އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުނުވުމަކީ ސަރުކާރު ނުހިނގާ ކަމުގެ ދަލީލެއް: މެމްބަރު ދީދީ

އައްޑޫގެ ކަރަންޓުގެ މައްސަލައަކީ ފަސޭހަކަމާއެކު ހައްލު ކުރެވޭނެ ކަމެއް ކަމަށާއި އެހެންނަމަވެސް އެކަން ނުކުރަނީ ރައްޔިތުންނަށް އަޅާލުން ކުޑަ ސަރުކާރަކަށް ވާތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މެމްބަރު ދީދީ ވިދާޅުވީ އައްޑޫ ކަރަންޓުގެ މައްސަލަ މި ސަރުކާރު ފެށުނުކޮޅު ދިމާވާން ފެށި ކަމަށާއި މި ސަރުކާރުން ބުނަމުން އައި ކުރީ ސަރުކާރުން އެކަން ކޮށްފައިވާ ގޮތުން ކަންކަން ނުވެ އޮތީ ކަމަށެވެ. މެމްބަރު ދީދީ ވިދާޅުވީ ދޮޅު އަހަރު ވެގެންދާއިރުވެސް އެކަމަށް ހައްލެއް ލިބިފައި ނުވާ ކަމަށެވެ. އައްޑޫގެ ރައްޔިތުން ރޯދަ މަހު ކަނު އަނދިރީގައި ތިބެން ޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އަދި އެއީ ސަރުކާރު ނުހިނގާ ކަމުގެ ދަލީލެއް ކަމަށެވެ.
”އަބަދުވެސް މި މައްސަލަ ދިމާވާއިރަށް ކޮންމެސް އުންމީދީ ޖަވާބެއް ދެއްވާ. އަންނަ ހަފްތާގައި ރަނގަޅުވާނެޔޭ. އިންޖީނެއް އެބަގެންނަމޭ. އެކަހަލަ ވާހަކައެއް ދައްކާނީ. އެހެންނަމަވެސް އަޅުގަނޑުމެން ޕަވަރ ސްޓޭޝަންގައި ތިއްބަވާ މުވައްޒަފުންނާއި ވާހަކަ ދައްކާ ކިހިނެއް ވާ ކަމެއް ތޯ ބަލާލާއިރު، ސްޕެއަރ ޕާޓްސް. މިއީ ވަރަށް ގިނަ ދުވަސްވީ ޖަނަރޭޓަރުތަކެއް ހުރި ޕަވަރ ސްޓޭޝަންތަކެއް. އެހެންވީމާ ރިޕެއަރ ކުރަން ޖެހޭނެ އަބަދުވެސް. އެހެންނަމަވެސް އެ ސްޕެއަރ ޕާޓްސްތައް ނުލިބޭ ކަމަށްވަންޏާ އެކަންކަން ކުރިއަކަށ ްނުގެންދެވޭ“
މެމްބަރު ދީދީ ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ނިމިގެންދިޔައިރު ސެންޓްރަލް ޕަވަރަ ސްޓޭޝަނަށް ބޭނުންވާ ޖަނެރޭޓަރުތަކާއި އެފަދަ ކަންކަމުގެ ވަރަށް ރަނގަޅު ޕްލޭނެއް އޮތް ކަމަށެވެ. އެހެންނަމަވެސް އެ ޕްލޭން ބޮލާލާ ޖެހުމަށްފަހު އެކަން މި ސަރުކާރުން މަޑު ޖައްސާލި ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދިވެސް 90 އިންސައްތަ މަސައްކަތް އޮތީ ނިމިފައި ކަމަށާއި، މިއީ މާ އުނދަގޫ ކަމެއް ނޫން ކަމަށާއި، މިކަމަކީ ފަސޭހައިން ހައްލު ކުރެވެން އޮތް މައްސަލައެއް ކަމަށް މެމްބަރު ދީދީ ވިދާޅުވިއެވެ.
ދީދީ ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަ ދިގު ދަންމައިގެން ކުރިއަށް ގެންދަނީ ރައްޔިތުންނަށް އަޅާލުން ކުޑަ ސަރުކާރަކަށް ވާތި ކަމަށެވެ. އަދި ރައްޔިތުންގެ ބޭނުންވާ އަސާސި ހައްގު ތަކަށްވުރެ ބޮޑަށް އެމީހުން ބޭނުންވާ އެހެން ކަންކަމަށް ހަރަދުތަށް ކުރާ ކަމަށް މެމްބަރު ދީދީ ވިދާޅުވިއެވެ.
މެމްބަރު އިތުރަށް ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބަޖެޓުގައި ތަފްސީލީ އަދަދުތަކެއް ހިމަނާފައި ނުވާ ކަމަށެވެ. އައްޑުގެ އިގްތިސާދީ އެކިކަންކަމަށް ޕްރޮޖެކްޓުތަކެއް އެމްޑީޕީގެ ސަރުކާރުން ފަށައިފައިވާ ކަމަށް ދީދީ ވިދާޅުވިއެވެ. އެހެންނަމަވެސް މި ވެރިކަމުގައި އެކަންކަންވެސް ހުއްޓާލާފައިވާ ކަމަށާއި، އަދި ކުރިން އެމްޑީޕީން ބަޖެޓުގައިވެސް އެކަން ހިމެނި ކަމަށް ވިދާޅުވިއެވެ.
މެމްބަރު ދީދީ ވިދާޅުވީ އެމަސައްކަތްތައް އައްޑޫގައި ކުރިއަށް ނުގޮސް އޮތުމުން އެކަން ނުވެއޮތީ ކޮން ސަބަބަކާއި ލައިގެންތޯ ސުވާލުކޮށްފައިވާނެ ކަމަށެވެ. އަދި މިނިސްޓަރުންނަށްވެސް އެކަމާއި ގުޅިގެން ސުވާލުކޮށްފައިވާ ކަމަށާއި އެކަމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ