އުފާވެރި ރާއްޖެ އިންޑެކްސްވާނީ ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ބައްޓަންކުރެވޭނެ ފްރޭމްވޯކަަކަށް: ވަޒީރު

"ހެޕިނެސް އިންޑެކްސް" ވެގެންދާނީ ރައްޔިތުން ބޭނުންވާގޮތަށް ރަށުގެ ކަންކަން ބައްޓަން ކުރެވޭނެ ފްރޭމްވޯކަކަށްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގެ ހެޕިނެސް އިންޑެކްސް ނުވަތަ އުފާވެރި ރާއްޖެ އިންޑެކްސް އެކުލަވައިލުމުގެ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އާއި އިސްލާމީ ޔުނިވާސިޓީ އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުމެކެވެ.
މި މަސައްކަތު ބައްދަލުވުން ފަށްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ދިރިއުޅުމުގެ ހުރިހާ އެއްޗަކީ ފައިސާކަމުގައި ގިނަ ބަޔަކަށް ގަބޫލުކުރެވިފައި އޮތް ނަމަވެސް ހިތްހަމަޖެހުމާއި އުފާވެރިކަން ފައިސާއިންވެސް ނުގަނެވޭނެ ކަމަށެވެ. އެއްބަޔަކު ކޮންކްރީޓް ތަރައްގީ ނުވަތަ ޢުމްރާނީ ގޮތުން އަންނަ ތަރައްޤީ ބޭނުންވާއިރު އަނެއްބަޔަކު ބޭނުންވަނީ ސާދާ ދިރިއުޅުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެކި ރަށްރަށުގައި ތަފާތު މައްސަލަތައް ހުރިއިރު، އުފާވެރިކަމުގެ މިންގަނޑު ކަނޑައެޅުމުގައި އދ. އިން ކަނޑައަޅާފައިވާ ގޮތްތަކާއި އެހެން ޤައުމުތަކުން އެކަންކުރަމުންދާ ގޮތްތަކަށް ރިއާޔަތް ކުރަންޖެހޭ ކަމަށެވެ. އަދި މިއީ ރާއްޖެއަށް މުހިންމު މަސައްކަތެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އެކުލެވޭ ހެޕިނެސް އިންޑެކްސް ވެގެންދާނީ ރާއްޖޭގެ ކޮންމެ ރަށެއްވެސް އެ ރަށެއްގެ އުފާވެރިކަން، ރައްޔިތުންގެ ހިތްހަމަޖެހުން އޮތްވަރު ދެނެގަނެވޭ، ބޭސްލައިނެއްގެ ގޮތުގައި. އަދި އެ ރަށްތައް ކުރިއަށް އޮތްތަނުގައި އެ ރަށެއް އަމިއްލައަށް ކުރިއަށްދިއުމަށް އެ ރަށެއް އަމިއްލައަށް ތަރައްގިވުމަށް، އެ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތެއްގެމަތިން ރައްޔިތުން އެދޭ ކަންތައްތަކެއް އޭގެތެރޭގައި ހިމެނިގެން އެކުލަވާލެވިފައި އޮންނަ އަދި އެ ރަށް އަނެއް ރަށާ ވާދަވެސް ކުރެވިދާނެ ގޮތެއްގެ މަތިން އެކުލަވާލެވޭ ފްރޭމްވޯކަކަށް." ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އިސްލާމީ ޔުނިވާސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ އައުމަށް ދުނިޔޭގެ އެކި ޤައުމުތަކުގެ ރައްޔިތުން ޝައުގުވެރިވަނީ ރާއްޖެއަކީ އުފާވެރިތަނެއްގެ ގޮތުގައި ދެކޭތީ ކަމަށް ވިދާޅުވިއެވެ. ރާއްޖެއަކީ ކާބަފައިންގެ ޒަމާނުއްސުރެ އުފާވެރިކަމާއި އެއްބައިވަންތަކަމާއެކު ދިރިއުޅޭ ރައްޔިތުންތަކެއް އުޅޭ ޤައުމެއް ނަމަވެސް މިހާރު ބައެއް ކަންތައްތައް ބަދަލުވެފައިވާކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވިއެވެ.
އެހެންކަމުން ހެޕިނެސް އިންޑެކްސްއެއް އެކުލަވައިލުމުން އޭގެ ފައިދާ ދިގު މުއްދަތަކަށް ކުރާނެ ކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.
"ހަގީގަތުގައި އަޅުގަނޑަށް ވިސްނެނީ ޤައުމަށް ތަރައްގީއާއި ކުރިއެރުން ހަގީގީ މާނައިގައި ލިބިގެންދާނީ މީހުން ހަމަޖެހިގެން އުފާވެރިކޮށް ތިބެވިގެން. ހަމަނުޖެހުމެއްގެ ތެރޭގައި ކަންބޮޑުވުމެއްގެ ތެރޭގައި ތިބެގެން ކަމަކަށް ކަމެއް ކުރެވޭނެ. އެކަމަކު ރަނގަޅު އެކަށީގެންވާ މަސައްކަތެއް އަޅުގަނޑުމެންނަށް ނުކުރެވޭނެ،" އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވިއެވެ.
ހެޕިނެސް އިންޑެކްސް އެކުލަވާލުމުގެ މަސައްކަތުބައްދަލުވުން ކުރިއަށް ގެންގޮސްދެއްވީ އިސްލާމިކް ޔުނިވާރސިޓީގެ ސެންޓަރ ފޯރ ރިސާރޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. އާމިނަތު ޝާފިޔާއެވެ. މި މަސައްކަތުބައްދަލުވުމުގެ ފުރަތަމަ ބައްދަލުވުން ޚާއްޞަ ކުރީ ސިޓިތަކާއި އިދާރީ ދާއިރާތާކާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ މުވައްޒަފުންނަށެވެ. ކުރިއަށް އޮތްތަނުގައި މި ފަދަ މަސައްކަތު ބައްދަލުވުންތައް އެކިއެކި މުއައްސަސާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ