މަކަަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ތަހުގީގުކުރާނެ ގޮތުގެ އިރުޝާދު އެކުލަވައިލައިފިއެވެ.
ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އިއްޔެ ނެރުނު އިރުޝާދުގެ ބަޔާންކޮށްފައި ވަނީ، ސްކޭމް ކޯލުތަކާއި، އޮޅުވާލައިގެން، މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައް މުޖްތަމައުގެ ތެރޭގައި ގިނަވެފައިވާކަމަށެވެ.
އެކަމުގެ ކަންބޮޑުވުން ދައުލަތުގެ އިދާރާތަކާ ހަމައަށް އައިސްފައިވާތީ، އެކަން ހިނގާ ގޮތް ބަލައި، އެކަމުގައި ގާނޫނީ ގޮތުން ފިޔަވަޅު އެޅުމުގައި ހުރި ގޮންޖެހުންތައް ޕީޖީ އޮފީހުން ވަޒަންކުރިއިރު، މިކަމުގައި ދައުލަތުގެ އިދާރާތަކުން އަމަލުކުރަން ޖެހޭ ގޮތުގެ އިރުޝާދެއް އޮތުމުގެ މުހިންމުކަން އޮތްކަމަށް ޕްރޮސިކިއުޓާ ޖެނެރަލަށް އޮފިހަށް ފެންނަ ކަމުގައެވެ.
މި އިރުޝާދާ އެއްގޮތަށް އަމަލުކުރަން ފެށުމުން، ސްކޭމް ކޯލްތަކާ ގުޅޭ މައްސަލަތަކުގެ ތަހުގީގުތައް އަވަސްވެ، ކާމިޔާބުކަމާއެކު ޕްރޮސިކިއުޓް ކުރުމަށް ބާރު އެޅޭނެ ކަމަށް ޕީޖީ އޮފީހުން ގަބޫލުކުރާކަމަށާއި، މިބާވަތުގެ މައްސަލަތައް ތަހުގީގު ކުރުމުގައި ތަހުގީގީ އިދާރާތަކުން ހޯދަން ޖެހޭ މައުލޫމާތުތައް ހޯދުމުގައި ކަމާބެހޭ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ މަސައްކަތްތަކެއްވެސް މިހާރު ކުރަމުން އަންނަ ކަމުގައި ޕީޖީ އޮފީހުން ނެރުނު އިރުޝާދުގައި ވެއެވެ.
މީގެތެރޭގައި، މޯބައިލް ފޯނުގެ ހިދުމަތްދޭ ތަންތަން، ބޭންކްތައް، އަދި މާލީ މުއާމަލާތްތައް ހިންގާ ތަންތަން ހިމެނެއެވެ. މި އިރުޝާދުގައިވާ ގޮތުން މިފަދަ ތަންތަނަނުން، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ތަހުގީގަށް ބޭނުންވާ މައުލޫމާތު ލިބިގެން ނޫނީ، މިބާވަތުގެ މައްސަލަތައް ކާމިޔާބުކުރުން ވާނީ ދަތި ކަމަކަށެވެ.
ވީމާ، ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނު ގެ ޕްރޮސިކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގައި ވާގޮތުން، ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ އަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި، ހިންގާ ތަހުގީގުތައް ބަލައި އެކަންކަން ހިންގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމުގެ ޒިންމާގެ ދަށުން، ސްކޭމްގެ މައްސަލަތައް ތަހުގީގު ކުރުމުގައާއި ދައުވާކުރުމުގައި އެއް ގޮތަކަށް އަމަލުކުރުމަށް ބާރު އެޅުމަށް ޕީޖީ އޮފީހުން ނިންމާފައިވާކަމަށެވެ.
އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ފުރިހަމަ ކުރަންވީ ކަންކަން ހަމަހަމަ އުސޫލެއްގެ ދަށުން ފުރިހަމަކުރުމަށް މަގުފަހިކޮށްދިނުމަށް ޓަކައި އެކުލަވާލާފައިވާ "ސްކޭމް ކޯލްތަކާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް ތަހުގީގު ކުރުމުގައާއި، ދައުވާކުރުމުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދު" ހުރިހާ ތަހުގީގީ އިދާރާތަކަށް ފޮނުއްވާފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މަކަަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ތަހުގީގުކުރާނެ ގޮތުގެ އިރުޝާދު އެކުލަވައިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ