ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން އިތުރަށް ގޯސްވާނެކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފައިވާތީ، ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. މި ކޮޅިގަނޑުގެ ސަބަބުން މިއަދުން ފެށިގެން ކުރިއަށް އޮތް ބުދަ ދުވަހުގެ ނިޔަލަށް ގަދަވަޔާ އެކު ކަނޑުތައް އާދަޔާ ހިލާފަށް ގަދަވެ، ބައެއް ރަށްތަކުގައި، ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ހިނގާފާނެ ހާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، އެންޑީއެމްއޭއިން ވަނީ ގޭތެރެއަށް ފެން ނުވަންނާނެހެން ވެލިބަސްތާ ޖެހުމަށާއި، ކާބޯތަކެއްޗާއި އަގުބޮޑު މުދާތައް ފެނުގެ އަސަރު ނުފޯރާނެ ފަދަ އުސް ތަންތަނަށް ބަދަލުކުރުމަށް އިރުޝާދު ދީފައެވެ.
މީގެ އިތުރުން، ވައިގަދަވުމުގެ ސަބަބުން ފުރާޅު އެއްލާލަފާނެ ކަމުގެ ބިރު އޮތްނަމަ އެކަންކަން ދުރާލައި ހައްލު ކުރުމަށާއި، ގޭގެ ބޭރުގައި ހުންނަ ތަކެތި ރައްކާތެރިކުރުމަށް އެ އޮތޯރިޓީން އެދިފައިވެއެވެ. އަދި ބޭނުންނުކުރާ ކަރަންޓު ސާމާނުތައް ނިއްވާލާފައި ބެހެއްޓުމަށްވެސް ވަނީ ހަނދާންކޮށްދީފައެވެ.
ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކަށް އިލްތިމާސްކުރަމުން އެންޑީއެމްއޭއިން ބުނީ، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި ކަނޑުމަގުން ކުރާ އެހެން ދަތުރުތައް މި ދުވަސްވަރު މަޑުޖައްސާލުމަށެވެ. އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ކާޑުގެ ބާވަތްތައް ހުސްނުވާނެހެން ދުރާލައި އިންތިޒާމުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު މޫސުން ގޯސްވާނެތީ، މޫސުމާ ބެހޭ އިދާރާއިން ނެރޭ އެންމެ ފަހުގެ މައުލޫމާތުތަކަށް ހުރިހާ ރައްޔިތުންވެސް ހޭލުންތެރިވެ، ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ.
މޫސުން އިތުރަށް ގޯސްވާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެންޑީއެމްއޭއިން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ