ރައީސް އުންމީދު ކުރައްވަނީ މާދަމާ ޔާމީން މިނިވަން ވާނެ ކަމަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފުގެ މައްސަލައިގައި މާދަމާ ހުކުމް އިއްވާއިރު, އެމަނިކުފާނު މިނިވަންވެވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީނު، 11 އަހަރަށް ޖަލަށް ލާން ހުކުމް ކުރި މައްސަލާގަ އިސްތިއުނާފުގެ ހުކުމް ކުރުން މާދަމާއަށް ވަނީ ތާވަލްކޮށްފަ އެވެ.
މިރޭ ބޭއްވި ކެމްޕެއިނު އިވެންޓެއްގައި ރައީސް ވިދާޅުވީ, އެ މައްސަލަ އިންސާފުވެރިކަމާ އެކު އަވަހަށް ނިންމުމަށް އެމަނިކުފާނު ތަކުރާރުކޮށް ގޮވާލައްވާފައިވާނެ ކަމަށާއި އުންމީދަކީ މައްސަލަ ޔާމީނާ އެއްކޮޅަށް ނިމިގެން ދިއުން ކަމަށެވެ.
''އަޅުގަނޑުގެ އުއްމީދު ކުރަނީ މާދަމާ އޮންނާނެ ކަމަށް އަޅުގަނޑުގެ ދުއާއަކީ އެމަނިކުފާނަށް އިންސާބު ލިބި މިނިވަންވެގެން އައުން'," ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތުން ޖުޑީޝަރީގައި އެމްޑީޕީގެ ނުފޫޒު އޮތް މިންވަރު ސާފު ވެއްޖެ ކަމަށެވެ.
އެގޮތުން މަޖިލިސް ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ މަޖިލިސް ރައީސް މުހައްމަދު އަސްލަމް އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި ވާހަކައަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ, އެހެން ވިދާޅުވިތާ ދެތިން ދުވަސް ތެރޭގައި މައްސަލަ އެޖެންޑާކޮށްފައިވާ ކަމަށެވެ.
"ހަމަ އެވާހަކަ ވިދާޅުވީތާ ދެ ތިން ދުވަސް ތެރޭ މިހާރު އެއޮތް މާދަމައަށް ޝެޑިއުލޮކޮށްފައި. މިއޮތްހާ ދުވަހު އެ ބޭފުޅުން ހިފެހެއްޓީ ނޫންތޯ އެ ބޭފުޅުން ބޭނުންވީމަ ޝެޑިއުލް އެބަކުރެވޭ," ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ, މި ކަމުގެ ޖުޑީޝަރީގައި އެމްޑީޕީގެ ނުފޫޒު އޮތް މިންވަރު ހާމަވާ ކަމަށާއި އެކަން ބަދަލުކުރައްވާނެ ކަމަށެވެ.
"ހިތާމަކުރަން. އަޅުގަނޑު ވައުދުވިން ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރާނަމޭ," ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ