ފެނަކައިން، ރަށްރަށުގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރަމުން ދާ މަސައްކަތުގެ ތެރެއިން ލ.ފޮނަދޫއަށް 1200 ކވ ގެ އާ ޖަނެރޭޓަރެއް ފޮނުވައިފިއެވެ.
ފެނަކައިން ބުނީ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ލ.ފޮނަދޫ އަށް 1200 ކވ ޖަނެރޭޓަރެއް މިހާރު ވަނީ ފޮނުވާފައިވާކަމަށާއި ޖަނެރޭޓަރު ރަށަށް ލިބުމާ އެކު އިންސްޓޯލްކުރުމުގެ މަސައްކަތް ފެށިގެން ދާނެކަމަށެވެ. މީގެ އިތުރުންވެސް އެހެނިހެން ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެ ކޯޕަރޭޝަންއިން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
ރާއްޖޭގެ ގިނަ ރަށްތަކަށް އެކަށީިގެންވާ ގޮތެއްގައި ކަރަންޓުގެ ހިދުމަތް ނުލިބޭ ކަމުގެ ޝަކުވާތައް އިތުރުވެފައިވާއިރު، މިއަދު މަޖިލީސް ޖަލްސާގައި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ މި ސަރުކާރުން އިންޖީނުގޭގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި އެންމެ ބޭނުންވާ ސަރަހައްދުތައް ބަލައިގެން ފެނަކަ އާއި ހަވާލުކޮށްގެން އިންޖީނުގޭގެ މަސައްކަތްތައް ކުރިޔަށްގެންދާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ތޯރިގު ވިދާޅުވީ އައްޑޫ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށްވެސް މަސައްކަތްކުރެވެމުންދާ ކަމަށެއެވެ. އެގޮތުން 1.5 މެގަވޯލްޓްގެ އާ ޖަނަރޭޓަރެއް ގަނެފައިވާ ކަމަށާއި އޮގަސްޓު މަހުގެ ތެރޭގައި އެ ޖަނަރޭޓަރު ބަހައްޓާ ކަރަންޓު ދޭން ފެށޭނެ ކަމަށެވެ.
މީގެއިތުރުން އިތުރު 3 ޖަނަރޭޓަރަށް ބޭނުންވާ ސްޕެއާ ޕާޓްސް ހޯދާފައިވާ ކަމަށާއި 3 ޖަނަރޭޓަރު ވެސް އޮގަސްޓް މަހުގެ ކުރިން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ލ. ފޮނަދޫ ކަރަންޓު މައްސަލަ ހައްލުކުރުމަށް 1200ކިލޯވޮޓް ގެ އާ ޖަނެރޭޓަރެއް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ