ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު %33 މަދުކުރަން ނިންމުން ކުށްވެރިކޮށްފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު %33 މަދުކުރަން ނިންމުން، މަސައްކަތްތެރިންގެ ޖަމިއްޔާތައް ހިމެނޭ، ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)އިން ކުށްވެރިކޮށްފި އެވެ.
ވީ ކިހިނެއް؟ - ކުންފުނިތަކުގެ މުވައްޒަފުން ވަކި މިންވަރަކަށް މަދުކުރުމުގެ އިތުރުން، ތައުލީމާއި ހުނަރާއި ގާބިލުކަމަށް ބަލައިގެން ވަޒީފާތަކަށް މީހުން ނެގުމަށް ފިނޭންސް މިނިސްޓްރީން މިދިޔަ ހުކުރު ދުވަހު ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އަންގައިފަ އެވެ.
ސަބަބެއް ކަމަށް ބުނެފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ނަތީޖާ ނެރުން އިތުރުކުރުމެވެ.
ތަފްސީލް - ނަމަވެސް، އެމްޓީޔޫސީއިން ބުނީ މިއީ ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ އެކަށީގެންވާ ސަބަބެއް ނެތި، ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ދޭ ސިގްނަލެއް ކަމަށެވެ. 
އެކަން ކުށްވެރިކޮށް އެ ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި:
މި ނިންމުމުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމުގެ އާމްދަނީއަށް ވަނީ ނުރައްކާ ކުރިމަތިވެފައި
ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް، ދާއިމީ ވަޒީފާއަށް ބަރޯސާވެފައިވާ މި ދަނޑިވަޅުގައި، މި ފަދަ ބޮޑު ފިޔަވަޅެއްގެ ސަބަބުން މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކަށް ނުތަނަވަސްކަން ކުރިމަތިވާނެ
އަދި ހާއްސަކޮށް މެދު ފަންތީގެ އާއިލާތަކަށް މާލީގޮތުން ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ
"މި ފިޔަވަޅުގެ ސަބަބުން ކުރިމަތިވާނެ ނޭދެވޭ އަސަރުތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ،" އެ ބަޔާނުގައި ބުނެފައި ވެ އެވެ.
އެމްޓީޔޫސީއިން ބުނީ މި ފިޔަވަޅުގެ މަގްސަދަކީ ހިންގުމުގެ ހަރަދު ކުޑަކުރުމާއި ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކުރުން ކަމަށް ބުނި ނަމަވެސް، އޭގެ ބުރަ އާއްމު މަސައްކަތްތެރިންގެ ބޮލުގައި އެޅުވިގެން ނުވާނެ ކަމަށެވެ. 
އޭގެ އިތުރުން އެ ބަޔާނުގައި ބުނީ:
ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ފަށަން ވާނީ މާލީ ބޭކާރު ހަރަދުތަކަށް އެންމެ ކުޑަކޮށް ޒިންމާވާންޖެހޭ މީހުން ނޫން ކަމަށް
އަދި ހާއްސަކޮށް، ސިޔާސީ މަގާމުތައް މަދުކުރުމާއި ސަރުކާރުގެ ބޭކާރު ހަރަދުތައް ކުޑަކުރުން ފަދަ ރަނގަޅު ބަދަލުތައް ފެންނަން އޮތް އިރު، މިއީ ގަބޫލު ކުރެވޭނެ ފަދަ ނިންމުމެއް ނޫން ކަމަށް 
މީގެ ސަބަބުން މަސައްކަތްތެރިންނާއި އެ މީހުންގެ އާއިލާތަކާއި މުޅި މުޖުތަމައުއަށް އިތުރު ތަކުލީފުތަކެއް ކުރިމަތިވާނެ ކަމަށް
އެހެންވެ އެ ޖަމިއްޔާއިން ގޮވާލީ، ސަރުކާރުގެ މި ނިންމުން މުރާޖައާ ކުރުމަށެވެ. އަދި މަސައްކަތްތެރިންގެ މަންދޫބުންނާ މިކަމުގައި މަޝްވަރާކޮށް، އެ މީހުންގެ ހައްގުތަކާއި އާމްދަނީ ރައްކާތެރިކޮށްދޭނެ ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ