ރާއްޖޭގައި އަންނަ މަހު ފަށާ ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ވާދަކުރަން، އާސިއާން ސަރަހައްދުގެ ގަދަ ބާރެއް ކަމުގައިވާ އަފްޣާނިސްތާނުން ނިންމައިފިއެވެ.
ކުރިން ސާފް ސަރަހައްދުގައި ކުޅުނު އަފްޣާނިސްތާނަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައި ވަނީ، މި މުބާރާތުގައި ބައިވެރިވާން ފުރަތަމަ ދައުވަތުދިން އެއް ގައުމު ކަމުގައިވާ ސްރީ ލަންކާއިން މުބާރާތުގައި ބައިވެރިނުވާން ނިންމުމުންނެވެ.
ލަންކާއިން މުބާރާތުގައި ބައިވެރިނުވާ ސީދާ ސަބަބު ރަސްމީކޮށް ހާމަކޮށްފައި ނުވާއިރު، އެފްއޭއެމް އިން ދިން ދައުވަތު ގަބޫލުކޮށް، އަފްޣާނިސްތާނުން މުބާރާތުގައި ވާދަކުރަން ނިންމައި، އެކަމުގެ ޔަގީންކަން ދީފައިވާކަން އެފްއޭއެމްގެ އިސް އޮފިޝަލަކު "ޕީއެސްއެމް ނިއުސް" އަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި އަފްޣާނިސްތާނުން ކުރިން ވެސް ގެންދިޔައީ މި ފުރުސަތު ލިބޭތޯ މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް އޭރު އެފްއޭއިން އިސްކަންދިނީ، ސަރަހައްދީ ގައުމުތަކަށް ފުރުސަތު ދޭށެވެ.
އެހެންކަމުން އަންނަ ޖޫން މަހުގެ 1 އިން 11 އަށް، ވެރިރަށް މާލޭގައި ކުރިއަށްދާ މި މުބާރާތުގައި ވާދަކުރާނީ ދިވެހިރާއްޖޭގެ އިތުރުން ޕާކިސްތާން، އަފްޣާނިސްތާން އަދި ބަންގްލަދޭޝްގެ އޮލިމްޕިކް ޓީމެވެ.
ވާދަވެރި މެޗުތަކެއް ފެންނާނެ މި މުބާރާތުގައި ބައިވެރިވާން އަފްޣާނިސްތާނުން ނިންމާފައިވާއިރު، އެ ގައުމަކީ ފީފާ ރޭންކިންއަށް ބަލާއިރު މި މުބާރާތުގައި ވާދަކުރާނެ އެންމެ ވަރުގަދަ ޓީމެވެ. ފީފާ ރޭންކިންގައި އަފްޣާނިސްތާނަށް 169 ވަނަ ލިބޭއިރު ރާއްޖެ އޮތީ 172 ވަނައިގައެވެ. ބަންގްލަދޭޝްއަށް 181 ވަނަ ލިބޭއިރު ޕާކިސްތާން އޮތީ 202 ވަނައިގައެވެ.
މި މުބާރާތުގައި ކުޅިވަރުގެ ހަމަތަކުން ބަލާއިރު އެންމެ ވާދަވެރިކަން ބޮޑުވާނެކަމަށް ބެލެވެނީ ރާއްޖެއާއި އަފްޣާނިސްތާނުގެ ކުރިމަތިލުމެވެ.
ބައިނަލްއަގްވާމީ ފުޓުބޯޅައިގައި މި ދެ ޓީމުން ހަ ފަހަރަކަށް މީގެކުރިން ކުރިމަތިލާފައިވާއިރު، އޭގެތެރެއިން ތިން މެޗުން ރާއްޖެ ވަނީ މޮޅުވެފައެވެ. އަނެއް ތިން މެޗުގެ ތެރެއިން އެއް މެޗު އެއްވަރުވިއިރު، އަފްޣާނިސްތާނުން ވަނީ ދެ މެޗުން މޮޅުވެފައެވެ.
އަފްޣާނިސްތާނުން މޮޅުވެފައި ވަނީ އެންމެފަހުން އެ ގައުމުން ރާއްޖެއާ ދެކޮޅަށް ކުޅުނު ދެ މެޗުގައެވެ. އެއީ 2015 ވަނަ އަހަރު އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި އާއި 2017 ވަނަ އަހަރު ދުބާއީގައި ކުޅުނު އެކުވެރިކަމުގެ މެޗެވެ.
އަފްޣާނިސްތާނުން އެންމެފަހުން ރާއްޖޭގައި މެޗެއް ކުޅެފައި ވަނީ 2014 ވަނަ އަހަރުއެވެ. އެއީ އޭއެފްސީ ޗެލެންޖް ކަޕްގައެވެ. އެ ފަހަރު ރާއްޖެއާ ދެކޮޅަށް މާލޭގައި ކުޅެ، ޕެނަލްޓީގައި އަފްޣާނިސްތާން ވީ ބައްޔެވެ.
ފޯ ނޭޝަންސް މުބާރާތުގައި އަފްޣާނިސްތާން ބައިވެރިވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ