އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށާއި އާންމުންނަށް ހިދުމަތް ދިނުމުގެ ގޮތުން ފެށި އެއްވެސް މަސައްކަތެއް މި ސަރުކާރުން ހުއްޓާނުލާކަމަށާއި ނަމަވެސް އެ ދައުރުގައި ފެށި ހުރިހާ މަސައްކަތްތަކެއް ކުރިއަށް ގެންގޮސް ނިންމާވަރުގެ ބަޖެޓެއް މި ފަސް އަހަރުގެ ތެރޭގައިވެސް ނުލިބޭނެކަމަކީ ގަބޫލުކުރަންޖެހޭ ހަގީގަތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކާއި ގުޅިގެން ސަންގުޓީވީން ގެނެސްދޭ ހާއްސަ ކަވަރެޖްގައި ބައިވެރިވެވަޑައިގެން މެމްބަރު ރިފާއު ވިދާޅުވީ، މި އަހަރު ފެނިގެންދަނީ ރާއްޖޭގެ މިހާތަނަށް ފަށާ އެންމެ ބޮޑު ހައުސިންގް މަޝްރޫޢު ފެށިގެންދާ މަންޒަރުކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 12000 ޔުނިޓުގެ އިތުރުން މާލެ ސަރަހައްދުގައިވެސް 12000 ޔުނިޓު ގާއިމުކުރާނެކަމަށާއި އެމްޑީޕީން ސިޔާސީ ގޮތުން ހަރަކާތްތަކެއް ހިންގަމުންދަނީ އެކަންކަން ފެށި ރައްޔިތުންނަށް ހެވެއް ލިބިދާނެތީކަމަށެވެ.
2024 ވަނަ އަހަރުގެ ބަޖެޓު ހުސްވެގެންދިޔައިރު އެއްވެސް މަސައްކަތްތަކެއް ނުކުރެވޭކަމަށް އެމްޑީޕީން ބުނާ ވާހަކައަށްވެސް މެމްބަރު އަލިއެޅުއްވިއެވެ. އެގޮތުން ހަރަދުތައް ކުރަން ޖެހުމުން ބަޖެޓު ހުސްވާނެކަމަށާއި އެމްޑީޕީން ބަޖެޓުގެ އަދަދުތައް ހިމަނާފައިހުރީ މަޝްރޫޢުތައް ހިންގުމަށް އެކަށީގެންވާ ގޮތެއްގެ މަތިން ނޫންކަން ހިއްސާކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، މަޝްރޫޢުއަކަށް އެއް މިލިއަން ރުފިޔާ ބޭނުންވާއިރު ފަންސާސް ހާސް ރުފިޔާ ހިމަނާފައިހުރިކަމަށެވެ.
މެމްބަރު ވިދާޅުވީ، ބަޖެޓެއް ހަދާފައި އޮންނަނީ އަހަރެއް ނުވަތަ ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތްތައް ކުރިއަށް ގެންގޮސް ނިންމާ ގޮތަށްކަމަށާއި އެގޮތަށް ބަޖެޓު އެކުލަވާލުމުން މި އަހަރުގެ ތެރޭގައި ތަފާތުތައް ފެނިގެންދާނެކަމަށެވެ. ރިފާއު ވިދާޅުވީ، ޕީއެންސީން ބަޖެޓު ފަރުމާކުރީ ކަންކަން ކުރެވޭނެ ގޮތަށްކަމަށާއި އެ ޕާޓީން އެކުލަވާލީ ޕްރޮޖެކްޓުތައް ނިންމޭނެ ގޮތަށްކަމަށެވެ.
ރިފާއު ވިދާޅުވީ، މީގެ ކުރިން ހުއްޓިފައި ނުވަތަ މަޑުމަޑުން ކުރިއަށްދިޔަ މަޝްރޫޢުތައް އަވަސްކުރަމުންދާ މަންޒަރު ރައްޔިތުންނަށް ފެންނާނެކަމަށާއި އައްޑޫގައި އިންޑިއާ ސަރުކާރުގެ އެހީގައި އެމްޑީޕީން ފަށާފައިވާ ޕްރޮޖެކްޓު މި ސަރުކާރުން ނިންމާލާފައިވާކަމަށް އަލިއެޅުއްވިއެވެ. މެމްބަރު ވިދާޅުވީ، އެއް އަހަރު ދުވަހުގެ ތެރޭގައި ތިލަމާލެ ބުރިޖު މަޝްރޫޢުއަށް އައިސްފައިވާ ކުރިއެރުންތައްވެސް އާންމު ރައްޔިތުންނަށް ފެންނާނެކަމަށެވެ.
މެމްބަރު ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ފެށި މަސައްކަަތްތައް މި ސަރުކާރުން ހުއްޓާލާފައިނުވާނެކަމަށާއި މި ސަރުކާރުން އެދެނީ ގައުމުގެ ތަރައްގީއަށާއި ރައްޔިތުންނަށް އާންމު ހިދުމަތްތައް ދިނުމަށްޓަކައި ފަށާފައިވާ މަސައްކަތްތައް ކުރިއަށް ގެންގޮސް ނިންމުމަށްކަމަށެވެ. ނަމަވެސް އެމްޑީޕީން ފަށާފައިވާ ހުރިހާ މަޝްރޫޢުއެއް ކުރިއަށް ގެންދެވޭނެ ވަރުގެ ބަޖެޓެއް މި ފަސް އަހަރުގެ ތެރޭގައިވެސް ނުލިބޭނެކަމަކީ ގަބޫލުކުރަންޖެހޭ ހަގީގަތެއްކަމަށެވެ.
ތަރައްގީއަށާއި އާންމު ހިދުމަތްތައް ދިނުމަށް އެމްޑީޕީން ފެށި އެއްވެސްކަމެއް ހުއްޓާނުލަން: މެމްބަރު ރިފާއު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ