ތެޔޮ ލިބުމުގައި ދައްޗެއް ނުވާނެ، އެސްޓީއޯ އިން މިދިޔަ ހަފްތާގައި ވެސް ދެ ޝިޕްމެންޓު ގެނެސްފި: ސައީދު

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި ސަޕްލައި އަށް ބުރޫއަރާފައިވާ މި ދަނޑިވަޅުގައި ވެސް ދިވެހި ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި މިދިޔަ ހަފްތާގައި ވެސް ތެލުގެ ދެ ޝިޕްމެންޓު ރާއްޖެ ގެނެސްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސައީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލި، ތެޔޮ ސަޕްލައި ކުރުމަށް ވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ތަފްސީލް - މި ހާލަތުގެ އަސަރު ރާއްޖެ އަށާއި ދިވެހި ރައްޔިތުންނަށް ކުރާވަރު ވީހާ ވެސް ކުޑަކުރުމަށް ހަލުވި އަދި ރޭވުންތެރި ފިޔަވަޅުތައް ސަރުކާރުން އަޅަމުން އަންނަ ކަމަށް ސަައީދު ވިދާޅުވި އެވެ.
އެގޮތުން ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނެހެން އެސްޓީއޯ އިން ތެލުގެ ސްޓޮކް ދަމަހައްޓަމުން އަންނަ ކަމަށް ސައީދު ވިިދާޅުވި އެވެ.
އެސްޓީއޯ ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި އަދި ދުރާލާ ސަޕްލަޔަރުންނާ އެކު  އެއްބަސްވެފައިވާ "ނޮމިނޭޝަން" އެރޭންޖްމެންޓުގެ ދަށުންކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ  މިދިޔަ ހަފްތާގައި ވެސް  ތެލުގެ ދެ ޝިޕްމެންޓު ގެނެސްފައިވާ ކަމަށެވެ.
އެސްޓީއޯއިން ސަޕްލަޔަރުންނާ އެކު އެއްބަސްވެފައިވާ ނޮމިނޭޝަނާއި ތާރީހުތަކާ އެއްގޮތަށް، ތެލުގެ އިތުރު ޝިޕްމެންޓްތައް ވެސް ރާއްޖެއަށް ގެނައުމަށް ޝެޑިއުލް ކުރެވިފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ އެއްވެސް ދަތިކަމެއް ނެތި ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ރާއްޖެއަށް ގެނެސް ރަައްޔިތުންނަށް ލިބެން ހުންނާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ފާހަގަ ކުރެވޭ - އީރާނުގެ ހަނގުރާމައިގެ ސަބަބުން ހަކަތަ ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ހުރަސްތައް ދިގުލައިގެން ހިނގައިދާނެތީ، އޭގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލި، އިގްތިސާދީ ކުރިއެރުން ހީނަރުވެދާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވަނީ ބުނެފަ އެވެ.
ހަނގުރާމައިގެ ސަބަބުން ތެލާއި ގޭސް އުފުލުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ސާފުނުކުރާ ތެލުގެ އަގު %50އަށް ވުރެ މައްޗަށް ގޮސް، ފީފާއެއްގެ އަގު 100 ޑޮލަރަށް ވުރެ މައްޗަށް ވަނީ އުފުލިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ