ވިލިމާލޭގެ ކަރަންޓުގެ ހާލަތު ދިރާސާކުރުމަށް ސްޓެލްކޯއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ވިލިމާލޭގެ ކަރަންޓުގެ ހާލަތު ދިރާސާކޮށް، ކަރަންޓުގެ ވިއުގަ މަރާމާތުކުރުމަށާއި އިތުރަށް ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީއާއި ސްޓެލްކޯއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި ނިމުނު ޑިސެންބަރު މަހުގެ 23 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކްލައިމޭޓް ޗޭންޖް، އެންވާރަމަންޓް، އެންޑް އެނަރޖީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޠާރިޤް އިބްރާހިމް އެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އެވެ.
މި އެއްބަސްވުމުގެ މަޤްޞަދަކީ، މިހާރު ވިލިމާލޭގައި އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކާއި، މިހާރު ބޭނުންކުރަމުންދާ ނިޒާމުގައި ހުރި މައްސަލަތަކާއި، އެ މައްސަލަތައް ޙައްލުކުރުމަށް ކުރަންހުރި މަސައްކަތްތަކަކީ ކޮބައިކަމާއި، ކުރިއަށްއޮތް ވިހިއަހަރު ދުވަހަށް ޑިމާންޑް އިތުރުވާނެ މިންވަރާއި، މި ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަންހުރި މަސައްކަތްތަކާއި، މަރާމާތުކުރުމަށާއި، ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އިންވެސްޓްމަންޓް ދެނެގަތުމާއި، ނިޒާމު މަރާމާތު ކުރުމަށާއި އަޕްގްރޭޑްކުރުމަށް މަޝްރޫޢުއެއް އެކުލަވާލައި އެ މަޝްރޫޢު ތަންފީޛުކުރާނެ ގޮތުގެ އެކްޝަންޕްލޭނެއް ތައްޔާރު ކުރުން ކަމަށް ސްޓެލްކޯއިން ބުނެއެވެ.
މި އެއްބަސްވުމުގެ ދަށުން ވިލިމާލޭގެ ލޭންޑް ޔޫސް ޕްލޭންގެ މަޢުލޫމާތު ކަމާގުޅޭވުޒާރާ މެދުވެރިކޮށް ފޯރުކޮށްދިނުމާއި، ހަކަތައާއި ފެނާއި ނަރުދަމާގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ހާމަކޮށްދިނުމާއި، ސަރުކާރުގެ އެކި މުއައްސަސާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމުގައި އެހީތެރިވެދިނުމާއި، ފަހުމުނާމާގެ ދަށުން ތައްޔާރުކުރެވޭ މަޝްރޫޢުއާއި އެކްޝަންޕްލޭން އިކްނޮމިކް ކައުންސިލަށް އެ ކައުންސިލުގެ އެންޑޯސްމަންޓް ހޯދައިދިނުން ހިމެނޭ ކަމަށް ވެސް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ.
އަދި މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯގެ ޒިންމާތަކުގެ ތެރޭގައި ވިލިމާލޭގައި ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ކަރަންޓުގެ ޑިމާންޑް ސްޓަޑީއެއް ހެދުމާއި، ވިލިމާލޭގައި ގާއިމުކޮށްފައިވާ އިންފްރާންސްޓްރަކްޗަރގެ ޙާލަތު ދެނެގަތުމަށް ފަންނީ ދިރާސާއެއް ކުރުމާއި، ދިރާސާގެ އަލީގައި ވިލިމާލޭގައި ގާއިމިކޮށްފައިވާ އިންފްރާންސްޓްރަކްޗަރގެ ކެޕޭސިޓީ އިތުރުކުރަންޖެހޭ މިންވަރު ކަނޑައެޅުމާއި، ދިރާސާގެ އަލީގައި، ވިލިމާލޭގައި ގާއިމުކޮށްފައިވާ އިންފްރާންސްޓްރަކްޗަރ މަރާމާތު ކުރުމަށާއި އަޕްގްރޭޑްކުރުމަށް ބޭނުންވާނެ އިންވެސްޓްމަންޓުގެ އަދަދު ކަނޑައެޅުމުގެ އިތުރުން ދިރާސާގެ އަލީގައި، ވިލިމާލޭގައި ގާއިމުކޮށްފައިވާ އިންފްރާންސްޓްރަކްޗަރ މަރާމާތުކޮށް އަޕގްރޭޑް ކުރުމަށް މަޝްރޫޢުއެއް އެކުލަވާލައި އެ މަޝްރޫޢު ތަންފީޛުކުރާނެގޮތުގެ އެކްޝަން ޕްލޭނެއް ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހެޅުން ހިމެނެއެވެ.
އަދި މި އެއްބަސްވުމުގެ ދަށުން ވިލިމާލޭގެ ކަރަންޓްގެ ހާލަތު ދެނެގަނެ، ޕަވާ ސިސްޓަމް އަޕްގްރޭޑްކޮށް، ހިދުމަތް އިތުރަށް ފުރިހަމަކުރުމާއެކު، ވިލިމާލެ އަށް ބޭނުންވާ ކަރަންޓްގެ ފޯރުކޮށްދިނުމަށްޓަކައި، ދުރުރާސްތާ ޕްލޭނެއް އެކުލަވާލުމަށްޓަކައި، ސްޓެލްކޯގެ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމެންޓާއި، ރީޖަނަލް ޕަވާހައުސް ޑިޕާޓްމެންޓް ގުޅިގެން ސާވޭއެއް ހެދުމުގެ މަސައްކަތްވެސް މިއަދު ވަނީ ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ