ރެޑްބުލް 2 ދަޅާއި ވަކިލާރި ދަޅެއް ވަގަށް ނެގި މީހަކު ޖަލަށް

މާލޭގެ ފިހާރައަކުން ރެޑްބުލް ދެ ދަޅާއި، ވަކިލާރި ފުޅިއެއް ވަގަށް ނެގި މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ. މިއީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މާލޭގައި ހިނގި ވައްކަމުގެ ހާދިސާއެކެވެ. މި މައްސަލައިގައި ދައުލަތުން ދައުވާކުރީ، ހދ. ކުޅުދުއްފުށީ މީހަކާ ދެކޮޅަށެވެ. ދައުލަތުން މި މައްސަލައިގައި އުފުލާފައި ވަނީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއާއި ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ ފަތިހު، އަސުރުމާގޯޅީގައި ހުންނަ ފިހާރައަކުން ވައްކަން ކުރި މި މައްސަލައިގެ ޝަރީއަތުގައި ދައުވާ ލިބުނު މީހާ ވަނީ ދައުވާއަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދައިފައެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ދައުވާ ލިބުނު މީހާ ވަގަށް ނަގާފައި ވަނީ، އެ ފިހާރައިގެ އައިސް އަލަމާރިން ދެ ރެޑްބުލް ދަޅާއި ފިހާރައިގެ ކައުންޓަރު މަތިން ވަކިލާރި ދަޅެކެވެ. ދައުލަތުން ދައުވާ ކުރި ދެ މައްސަލައިގެ ތެރެއިން އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ ސާބިތުވުމުން، ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. އެއީ، އިއުތިރާފުވުމުން އިއްވި ލުއި އަދަބެކެވެ. ވައްކަމުގެ މައްސަލައިގައި އިއްވީ، އެއް މަހާއި ހަ ދުވަހުގެ ހުކުމެވެ. އެއީ ވެސް އިއުތިރާފުގެ އެއްބަސްވުމާއެކު އަދަބު ލުއިކޮށްދިނުމުންނެވެ. މި ދެ މައްސަލައިގައި އިއްވި ހުކުމުގެ މުއްދަތުން، ދައުވާ ލިބޭ މީހާ ބަންދުގައި ހުރި މުއްދަތު އުނިކުރާނެކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެއީ، 13 ދުވަސް ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ