ޢިބްރަތްތެރި ވާހަކަ: ނިކަމެތިންނާމެދު އެއްވެސް ރަޙުމެއް ނުބަހައްޓައި ކަންކަންކުރަމުން އައި އަންހެނެއްގެ ވިސްނުން ބަދަލުވެ ރަޙުމްކުރަން ފެށުމުން ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކަ-

އަޅުގަނޑުގެ މައިންބަފައިންނަކީވެސް ފުދޭވަރެއްގެ ފުދުންތެރިކަންހުރި ބައެކެވެ. އެހެންވެ އުޅެބޮޑުވީ އެއްވެސް ދަތިކަމެއް ކުރިމަތިނުވެއެވެ. އަދި ލިބުނު ފިރިމީހާއަކީވެސް ފުދުންތެރިއެކެވެ. އެހެންވެ ދިރިއުޅުމުގައިވެސް އެއްވެސް ދަތިކަމެއް ކުރިމައްޗެއް ނުވެއެވެ. އެހެންވެ ނިކަމެތިންގެ ޙާލަތު ވަޒަންކުރުމުގައި އަޅުގަނޑު ހުރީ ވަރަށް ބޮޑަށް ފޭލްވެފައެވެ. ނުވަތަ ވަޒަންކުރަން ނުއެނގިފައެވެ. 
އަޅުގަނޑުމެންގެ ގޭގައި އަންހެން ކުއްޖަކު ގެންގުޅުނީމެވެ. އަޅުގަނޑަށް އޭނާ އާއިމެދު ކަންކަންކުރެވުނީ ރަނގަޅަކަށް ނޫނެވެ. ވަރަށް ގޯސްކޮށެވެ. ކިތަންމެ ދުވަހަކު އޭނާއަށް ރޮވޭވަރަށް އެއްޗެތިވެސް ގޮވުނެވެ. ނަތީޖާއަކަށްވީ އުޅޭނެ އެހެން ގެއެއް ހޯދައިގެން އޭނާ ގެއިން ނުކުމެގެން ދިއުމެވެ. 
އެއިގެ ފަހުން އޭނާ އާއި ބައްދަލުވީ 4 ވަރަކަށް އަހަރުފަހުން މަގުމަތިންނެވެ. ރޭގަނޑަކު އަޅުގަނޑު ހިނގާފައި ދަނިކޮށް މަސްތުވެގެން ތިބި 2 މީހަކު އައިސް އުޅުނީ އަޅުގަނޑުގެ ދަބަސް ޖަހައިގަންނަން ވެގެންނެވެ. ދަބަހުގައި ފުދޭވަރަކަށް ރުފިޔާހުރުމުން ދަބަސް ހިފެހެއްޓީމެވެ. ދެން އެދެމީހުން އުޅުނީ އެތަނުގައި އޮތް ކާރަކަށް އަޅުގަނޑު އަރުވާށެވެ. 
އެކަމަށް ދެކޮޅުހެދީމާ އެތަނުން އެކަކު އަޅުގަނޑުގެ މޫނުމަތީގައި ވަރަށް ބާރަށް ޖެހިވަގުތު އޭނާ ދުވެފައި އައިސް މެދަށްވަނެވެ. ކައިރީގައި ހުރި އޭނާގެ ފިރިމީހާ އެތަނުން އެކަކު ހިފެހެއްޓީމާ ފޮޅުވާލާފައި އެދެމީހުން ދުވެފިލީއެވެ. އެއިރު އޭނާ ބަލިވެ އިނދެ ބަނޑުވެސް ބޮޑެވެ. 
އެޙާލުގައިވެސް ބިރެއް ނެތި އަޅުގަނޑު ސަލާމަތްކުރަން މަސައްކަތްނުކުރިނަމަ ފައިސާކޮޅުގެއްލި އަޅުގަނޑަށް ވާނީ ކިހިނަކުންކަން ބުނާކަށްވެސް ނުއެނގެއެވެ. ވީމާ އެބޮޑު ނުރައްކަލުން ސަލާމަތްވާން މެދުވެރިވީ އޭނާގެ އިޚްލާޞްތެރިކަން ކަމުގައި ޤަބޫލުކުރަމެވެ. 
އަޅުގަނޑު ވަރަށް ލަދުގަތެވެ. އަޅުގަނޑަށް އޭނާ އާއިމެދު ކަންކަން ކުރެވުނު ގޮތް ހަނދާންވުމުން ވަރަށް ދެރަވިއެވެ. ވަރަށް ބޮޑަށް ޝުކުރު އަދާކުރީމެވެ. އެދެމަފިރިން އަޅުގަނޑާއިއެކު ގެއާއި ހަމައަށް ގޮސްދިނުމުން ގެއަށް ވައްދާފައި މާފަށްވެސް އެދުނީމެވެ. ފައިސާގެ ހަދިޔާއެއް ދޭން އުޅުމުން ނުހިފިއެވެ. ބުނީ އެރޭ އެއްވެސް ހަދިޔާއެއް ބޭނުން ނޫން ކަމަށެވެ. 
އޭނާގެ ދިރިއުޅުމާއިބެހޭ ގޮތުން ސުވާލުކުރީމާ ބުނީ ދެމަފިރިން ދިރިއުޅެނީ ކުލީ ކޮޓަރިއެއްގައި ވަރަށް ދަތިޙާލުގައި ކަމަށެވެ. އަޅުގަނޑަކީ އެހައިތަނަށް ނިކަމެތިންގެ ޙާލަތު ވަޒަން ނުކުރެވުނު މީހެއް ނަމަވެސް އެރޭ ހުރިހާކަމެއް މުޅިން ބަދަލުވިއެވެ. އެހެންވެ ދެމަފިރިން އެކުގައި އައިސް ގޭގައި އުޅުމަށް ދަޢުވަތުދިނީމެވެ. ކުރިން ކުރިމަތިވި ފަދަ އެއްވެސް ކަމެއް ދެން ކުރިމަތިނުވާނެކަމަށްވެސް ބުނީމެވެ. އެހެން ބުނުމުންވެސް އަޅުގަނޑުގެ ހުށަހެޅުން އެރޭ ޤަބޫލެއް ނުކުރިއެވެ.  
ދުވަސްކޮޅެއްފަހުން އަޅުގަނޑާއި ފިރިމީހާ ގޮސް އެދެމަފިރިން ހޯދައި އެހީތެރިވީމެވެ. އަދި ދޭތެރެދޭތެރެއިން އެހީތެރިވަމުން ގޮސް ވަރަށް ކިޔައިގެން ވިހައި ގަދަވުމުން ދެމފިރިން ގެއަށްވެސް ބަދަލުކުރުވީމެވެ. އަޅުގަނޑުގެ އުޚުތަކަށް ހެދީމެވެ. އަދިވެސް ދެމަފިރިންނާއި ދަރިފުޅު މިގެންގުޅެނީ އަޅުގަނޑުމެންނެވެ.
މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރީ އޭނާއަށް އަޅުގަނޑު ކޮށްދިން ކަންކަމުގެ ވާހަކަ ދައްކާކަށް ނޫނެވެ. އަޅުގަނޑަށް އޭނާއާއިމެދު އެހައި ގޯސްކޮށް ކަންކަން ކުރެވުމުންވެސް އޭނާ އަޅުގަނޑަށް ކޮށްދިން ބޮޑު ކަންތަކުގެ ވާހަކަ ކިޔައިދޭށެވެ. އަދި އަޅުގަނޑުގެ ހިތުގައި ނިކަމެތިންނާއިމެދު އޯގާތެރިކަން އުފެދެން މެދުވެރިވި ސަބަބަކީ އޭނާ ކަމުގައި ބުނެދޭށެވެ.
އިރެއްގައި އަޅުގަނޑަށް އެގޮތަށް ކަންކަން ކުރެވުނު ނަމަވެސް މިއަދު އަޅުގަނޑު މިހުރީ މުޅިން ބަދަލުވެގެންނެވެ. އިރާދަކުރެއްވިއްޔާ އެއްވެސް މީހެއްގެ ހިތުގައި ޖެހޭނެފަދަ ބަހެއްވެސް ނުބުނާނަމެވެ.
ހަމައެއާއިއެކު އެގޮތަށް އަޅުގަނޑު ބަދަލުވުމުން ކުރި ފައިދާގެ ވާހަކަވެސް ބުނެލާނަމެވެ. ތަނަވަސްކަމުގައި ދިރިއުޅުނަސް އެހައިތަނަށް އަޅުގަނޑު ދިރިއުޅުނީ ހިތްހަމަޖެހިގެނެއް ނޫނެވެ. ވަރަށް ހިތްދަތިކަމާއިއެކުގައެވެ. އެހުރިހާ ކަންބޮޑުވުންތައް ފިލައިގެންގޮސް އުފާވެރި ދިރިއުޅުމެއް އުޅެވެން ފެށުނެވެ. ފިރިމީހާގެ ކިބައިން ލިބެމުން އައި ހުރިހާ ހިތްދަތިކަމެއް ފިލައިގެންދިއައެވެ. ވީމާ މިލިއަނުންވެސް އަގުނުކުރެވޭނެ ވަރުގެ ބޮޑު ފައިދާއެއް ކަމަށް ދެކެމެވެ.
އަޅުގަނޑުގެ ވާހަކައިން މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތެއް ޙާޞިލުކުރެވޭނެ ކަމަށް އުންމީދުކުރަމެވެ.
 
- ރަޝީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ