ޣައްޒާގައި އދން ހިންގާ ސްކޫލަކަށް ޙަމަލަދީ 15 މީހުން ޝަހީދު ކޮށްލައިފި

ޣައްޒާގެ ޖަބާލިޔާ ރެފިއުޖީ ކޭމްޕުގައި އ.ދއިން ހިންގާ ސްކޫލަކަށް ޔަހޫދީ ފައުޖުން ރަޙުމު ކުޑަ ހަމަލަތަކެއްދީ 15 މީހުން ޝަހީދު ކޮށްލައިފިއެވެ. އެމެރިކާގެ އެހީތެރިކަމާ އެކު ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އުދުވާނުގައި ހަމަލަދީފައި ވަނީ ޖަބާލިޔާގައި ހުންނަ އަލް-ފަޚޫރާ ސްކޫލަށެވެ. މި ހަމަލާގައި ޢާންމުންގެ 70 އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.
ޔަހޫދީ ފައުޖުން ޖަބާލިޔާގެ އަލް-ފަޚޫރާ ސްކޫލަށް ހަމަލަތަކެއް ދީފައިވާއިރު، އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާންތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު ވަނީ 9,488 އަށް އުފުލިފައެވެ. އޭގެ ތެރޭގައި ކުށެއް ނެތް 3,760 ކުޑަކުދިންނާއި 2,326 އަންހެނުންގެ އިތުރުން އުމުރުން ދުވަސްވީ އެތަކެއް ސަތޭކަ ބަޔަކު ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32,000 އަށް އުފުލިފައެވެ. ޔަހޫދީންގެ މި ގަތުލުއާންމު ހިންގަމުން ދަނީ އެމެރިކާގެ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައެވެ.
"އަލް-ފަޚޫރާ ސްކޫލަށް ޔަހޫދީން ދިން ހަމަލާގައި ޝަހީދު ކޮށްލާފައިވާ 15 މީހުންގެ ހަށިގަނޑު ވަނީ ފެނިފައި. އަދި، 70 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައި،" ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް-ޤުދްރާ ވިދާޅުވިއެވެ. ޒަޚަމު ކޮށްލާފައިވާ މީހުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔެއްގެ ހާލު ސީރިރަސްއެވެ. މި ހަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ޔަހޫދީ ފައުޖުން ހަމަލަދީފައިވާ ސްކޫލަކީ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ގެދޮރު ނެތިފައިވާ މީހުން ބައިތިއްބަމުން ދިޔަ ސްކޫލެކެވެ. އެ ތަނަށް ހަމަލަދިން ވަގުތު އެ ތަނުގައި ޢާންމުންގެ އެތަކެއް ސަތޭކަ ބަޔަކު ތިބި ކަމުގައި ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އ.ދގެ އިދާރާ – ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އޭޖެންސީ (ޔޫ.އެން.އާރް.ޑަބްލިޔު.އޭ)ން ބުނެއެވެ.
"ފުރަތަމަ މިސައިލް ހަމަލަ ދީފައި ވަނީ ސްކޫލްގެ ގޯތިތެރެއަށް. ގޯތި ތެރޭގައި ޖަހާފައިވާ ޓެންޓުތަކުގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ތިބި. ދެވަނަ މިސައިލް ހަމަލަ ދީފައި ވަނީ ސްކޫލްގެ ޢިމާރާތަށް. އެ ވަގުތު، އެ ތަނުގައި ދިރިއުޅޭ އަންހެނުން ދިޔައީ ކާބޯތަކެތި ތައްޔާރު ކުރަމުން،" ޔޫ.އެން.އާރް.ޑަބްލިޔު.އޭން ބުންޏެވެ.
މިއީ، ޣައްޒާގައި އ.ދއިން ހިންގާ ސްކޫލަކަށް ޒަޔަނިސްޓު އިސްރާޢީލުގެ ފައުޖުތަކުން ހަމަލަ ދީފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. ޔޫ.އެން.އާރް.ޑަބްލިޔު.އޭން ބުނީ އެ އިދާރާއިން ހިންގާ ހަތަރު ސްކޫލަކަށް ޔަހޫދީ ފައުޖުން ހަމަލަދީ، އެ ތަންތަން ސުންނާފަތި ކޮށްލާފައިވާ ކަމުގައެވެ. އެ އިދާރާއިން ސްކޫލްތައް ބޭނުން ކުރަމުން ދަނީ، ގެދޮރު ނެތިފައިވާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ. އަދި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
ޔަހޫދީ ފައުޖުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސް މި އޮޕަރޭޝަން ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ