ބަންކަރިންގ ޚިދުމަތް: ޚާއްސަ ހުއްދަތަކެއް ނަގަންޖެހޭ، ގަވާއިދާ ޚިލާފުވާނަމަ ޖޫރިމަނާތަކެއް

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތްދިނުމަށް ސަރުކާރުން ގިނަ ތައްޔާރީތަކެއް ވަނީ ވެފައެވެ. އެގޮތުން މިދިޔަ ހަފްތާގެ ތެރޭގައި ބައިނަލްއަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފަށާފައިވާއިރު، ރާއްޖެއިން ގަވާއިދާ ހިލާފަށް ތެޔޮ ބޭރުކުރުމުގެ ވިޔަފާރިއެއް އުފެދިގެންދިޔުމަކީ ބައެއް ފަރާތްތަކުގެ ކަންބޮޑުވުމެކެވެ.
އެހެންނަމަވެސް ސަރުކާރުން މި ވިޔަފާރި ފަށާފައިވަނީ މިކަމަށްޓަކައި ހަދަން ޖެހޭ ގަވާއިދުތަކާއިވެސް އެކުއެވެ. އެގޮތުން ކަސްޓަމްސްގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައިވަނީ މި ޚިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭނެ ގޮތްތައް ކަނޑައަޅާފައެވެ. އަދި ގަވާއިދާ ހިލާފުވުމުން އަޅާނެ ފިޔަވަޅުތައްވެސް ހިމަނާފައިވެއެވެ.
މި ގަވާއިދުގައިވާގޮތުން ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ދެވޭނީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މި ޚިދުމަތް ދިނުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށެވެ. އަދި ރަޖިސްޓްރީރުމަށާއި މަހު ފީއެއް ކަސްޓަމްސްއަށް ދައްކަންޖެހެއެވެ.
ބަންކަރިންގެ ޚިދުމަތްދިނުމަށްޓަކައި އިމްޕޯޓްކުރާ ތެޔޮ، ފްލޯޓިންގ ބޮންޑެއްގައި ނުވަތަ ފެސިލިޓީއެއްގައި އިމްޕޯޓް ޑިއުޓީ ނުދައިކައި 90 ދުވަހުގެ މުއްދަތަކަށް ބެހެއްޓޭނެއެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާ އޯފްޝޯރ ސަރަހައްދާއި، ޚާއްސަ ހާލަތެއް މެދުވެރިވެގެން އެ ތަންތަނުގެ ބޭރުން ބަންކަރިންގެ ޚިދުމަތް ހޯދާ އުޅަނދުފަހަރު އެ ސަރަހައްދުގައި އޮންނައިރު އޮންނާނީ ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައެވެ.
ޚާއްސަ ހާލަތެއް މެދުވެރިވެގެން އެ ތަންތަނުގެ ބޭރުން ބަންކަރިންގެ ޚިދުމަތްދޭ ހާލަތްތަކުގައި އެތަންތަނުން އެ ޚިދުމަތް ހޯދުމަށް އަންނަ އުޅަނދުފަހަރުގެ ތެރެއިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހުއްދަނުދޭ އުޅަނދުފަހަރަށް ބަންކަރިންގެ ޚިދުމަތެއް ނުދެވޭނެ ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.
އިންވަރޑް ކްލިއަރެންސްދީފައި ހުންނަ އުޅަނދުފަހަރަށް ބަންކަރިންގެ ޚިދުމަތްދެވޭނީ، ތެޔޮ އަޅައިދެވޭ އުޅަނދުގެ ޝިފިންގ އޭޖެންޓު ނުވަތަ އޭނާ ކަނޑައަޅާ މީހަކާއި، ތެލުގެ ޚިދުމަތްދޭ ފަރާތުގެ އޮފިޝަލަކާއި، ކަސްޓަމްސްގެ އޮފިސަރެއްގެ ހާޒިރުގައެވެ.
ބަންކަރިންގެ ޚިދުމަތްދެވޭ އުޅަނދަކީ، ތެޔޮ އަޅައިދޭ ވަގުތުން ފެށިގެން ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ބޭރަށް ފުރަން ތައްޔާރުކޮށްފައި އޮތް އުޅަނދެއް ނަމަ، ޑިއުޓީ ނުދައްކައި ހުންނަ ތެޔޮ އެ އުޅަނދަށް އަޅައިދެވިދާނެކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.
ނަމަވެސް އެ މުއްދަތުގެ ތެރޭގައި އައުޓްވަރޑް ކްލިއަރެންސް ހޯދައިގެން އެ އުޅަނދު ރާއްޖެއިން ބޭރަށް ނުފުރައިފިނަމަ، އެ އުޅަނދަށް އެޅި ތެލަށް، ބަންކަރިންގެ ޚިދުމަތް ދިން ފަރާތުން އިމްޕޯޓް ޑިއުޓީ ދައްކަންޖެހެއެވެ.
ކަސްޓަމްސްގެ ހުއްދަ ނެތި، ބަންކަރިންގެ ޚިދުމަތް ދިނުމަށްޓަކައި ދޫކުރެވޭ ތެލަށް އިމްޕޯޓް ޑިއުޓީ ނުދައްކައި ރާއްޖޭގައި ބޭނުންކުރުމާއި، ރާއްޖޭގައި ބޭނުންކުރުމަށް ދޫކުރުމާއި، ރީ –އެކްސްޕޯޓް ރޯޔަލްޓީ ނުދައްކައި ރާއްޖެއިން ބޭރުކުރުމަށް ދޫކުރުމަކީ މަނާކަމެކެވެ.
މިފަދަ ކުށެއް ކުރާ ފުރަތަމަ ފަހަރު، އެ މައްސަލައިގައި ހިމެނޭ ތެލަށް ކަސްޓަމްސްއިން ކަނޑައަޅާ އެފްއޯބީ އަގުގެ %25 އިން ޖޫރިމަނާކުރެވޭނެކަމަށެވެ. އަދި 2 އަހަރުދުވަހުގެ ތެރޭގައި ތަކުރާރުކުރާ ކޮންމެ ފަހަރަކު، ޖޫރިމަނާއަށް %25 އިތުރުކުރެވޭނެކަމަށެވެ.
މިގޮތުން ޖޫރިމަނާކުރެވޭނީ، ގިނަވެގެން ފަހަރަކު ދެ ލައްކަ ރުފިޔާއާ ހަމައަށް ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
ކަނޑުމަގުން ރާއްޖެއަށް އަންނަ އުޅަނދުފަހަރަށް އިންވާރޑް ކްލިއަރެންސާއި އައުޓްވާރޑް ކްލިއަރެންސް ދެވޭނީ ބަނދަރުތަކާއި ސަރަހައްދުތައްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އެއީ ހއ. އުލިގަމުގެ ބަނދަރާއި، އެ ބަނދަރުގެ އެންކަރޭޖު އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާ އޯފް ޕޯޓް ލިމިޓާއި އޯފް ޝޯ ސަރަހައްދެވެ.
ބަންކަރިން ޚިދުމަތަކީ ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތެވެ. ބޯޓު ފަހަރު އާއްމުކޮށް ދަތުރުކުރާ ސަރަޙައްދުތަކުގައި އެފަދަ ޚިދުމަތެއް ފެށިއްޖެ ނަމަ ބޯޓު ފަހަރު އެތަންތަނަށް މަޑުކޮށް ތެޔޮ އަޅާހަދައެވެ.
ރާއްޖޭގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދޭނީ އެސްޓީއޯއިންނެވެ. އެކުންފުނިން ވިދާޅުވީ، ބަންކަރިން ޚިދުމަތަށް މިހާރުވެސް ބުކިން ލިބެމުންދާކަމަށެވެ. ބަންކަރިންގެ ޚިދުމަތް ދިނުމަށް އެސްޓީއޯއިން ވަނީ 2 ބޯޓު ރާއްޖެ ގެނެސްފައެވެ. މިއީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލޭ 2 ބޯޓެވެ.
ބަންކަރިންއާ ގުޅިފައިވާ އެހެން ޚިދުމަތްތައް ދިނުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، އެމްޕީއެލްއިން ވަނީ އުތުރު މެރިޓައިމް ސަރވިސަސް ޤާއިމްކޮށްފައެވެ. އެގޮތުން އެ ބޯޓުފަހަރަށް ބޭނުންވާ މެރިޓައިމް ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ.
އޭގެތެރޭގައި ޕައިލޮޓޭޖްގެ ޚިދުމަތާއި، ޑޮކިންގެ ޚިދުމަތާއި، ކުރޫން ބަދަލުކުރުމާއި، މެއިންޓަނަންސްފަދަ މުހިންމު ޚިދުމަތްތައް ދެމުންދާނެއެވެ. މިއީވެސް ރާއްޖޭގެ އިޤްތިޞާދަށް ބޭރު ފައިސާ ވަންނާނެކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ