އެމްޑީޕީގެ އަހަރީ ދުވަހު ކުޅޭ ފުޓްބޯޅަ މުބާރާތަށް، މާރިޔާ އިސްކޮށް ހުންނަވައިގެން އަންހެނުންގެ ޓީމެއް

އެމްޑީޕީގެ 20ވަނަ އަހަރީ ދުވަހު ކުޅޭ ފުޓުބޯޅަ މުބާރާތަށް، މިދިޔަ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި މާރިޔާ އަހުމަދު ދީދީ އިސްކޮށް ހުންނަވައިގެން އަންހެނުންގެ ޓީމެއް އެކުލަވައިލައިފިއެވެ. އެމްޑީޕީއަށް 20 އަހަރު ފުރެނީ އަންނަ ބުރާސްފަތި ދުވަހެވެ. "ކައްޓި ހިތްވަރު"ގެ ނަމުން ނަންދީފައިވާ މި ޓީމުން ރޭ ވަނީ މުބާރާތުގެ ޕްރެކްޓިސްތައް ފަށައިފައެވެ. ތައިސޭ ކޮށީގައި ރޭ ބޭއްވި ޕްރެކްޓިސް މެޗުގެ ކުރިން މާރިޔާ 'އެސްއެސްޓީވީ'އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އަހަރީ ދުވަސް ފާހަގަކުރުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕަސަނުންނާއި ކުރީގެ ރައީސުން ހިމެނޭހެން ފުޓުބޯޅަ މުބާރާތެއް ކުޅުމަށް އެ ޕާޓިން ނިންމިކަމަށެވެ. އެކަމަނާ ގަސްތުކުރެއްވީ މިމުބާރާތުގައި އަންހެނުންގެ ޓީމެއް ހިމެނުމަށް ކަމަށާއި އެ ޓީމުގައި ޒުވާނުންނާއި ދުވަސްވީ މީހުން ބައިވެރިވާކަން މާރިޔާ ފާހަގަކުރެއްވިއެވެ. ރޭ އެމްޑީޕީ އަންހެނުންގެ ޓީމު ކުޅުނު ޕްރެކްޓިސް ފުޓުބޯޅަ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް އަންނަ ބުރާސްފަތި ދުވަހު ހަވީރު ފަށާ މުބާރާތުގައި 10ވަރަކަށް ޓީމު ބައިވެރިވާ އިރު، ކޮންމެ ޓީމެއްގައި ވެސް މަދުވެގެން އެއް އަންހެން ކުޅުންތެއަކު ހިމެނޭކަމަށް އެ ކަމަނާ ވިދާޅުވިއެވެ. މަޖާޒީ ގޮތަކަށް މާރިޔާ ވިދާޅުވީ، އެ ޓީމުގައި ތިބީ އެންމެ ޕްރޮފެޝަނަލް ކުޅުންތެރިން ކަމަށެވެ. އެގޮތުން އެއީ "ރޯނާލްޑޯއިންނާއި މެސީން" ގިނަ ޓީމެއް ކަމަށާއި އެކަމަނާ އެއީ ސްޕެއިންގެ އެންމެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްކަމަށް ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ "ކައްޓި ހިތްވަރު"އަކީ އެންމެ ގިނައިން ރަތް ކާޑު ދައްކާ ޓީމަށް ވުން އެކަށީގެންވާ ކަމަށެވެ. "އަޅުގަނޑުމެން ދަނޑުމަތީ ކުޅެންތިބޭ އިރު އަޅުގަނޑުމެންގެ ތެރެއިން ޗިއާ ލީޑުވެސް ކުރާނެ. އަނެއްކާ ޓީމު ނިކުމެ އެނައުންސް ވެސް ކުރާނެ ޓީމުގެ ނިންމުންތައް. މިސާލަކަށް ދެން އޮންނާނީ ޖެހުމޭ މިވެނި މީހެކޭ ބޯޅަ ޖަހަނީ. އެހާވަރެއްގައި އަޅުގަނޑުމެންގެ ޓީމު އޮންނާނީ" މާރިޔާ ވިދާޅުވިއެވެ. ރޭ އެމްޑީޕީ އަންހެނުންގެ ޓީމު ކުޅުނު ޕްރެކްޓިސް ފުޓުބޯޅަ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް އެޓީމުގެ ކޯޗު ހަސަން ފަޔާޒު ވިދާޅުވީ، އެއީ ކޯޗުކަން ކޮތްދޭން ޖެހޭ ޓީމެއް ވެސް ނޫން ކަމަށާއި އެއީ އެއަށް ވުރެ ފުރިހަމަ ޓީމެއް ކަމަށެވެ. 'ކައްޓި ހިތްވަރަށް' މެޗުގެ ތަށި ނެގޭނެކަމުގެ ޔަގީންކަން މާރިޔާ ދެއްވާފައި ވާއިރު، އެ ޔަގީންކަން ކޯޗު ފަޔާޒު ވެސް ވަނީ ދެއްވާފައެވެ. މި މުބާރާތުގެ އެހެން ޓީމުތަކާ ގުޅޭ މާގިނަ މައުލޫމާތެއް މާރިޔާ ހިއްސާއެއް ނުކުރައްވައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އަހަރީ ދުވަހު އޮންނަ ހަރަކާތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒް އިސްމާއިލް ބައިވެރިވެވަޑައިގަންނަވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ