއިއާން އަތް ކައިރިން ގޮހެވެ.
ނަތީޖާ ހަމަހަަމަކުރަން ކުރި މަސައްކަތުގައި ވެލެންސިއާގެ އީތަން ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅައެއްވެސް ކީޕަރު އޯޖޯ މަތަކުރި އެވެ. އަދި، އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި އީތަން ޖެހި ބޯޅައެއް ވަނީ ދަނޑިކައިރިން ގޮސްފަ އެވެ. އަދި، ވެލެންސިއާގެ ފޯވާޑް، އައިދު މުހައްމަދު ޖަވީޒު އަށް ލިބުނު ފުރުސަތުތަކުގައި ވެސް އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ.
މިއީ، މި ސީޒަނުގައި، ކުޅުނު 11 މެޗުގެ ތެރެއިން ވެލެންސިއާ ބަލިވި އަށް ވަނަ މެޗެވެ. ދެ މެޗުން އެއްވަރުވިއިރު، މޮޅުވީ ފުރަތަމަ ބުރުގައި ގްރީން ސްޓްރީޓްސް އަތުން އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ