ރޭ ލަލީގާގެ އެލް ކްލަސިކޯގައި ރެއާލް މެޑްރިޑްގެ މައްޗަށް ކުރިހޯދާ ބާސެލޯނާއިން ލީގުގެ ތަށި އުފުލާލައިފި އެވެ.
ބާކީ ތިންމެޗު އޮއްވާ ބާސާއިން މިވަނީ 2 - 0 ން ރެއާލް ބަލިކޮށް ލީގުގެ ތަށި އެޓީމުގެ ތާރީހުގައި 29 ވަނަ ފަހަރަށް އުފުލާލާފަ އެވެ.
މިއީ ޖެހިޖެހިގެން ތައްޓެއް ނުލިބި ސީޒަން ނިންމާލަން ރެއާލަށް ޖެހުނު ތިންވަނަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ. މިއީ ޔޫރަޕުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީ އެކެވެ.
ބާސާއިން ލީގު ތަށި އުފުލާލައިފި--- ފޮޓޯ: ގެޓީ އިމޭޖަސަ
މިފަހަރުގެ ލަލީގާގެ ސީޒަނަށް ބަލާލާއިރު ތިން މެޗު ބާކީ އޮއްވާ ކުޅެވުނު 35 މެޗުން 91 ޕޮއިންޓް ހޯދައިގެން ބާސާ ތާވަލުގެ އެއްވަނައިގައި އޮތްއިރު ދެވަނައިގައި އޮތް ރެއާލަށް 35 މެޗުން ލިބިފައިވަނީ 77 ޕޮއިންޓެވެ.
ބާސެލޯނާއިން ރޭ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި ބާސާއިން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނަގާފަ އެވެ. މެޗުގެ 9 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ބާސާއަށް ލީޑު ނަގައިދިނީ މާކަސް ރަޝްފޯޑެވެ. ހިލޭ ޖެހުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން އޭނާ ވަނީ މެޗުގެ ލީޑު ނަގާފަ އެވެ.
ބާސާގެ ދެވަނަ ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ފެރާން ޓޮރޭޒް އެވެ. މިއީ އެޓީމުގެ ޑެނީ އޮލްމޯ ފަހިކޮށްދިން ފުރުސަތަކުން ފެރާން ކާމިޔާބުކުރި ގޯލެކެވެ.
މެޗުގައި ދެޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ހާއްސަކޮށް މެޗުގެ ލީޑު ފުޅާކުރަން ރަޝްފޯޑަށް ލިބުނު ފުރުސަތު ބޭކާރުވިއިރު ރެއާލްގެ ގޮންޒާލޯ ގާސިއާއަށް ލިބުނު ފުރުސަތު އަދި ބާސާގެ ލެވަންޑޮސްކީއާއި ފެރާންއަށް ދެވަނަ ހާފުގައި ލިބުނު ފުރުސަތު ވެސް ވަނީ ބޭކާރުވެފަ އެވެ.
ދެޓީމުގެ މިސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދަތުރަށް ބަލާލާއިރު ދެޓީމު ވެސް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ކަޓާފަ އެވެ. ބަޔާން އަތުވެ ބަލިވެ ރެއާލް ކެޓިއިރު ބާސާ މުބާރާތަށް އަލްވަދާއުކީ އެތްލެޓިކޯ މެޑްރިޑް އަތުން ބަލިވެގެންނެވެ.
މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރާނީ އެންމެފަހުގެ ޗެމްޕިއަން ޕީއެސްޖީއާއި އާސެނަލެވެ.
ރެޢާލް ބަލިކޮށް ލަލީގާގެ ޗެމްޕިއަންކަން ބާސެލޯނާއިން ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ