އައްޑޫގެ ދުއްވަން ދަސްކޮށްދޭ ތަންތަނުގެ ދަތިކަން ހައްލުކޮށްދޭނަން: މުޝްރިފް

އައްޑޫގެ ދުއްވަން ދަސްކޮށްދޭ ތަންތަނުގެ ދަތިކަން ހައްލުކޮށްދޭނެކަމަށް ޕީއެންސީގެ ފަރާތުން އައްޑޫ ސިޓީގެ މޭޔޮރަލް ކެނޑިޑޭޓް މުޝްރިފް އަލީ އިއްޔެ ވިދާޅުވެއްޖެއެވެ.
އައްޑޫ ޑްރައިވިން ސްކޫލުން ފޭސްބުކްގައި ކުރި ޕޯސްޓަކާ ގުޅިގެން މުޝްރިފް ވިދާޅުވީ އައްޑޫގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމަށް ހަދާ އިމްތިހާނަށްވުރެ ބޮޑު ގޮންޖެހުމަކީ ދުއްވަން ދަސްކުރުމަށް ނުވަތަ ޕްރެކްޓިސް ކުރުމަށް އޮތް ދަތިކަން ކަމަށެވެ.  
އިމްތިހާނުގައި ބައިވެރިވުމަށް އެއް ފަހަރު ހިތަދުއަށް ދިއުމަކީ ކުރެވިދާނެ ކަމެއް ނަމަވެސް، ދުއްވަން ދަސްކުރުމަށްޓަކައި ތަކުރާރުކޮށް ކުރަންޖެހޭ ދަތުރުތަކަކީ ރައްޔިތުންނަށް އޮތް ބޮޑު ތަކުލީފެއް
މުޝްރިފް އަލީ
މީގެ އިތުރުން، މުޝްރިފް ފާހަގަކުރެއްވި ގޮތުގައި ހިތަދޫން ބޭރުގައި ދިރިއުޅޭ ރައްޔިތުން ދުއްވަން ދަސްކުރުމަށް ކޮންމެ ދުވަހަކު ކުރަންޖެހޭ ދަތުރުތަކުގެ ސަބަބުން ތެލަށާއި ވަގުތަށް ބޮޑެތި ޚަރަދުތަކެއް ހިނގައެވެ. މީގެ ސަބަބުން ދުއްވަން ދަސްކޮށްދޭ ސްކޫލްތަކަށާއި ދަސްކުރާ ދަރިވަރުންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ނުލިބި، ދަތި އުނދަގޫ ހާލަތެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ މީގެ ކުރިންވެސް ރައްޔިތުން ފާޅުކުރަމުންދާ ކަންބޮޑުވުމެއްކަން ފާހަގަކުރައްވަމުން މުޝްރިފް ވިދާޅުވީ، ލައިސަންސް އިމްތިހާނު ހެދުމަކީ ގައުމީ އިދާރާތަކުގެ ދަށުން ހިނގާ ކަމެއް ނަމަވެސް، ދުއްވަން ދަސްކުރާނެ ބިމެއް ނުވަތަ ޕްރެކްޓިސް ގްރައުންޑެއް ކަނޑައެޅުމަކީ ސިޓީ ކައުންސިލަށް ކުރެވޭނެ ކަމެއް ކަމަށެވެ. އަދި އައްޑޫއަކީ ގުޅިފައިވާ އެއް ސިޓީއަކަށްވާއިރު، ކައުންސިލްގެ ޚިދުމަތްތަކުން އެކަން ފެންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ލައިސަންސް އިމްތިހާނު ހެދުމަކީ ގައުމީ އިދާރާތަކުގެ ދަށުން ހިނގާ ކަމެއް ނަމަވެސް، ދުއްވަން ދަސްކުރާނެ ބިމެއް ނުވަތަ ޕްރެކްޓިސް ގްރައުންޑެއް ކަނޑައެޅުމަކީ ސިޓީ ކައުންސިލަށް ކުރެވޭނެ ކަމެއް. އަދި އައްޑޫއަކީ ގުޅިފައިވާ އެއް ސިޓީއަކަށްވާއިރު، ކައުންސިލްގެ ޚިދުމަތްތަކުން އެކަން ފެންނަންޖެހޭނެ
މުޝްރިފް ވިދާޅުވިއެވެ.
މި މައްސަލައަށް އޮތް އަމަލީ ހައްލެއްގެ ގޮތުން މަރަދޫ ނުވަތަ މަރަދޫފޭދޫ ސަރަހައްދުގައި ދުއްވަން ދަސްކުރާނެ ބިމެއް ގާއިމުކުރުމަކީ ގިނަ ބައެއްގެ ދިރިއުޅުމަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށް މުޝްރިފް ވިދާޅުވިއެވެ. އޭނާއަށް މޭޔަރުކަމުގެ ފުރުސަތު ލިބިވަޑައިގެންފިނަމަ، އެކަމަށް އެކަށީގެންވާ ބިން ހޯދައި، ދުއްވަން ދަސްކޮށްދޭ ސްކޫލްތަކުގެ މަޝްވަރާއާއެކު އެންމެނަށް އިންސާފުވެރިކޮށް އެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ.
މުޝްރިފް އަލީގެ ވަނީ މިއީ ވަރަށް އާދައިގެ ނަމަވެސް ރައްޔިތުންގެ ކޮންމެ ދުވަހުގެ ދިރިއުޅުމާ ގުޅިފައިވާ މުހިންމު މައްސަލައެއްކަން ފާހަގަކުރައްވާފައެވެ. އަދި ރައްޔިތުންގެ ދިރިއުޅުން ބަދަލުކޮށްދެވެނީ މިފަދަ އަމަލީ ކަންކަން ހައްލުކޮށްދީގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ