ޖިންސީ ގޯނާގެ ތުހުމަތު ކުރާ ސަނީ އުމަރުގެ ބަންދަށް 30 ދުވަސް ދީފި

އަނބިމީހާގެ އާއިލާގެ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ ސަނީ އުމަރުގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ދީފި އެވެ.
ވީ ކިހިނެއް؟ - މޯލްޑިވްސް ހަލާލް ޓްރެވަލް ބްރޭންޑުގެ ދަށުން ޓްރެވަލް އެޖެންސީއަކާއި ދާއިރާގެ ހަބަރުތައް ގެނެސްދޭ މީޑިއާތައް ހިންގާ ސަނީ އުމަރުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލަތަކެއްގެ ވާހަކަ މީޑިއާގައި ފެންމަތިވެފައިވަނިކޮށް އާއިލާއިން ވަނީ ފުލުހަށް މައްސަލަ ހުށަހަޅައިފަ އެވެ.
މައްސަލަ ފަޅާއެރި ދަނޑިވަޅުގައި އޭނާ ރާއްޖޭން ބޭރަށް ދިޔުމަށް ފަހު އެނބުރި އައުމާ އެކު ސުވާލު ކުރުމަށް ފުލުހަށް ވަނީ ހާޒިރުކޮށްފަ އެވެ. ނަމަވެސް އަނެއްކާވެސް ފުރަައިގެން ދާން އުޅެނިކޮށް، އެއާޕޯޓުގައި ހުއްޓާ ހޯމަ ދުވަހުގެ ރޭ ވަނީ ހައްޔަރުކޮށްފަ އެވެ.
އޭގެ ފަހުން އޭނާ އަނެއްކާވެސް ދޫކޮށްލުމަށް ފަހު ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކުރީ އިއްޔެ އެވެ.
ތަފްސީލު - ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަކށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާ އާއި 33 ވަނަ މާއްދާގެ ދަށުން، 30 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅި ކަމަށެވެ.
އެ ހުށަހެޅުމާ އެއްގޮތަށް ކްރިމިނަލް ކޯޓުން ވަނީ އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
"މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދިޔަ ވަރަކުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށް، އަދި ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރަކަށް އެދި ހުށަހަޅަން ގަސްދު ކުރުމެވެ،" ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
އެނގުން މުހިންމު - ސަނީ ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައިގައި ހިމެނެނީ، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި:
އަންހެން ދެ ކުދިންނާއި ފިރިހެން ކުއްޖެއް 
 އޭގެ ތެރެއިން އެއް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކީ 18 އަހަރުން ދަށުގެ ދެ ކުދިން
އަނެއް އަންހެން ކުއްޖާއަށް ވެސް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަަތުކުރަނީ އެ ކުއްޖާގެ އުމުރުން 18 އަހަރު ނުވަނީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ