ރީސްގެ ނަމުގައި ސްކޭމް ހިންގައި، ބައްދަލުކުރަން އެދޭތީ ސަމާލުވާން އެދެފި

ހޮލީވުޑްގެ ކާމިޔާބު ބަތަލާ ރީސް ވިތަސްޕޫންގެ ނަމުގައި ބަޔަކު މީހުން ސޯޝަލް މީޑިއާ އެކައުންޓުތަކެއް ހިންގަމުން އަންނާތީ އެ ކަމަށް ސަމާލުވުމަށް ބަތަލާގެ ސަޕޯޓަރުންނަށް އަންގައިފިއެވެ. އޮސްކާ އެވޯޑު ކާމިޔާބުކޮށްފައިވާ ރީސް ޓިކްޓޮކް މެދުވެރިކޮށް ސަޕޯޓަރުންނާ ހިއްސާކުރި ވީޑިއޯގައި ބުނެފައިވަނީ ބަތަލާގެ ނަމުގައި އެއްވެސް މީހަކު މުއާމަލާތުކުރިޔަސް އެ ދައުވަތު ގަބޫލު ނުކުރުމަށެވެ. ރީސްގެ ނަމުގައި ޓިކްޓޮކް، އިންސްޓަގްރާމް އަދި އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން އެކައުންޓުތަކެއް ބަޔަކު މީހުން ހިންގަމުން އަންނައިރު އެ މީހުންގެ އެންމެ ބޮޑު މަގުސަދަކީ އެހެން މީހުންގެ ޒާތީ މައުލޫމާތު ހޯދުމަށް ފަހު، ފައިސާ ހޯދުން ކަމަށް ރީސް ވަނީ ބުނެފައެވެ. އެ މީހުން ބައެއް ފަހަރު ވާހަކަދައްކާ މީހުންނާ ބައްދަލުކުރަން ވެސް އެދޭ ކަމަށާއި އެފަދަ ކަންކަމާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ރީސްގެ ވީޑިއޯގައި ވަނީ ބުނެފައެވެ. ރީސް ދަރިފުޅު އޭވަ ފިލިޕީއާ އެކު--ފޮޓޯ/ލައިފްސްޓައިލް ރީސްގެ ނަމުގައި ބަޔަކު މީހުން މުއާމަލާތު ކުރަން މަސައްކަތްކޮށްފިނަމަ އެކަން ކަމާބެހޭ އިދާރާތަކަށް ވަގުތުން ރިޕޯޓު ކުރުމަށް ބަތަލާ ވަނީ އެދިފައެވެ. ރީސް އަމިއްލައަށް އެއްވެސް ސަޕޯޓަރަކާ އިސްވެ ވާހަކަދައްކަން މަސައްކަތް ނުކުރާނެ ކަމަށާއި އެފަދަ މެސެޖެއް ލިބިއްޖެނަމަ އެއީ ހަގީގަތުގައި ވެސް ރީސްގެ ނުވަތަ ބަތަލާގެ ޓީމުން ލިބުނު މެސެޖެއްތޯ ޔަގީން ކުރުމަށް ވެސް އޭނާ ވަނީ އެދިފައެވެ. މަގުބޫލު "ދަ މޯނިންގް ޝޯ"ގެ ބަތަލާ ބުނީ، މި ފަހަކަށް އައިސް އެފަދަ ސްކޭމްތަކުގެ ޝިކާރައަށް ވަރަށް ގިނަ ބަޔަކު ވަމުން އަންނައިރު އޭގެ ތެރޭގައި ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އިތުރުން ހޮލީވުޑްގެ މަޝްހޫރު ގިނަ ފަންނާނުންތަކެއް ހިމެނެއެވެ. ހޮލީވުޑްގެ މަޝްހޫރު ސެލެބްރިޓީން ކަމަށްވާ ސްކާލެޓް ޖޯހެންސަން، ކައިލީ ޖެނާ، ޓެއިލާ ސްވިފްޓް، އާންޔާ ޓެއިލަ، ޓޮމް ހޭންކްސް، ޖޮނީ ޑެޕް އަދި ބްލޭކް ލައިވްލީ ފަދަ ފަންނާނުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ