ސަރުކާރުން ތަޢާރަފްކުރާ ޓެކްސީލައިންގެ ޚިދުމަތް ވިލިމާލެއަށްވެސް ފޯރުކޮށްދޭނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މާލޭގައި ތަޢާރަފްކުރާ ޓެކްސީ ލައިންގެ ޚިދުމަތަކީ، ރައްޔިތުންނަށް ކުރިޔަށްވުރެ ބޮޑަށް ޓެކްސީ ހޯދަން ފަސޭހަކޮށްދީ، ޓެކްސީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ތަޢާރަފްކުރާ ޚިދުމަތެކެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ ބިންގާ އެޅުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވީ، ސަރުކާރުން ތަޢާރަފްކުރާ ޓެކްސީ ލައިންގެ ޚިދުމަތް ފެށޭއިރު، ވިލިމާލޭގެ ރައްޔިތުންނަށްވެސް 5 ކާރުން އެ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށެވެ.
ވަޒީރު ވިދާޅުވީ، ޓެކްސީ ލައިންގެ ޚިދުމަތަށް ބޭނުންކުރާނީ އިލެކްޓްރިކް ޓެކްސީތަކަށް ވުމާއެކު، ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހަކަމާއި ރަށުގެ ތަރައްޤީއަށް އެއީ ވަރަށް މުހިންމު އެއްޗެއްކަމަށް ޤަބޫލުކުރައްވާކަމަށެވެ.
"ސަރުކާރުން މިހާރު ފެށުމަށް ތައްޔާރުވަމުންދާ މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފެށޭއިރުގައި މިރަށުގައިވެސް އޭގެ 5 ޓެކްސީ ގެނެސް ރައްޔިތުންނަށް އެ ޚިދުމަތް ދެވިގެންދާނެކަން. މިއީ އިލެކްޓްރިކް ޓެކްސީ ތަކަކަށްވާތީ މިރަށުގެ މާޙައުލާއި މިރަށުގެ ރައްޔިތުންގެ ފަސޭހަކަމާއި މިރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު ރޯލެއް އަދާކުރާނެކަމެއްކަމީ ޝައްކެއްއޮތްކަމެއްނޫން." ވަޒީރު ވިދާޅުވިއެވެ.
ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ، އޭޕްރިލް މަހުގެ 2 ވަނަ ދުވަހުއެވެ. މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭނީ، އެކަމަށް ޚާއްސަކޮށް އުފައްދާފައިވާ އެޕްލިކޭޝަން މެދުވެރިކޮށެވެ.
ސަރުކާރުގެ ޓެކްސީ ލައިނުގައި ބޭނުންކުރާނީ، %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ. މާލޭގައި ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ގެންނަނީ، ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ކާރުތަކެވެ.
ޓެކްސީ ލައިނަށް ބޭނުންވާ 150 ކާރުގެ ތެރެއިން 60 ކާރު މިހާރު ވަނީ މާލެ ގެނެސްފައެވެ. އަދ މިމަހުގެ 29 ވަނަ ދުވަހު ކާރުތަކުގެ ދެވަނަ ޝިޕްމަންޓް ރާއްޖެެއަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ. ދެވަނަ ޝިޕްމަންޓުގައި ހިމެނެނީ 90 ކާރެވެ.
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ޚިދުމަތާއެކު، މުޅި ޚިދުމަތަށް ހެޔޮ ބަދަލެއް ފެންނާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
މާލެ ޓެކްސީ ލައިންގެ ޚިދުމަތް ވިލިމާލޭގައިވެސް ދޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ