ނަމާދަކީ ހިތްދަތިކަމާއި ހިތާމައިން އަރައިގަތުމަށް ބާރެއް: ޚުޠުބާ

ހިތްދަތިކަމާއި ހިތާމައިން އަރައިގަތުމަށް ބާރެއްކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
ނަމާދު އެޅުމުގެ ނުބައިކަމުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ޚުޠުބާގައި ބުނީ، މުސްލިމަކަށްވުމަށް ފަހު އޭނާގެ އިސްލާމްކަން ދައްކުވައިދޭ މައިގަނޑު ކަމަކީ ނަމާދު ކަމަށެވެ. އަދި ނަމާދަށް ފަރުވާތެރިވުމާއި ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ތިމާގެ އިސްލާމްވަންތަކަން ދައްކުވައިދޭ ރަމްޒެއް ކަމަށެވެ.
މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ.
"ހަމަކަށަވަރުން، ނަމާދަކީ މުއުމިންތަކުންގެ މައްޗަށް ވަގުތު ކަނޑައެޅިގެން އޮތް ފަރުޟެއްކަމުގައި ވެއެވެ."
ރަސޫލު الله ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (رَأْسُ الْأَمْرِ الْإِسْلَامُ، وَعَمُوْدُهُ الصَّلَاةُ، وَذِرْوَةُ سَنَامِهِ الْجِهَادُ) މާނައީ: "ދީނުގެ ބޮލަކީ، ނުވަތަ އަސްލަކީ އިސްލާމްކަމެވެ. އަދި ދީނުގެ ތަނބަކީ ނަމާދެވެ. އަދި ދީނުގެ އެންމެ އުސް ކުރިބޯއްޓަކީ، (اللهގެ މަގުގައި) ޖިހާދުކުރުމެވެ."
ޚުޠުބާގައި ބުނެފައިވާ ގޮތުން ނަމާދަކީ ލޮލުގެ ފިނިކަމެވެ. އަދި ހިތްދަތިކަމާއި ހިތާމައިން އަރައިގަތުމަށް ބާރެއްކަމުގައި ނަމާދު ލައްވައިފައިވެއެވެ.
ޚުތުބާގައި އިތުރަށް ބުނީ، ނަމާދަކީ އަމާންކަމާއި ރައްކާތެރިކަން އަޅާއަށް ކަށަވަރުކޮށްދޭއަޅުކަމެއް ކަމަށާ ކާމިޔާބާއި ނަޞްރު ލިބުމަށް މަގު ފަހިކޮށްދޭ އަޅުކަމެއް ކަމަށެވެ. އަދި ޢިއްފަތްތެރިކަމުގައި ދެމިހުރުމަށް ބާރެއް ކަމަށް ނަމާދުވާއިރު އެއީ އިޖުތިމާޢީ ގޮތުން ތަރުބިޔަތު ލިއްބައިދޭ ކަމެއް ކަމަށްވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
މާތް الله ވަޙީކުރައްވައިފައި ވެއެވެ. "ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަން ބޮޑު ފާފަތަކާއި، منكراتތައް ނަހީކުރާ ކަމެކެވެ."
ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެކަމެއްގެ ސަބަބުން ތިޔަބައިމީހުންގެ ކުދި ފާފަތައް ފިއްލަވައި ދަރަޖަތައް އުފުލިގެންދާނޭކަމެއްގެ ވާހަކަ ވިދާޅުވެ ދެއްވަންތޯއެވެ؟ އެބޭކަލުން ދެންނެވިއެވެ. އާދޭހެވެ. އޭ اللهގެރަސޫލާއެވެ. އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. (ފިނިގަދަވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން ވިޔަސް) އެކަމަށް އުނދަގޫވެގެންވާ ޙާލުގައި ވެސް ފުރިހަމައަށް ވުޟޫކުރުމާއި، މިސްކިތަށް ހިނގާ ފިޔަވަޅުތައް ގިނަކުރުމާއި، އެއް ނަމާދުން އަނެއް ނަމާދަށް އިންތިޒާރުކުރުމެވެ.
ޚުޠުބާ
ޚުތުބާގައި އިތުރަށް ބުނީ، ކޮންމެ ޙާލެއްގައިވެސް ނަމާދު ކުރަން ޖެހޭ ކަމަށާ، މުސްލިމެއްގެ ގޮތުގައި ހުރެ ދުނިޔެ ދޫކޮށްފައިދާ ކޮންމެ މީހެއްގެ ވެސް އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނޭ ކަމަކަށް އަންގަވައިފައިވަނީ ނަމާދާ ބެހޭ ގޮތުން ކަމަށެވެ. އެހެންކަމުން ނަމާދަށް ފަރުވާތެރިވާ ޖެހޭ ކަމަށެވެ. 
މީގެ އިތުރުން ނަމާދު އެޅުމުގެ ނުރައްކާތެރިކަމަށް އަލިއަޅުވާ ލަމުން ޚުތުބާގައި ބުނީ، ނަމާދު އެޅުމަކީ ތިމާގެ އިސްލާމްކަމާއި ކާފިރުކަމާ ދެމެދު ވަކިކޮށްދޭ އިންކަން ސުންނަތުން އެނގޭކަމަށެވެ.
ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (اَلْعَهْدُ الَّذِيْ بَيْنَنَا وَبَيْنَهُمُ الصَّلَاةُ، فَمَنْ تَرَكَهَا فَقَدْ كَفَرَ) މާނައީ: "އެއުރެންނާއި އަހުރެމެންނާ (އެބަހީ: ކާފިރުންނާއި މުސްލިމުންނާ) ދެމެދުގައި (ތަފާތުކުރާ) ޢަހުދަކީ ނަމާދެވެ. ފަހެ، ނަމާދު އަޅައިފި މީހާ، (ދަންނާށެވެ.) ހަމަކަށަވަރުން، އޭނާ ކާފިރުވެއްޖެއެވެ."
ޚުޠުބާ
އެހެންކަމުން ނަމާދު އެޅުމަކީ އެއްވެސް ޙާލެއްގައި ކޮށްގެންވާނޭ ކަމެއްނޫންކަމަށާ މަރު ބައްދަލު ކުރުމުގެ ކުރިން ތައުބާވެސް ނަމާދަށް ފަރުވާތެރިވެ ނަމާދު ޤާއިމް ކުރުމަށް ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ