ސާބިތު ކަމާއި އެކު، ހިތަދޫ މެދު ދާއިރާގެ ރައްޔިތުންނަށް އަޒާން ހާމަކޮށްދެއްވީ އޭނާގެ ތަސައްވުރާއި ސިޔާސަތުތައް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންގެ މެދުގައި ޕަބްލިކް ސަރވިސް މީޑިޔާގެ ފަރާތުން އިސްނަގައިގެން ބާއްވާ ބަހުސް އަކީ ގިނަ ބަޔަކު އެމީހުން ވޯޓުލާން ނިންމާ ގޮތް ނިންމުމުގައި ބަލާ ޕްރޮގްރާމަކަށް އޮންނަނީ ޒަމާނުއްސުރެ ވެފައެވެ.
ބަހުސްއެއްގެ ނަން ދެވިފައި އޮތަސް މިއީކީ ހަގީގަތުގައި ވާދަވެރި ކެންޑިޑޭޓުންނާއި ޒުވާބުކުރަން ނުވަތަ އެމީހުންނާއި ދިމާލަށް އެއްޗިހި ގޮވަން ތިމާ މޮޅު މިންވަރު ރައްޔިތުންނަށް ދައްކަން ލިބޭ ފުރުސަތެއް ވެސް ނޫނެވެ. މި ބަހުސްގެ ބޭނުމަކީ ހަގީގަތުގައި ރައްޔިތުންނަށް ތިމާ ހޮވަން ޖެހޭ ސަބަބު ކިޔައިދިނުމެވެ.
ހިތަދޫ މެދު ދާއިރާގެ ބަހުސްއަށް ބަލާއިރު، އެ ދާއިރާއަށް ކުރިމަތިލައްވާ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު އަޒާން މަރުޒޫޤް އާއި އެމްޑީޕީ ކެންޑިޑޭޓް މުޙައްމަދު ޝުޢާއުވެ. 
Advertisement
މި ބަހުސް ފެށުމުގެ ގޮތުން ކޮންމެ ކެންޑިޑޭޓަކަށް ތައާރަފްވުމަށް އެރުވި އެއް މިނެޓު ނުވަތަ ފަސްދޮޅަސް ސިކުންތުގައި ސުރުޚީގައި ލިޔެފައިވާ ލިޔުންކޮޅުގެ ހަގީގަތާއި މެދު ކިޔުންތެރިން ދެބަސްވާނެ ކަމަށް ޤަބޫލެއް ނުކުރެވެއެވެ.
ބަހުސް ފެށުމުގެ ގޮތުން އެމްޑީޕީގެ ކެންޑިޑޭޓް ޝުއާއު ވަނީ އޭނާ އަކީ ހުރިހާ ރައްޔިތުންގެ އެކުވެރިއެއްގެ ގޮތުގައި ވިދާޅުވެ އިދިކޮޅު ކެންޑިޑޭޓަށް ބަހުގެ ހަމަލާތައް ރައްދު ކުރައްވާފައެވެ. އަދި އައްޑޫ ޑެޕިއުޓީ މޭޔަރުކަން ކުރެއްވިކަން ފާހަގަކުރައްވައި އެ މަގާމުގައި ހުންނަވައިގެން ކުރެއްވިކަންކަން ކިޔައިދެއްވި ނަމަވެސް އޭނާގެ ތައުލީމީ ފެންވަރަކީ ކޮބައިކަމެއް ވިދާޅެއް ނުވިއެވެ.
ބަހުސްގައި ތައާރަފްވުމަށް އަޒާން އަށް ލިބުނު ފުރުސަތުގައި އޭނާ ވާހަކަ ފެއްޓެވީ އައްޑޫ ބަހުރުވައިންނެވެ. އެފަހުން ތައުލީމީ ހަޔާތުގެ މައުލޫމާތު ހިއްސަކުރެއްވިއިރު އަޒާން އަކީ ބައިނަލްއަޤްވާމީ ޚާރިޖީ ގުޅުމުގެ ދާއިރާއިން މަތީ ތައުލީމް ޙާސިލްކޮށްގެން ހުންނެވި ފަރާތެއްކަން ސާފުކޮށްދެއްވިއެވެ.
ތައާރަފްގައި އަޒާން އިތުރަށް އޭނާ މަޖިލީހަށް ކުރިމަތިލެއްވީ، މި ސަރުކާރުން އައްޑޫއަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ސަރުކާރަށް އެއްބާރުލުން ދިނުމަށާއި، ޖުމްލަ ގޮތެއްގައި އައްޑޫ އަށް ދިމާވެފައިވާ މައްސަލަތަކަށް ޙައްލު ހޯދައި ދިނުން ކަމަށެވެ. އަދި އެއާއި އެކު އަޒާން ދެއްވި ޔަޤީންކަމަކީ ސަރުކާރުން އައްޑޫއަށް ވެފައިވާ ވައުދުތައް ނުފުއްދާނަމަ، ނުވަތަ މައްސަލަތައް ހައްލުނުވާ ނަމަ ރައްޔިތުންގެ ސަފަށް ނިކުމެ ވަކާލާތު ކުރައްވާނެ ކަމުގެ ޔަޤީންކަމެވެ.
އިތުރަށް އަޒާން ވިދާޅުވީ މެންބަރުން ޖަވާބުދާރީކުރުމުގެ ބާރު ރައްޔިތުންނަށް ލިބިދިނުމަށްޓަކައި އޭނާ ވަކާލާތުކުރައްވާ ކަމަށާއި އެފަދައިން ވަކާލާތުކުރަނީ (ދެ ކެންޑިޑޭޓުންގެ ތެރެއިން) ހަމައެކަނި އޭނާ ކަމަށެވެ. އަޒާންގެ ކެމްޕެއިންގައި ތަފާތު ސިޔާސީ ފިކުރުގެ މީހުން ހަރަކާތްތެރިވާ ފަދައިން އޭނާ މަޖިލީހަށް ހޮވިއްޖެ ނަމަވެސް މަސައްކަތް ކުރާނީ ހުރިހާ ސިޔާސީ ފިކުރެއްގެ ރައްޔިތުންނާއި އެކު ކަމަށް ވެސް އަޒާން ވިދާޅުވިއެވެ. 
ބަހުސްގެ ފުރަތަމަ ސުވާލަކަށްވީ ދާއިރާގެ ރައްޔިތުން އެ ކެންޑިޑޭޓަކު އިންތިޚާބުކުރަންވީ އެ ކެންޑިޑޭޓުގެ ކިބައިގައި ހުރި ކޮން ކޮލިޓީއަކުން ކަން އޮޅުން ފިލުވުމަށެވެ.
މި ސުވާލުގެ ޖަވާބަށް ބަލާއިރު، އަޒާން ވިދާޅުވީ އޭނާ އަކީ ތަފާތު ސިޔާސީ ފިކުރުގެ މީހުންނާއި އެކު ވެސް މަސައްކަތް ކުރެވޭނެ ކެންޑިޑޭޓް ކަމަށެވެ. އަދި ސިޔާސަތުތަކާއި އެކު ކެމްޕެއިން ކުރާ ހަމައެކަނި ކެންޑިޑޭޓަކީ އޭނާ ކަމަށާ މަގާމުގެ ނާޖައިޒު މަންފާ ހޯދާ ކަމަށް ނުވަތަ ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއް ކުރެވިފައި ނެތް ހަމައެކަނި ކެންޑިޑޭޓަކީވެސް އޭނާކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައްޔިތުންނަށް މަޖިލިސް މެންބަރުން ޖަވާބުދާރީ ކުރުވަން ފުރުސަތު ހޯދަދޭން ވަކާލާތު ކުރައްވާ ހަމައެކަނި ކެންޑިޑޭޓަކީ އޭނާ ކަމަށާ މަޖިލީހަށް ހޮވިއްޖެ ނަމަ ވަކާލާތު ކޮށް، އިސްކުރާނީ ރައްޔިތުންގެ މަސްލަޙަތު ކަމަށް ވިދާޅުވިއެވެ. އަދި މާޒީގައި ވެސް މަސައްކަތް ކުރެއްވީ ސަރުކާރުތަކާއި ބާރުވެރި ފަރާތްތައް ޖަވާބުދާރީ ކުރުވުމަށާއި އަޑެއް ނެތް މީހުންގެ އަޑު އިއްވައިދިނުމަށް ކަން ފާހަގަކުރެއްވިއެވެ.
ޝުއާއުއަށް ލިބުނު ފުރުސަތުގައި އޭނާ އަކީ ޑެޕިއުޓީ މޭޔަރުކަން ތަކުރާރުކޮށް ހަނދާންކޮށްދެމުން، ވިދާޅުވީ މެދު ދާއިރާގެ ރައްޔިތުން އެނގިވަޑައިގަންނަވާ ކަމަށާއި ފާއިތުވި 3 އަހަރު ދުވަހު ވެސް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެއްވި ކަމަށެވެ. ހަމަ އެހެންމެ މި ސަރުކާރު ޖަވާބުދާރީ ކުރާނެ ކަމަށާ، ސަރުކާރުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދޭން މަސައްކަތް ކުރާނެ ކަމަށެވެ.
ނަމަވެސް މުޅި ބަހުސް ނިމިގެން ދިޔައިރު އަޒާންގެ ސިޔާސަތުތައް، ތަޞައްވުރު ވަރަށް ސާފުކޮށްކިޔައި ދެއްވާފައި ވާއިރު ޝުއާއުގެ ފަރާތުން އޭނާގެ އެއްވެސް ސިޔާސަތެއް ރައްޔިތުންނަށް ތިލަކުރައްވައިފައި ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ