އުތުރުގެ އަތޮޅުތަކަށް ދުރު ފެންނަ މިންވަރު ހަތަރު ކިލޯ މީޓަރުގައި، ވައި ސާފުވާނެ ދުވަހެއް އަދި ނޭނގެ

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ދުރުފެންނަ މިންވަރު މިއަދު ހުރީ ހަތަރު ކިލޯ މީޓަރުގައި ކަމަށާއި އެއްކޮށް ވައި ސާފުވާނޭ ދުވަހެއް ނޭނގޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ބުނެފިއެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ދުންފުހުގެ އަސަރު ކުރަމުންދާ ދުވަސްވަރެކެވެ. ސަން އަށް މައުލޫމާތު ދެމުން މެޓް އޮފީހުން މިއަދު ބުނީ ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށް ދުރުފެންނަ މިންވަރު ހުރީ ހަތަރު ކިލޯ މީޓަރުގައި ކަމަށެވެ. އަދި މެދުރާއްޖެތެރެއަށް ފަސް ކިލޯ މީޓަރުގައި ހުރިއިރު، ދެކުނުގެ ސަރަހައްދުތަކަށް ދުރު ފެންނަ މިންވަރު ހުރީ ފަސް ކިލޯ މީޓަރުން މަތީގައި ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. މީގެ ދެ ދުވަސްކުރީން މެޓް އޮފީހުން ވަނީ ދުރު ފެންނަ މިންވަރު ދެ ކިލޯ މީޓަރަށް ވުރެ ދަށްވެފައިވާ ކަމަށާއި ކުރިއަށް އޮތް ދެ ދުވަހުގެ ވެސް ވައި ނުސާފުވާނެ ކަމަށް ބުނެފައެވެ. ވައިގެ ކޮލެޓީ ދައްކައިދޭ އައިކިއު އެއާއިން ދައްކާގޮތުގައި، މާލެ ސަރަހައްދުގައި މި ވަގުތު ވައިގެ ކޮލެޓީ ހުރީ 151 އެވެ. މިއީ ނުރައްކަލުގެ ރަތް ސަމާލެކެވެ. އަދި ކުޑަހުވަދޫގައި ވައިގެ ކޮލެޓީ 153 ގައި ހުރިއިރު، ކުޅުދުއްފުށި ސިޓީގައި ވައިގެ ކޮލެޓީ 163 ގައި މިއީވެސް ނުރައްކަލުގެ ރަތް ސަމާލެކެވެ. އެހެންކަމުން ނާޒުކު ހާލަތުއިވާ ފަރާތްތައް ބޭރަށް ނުކުތުމުގެ ކުރިން މާސްކު އެޅުމަށާއި ނުސާފު ވައި ވަނަ ނުދިނުމަށްޓަކައި ދޮރުތައް ލައްޕައިފައި ބެހެއްޓުމަށާއި ނާޒުކު ހާލަތުގައިވާ ފަރާތްތައް ކުޅިވަރުކުޅުމާއި ކަސްރަތުކުރުން މަޑުޖައްސާލަން ސިއްހީ މާހިރުން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ