ޑޮލަރުގެ އަގުވައްޓާލުމުގެ ބޭނުމުގައި މުއިއްޒު އެޅިފިޔަވަޅު ވެސް ގޮވީ އަތަށެވެ. ޓޫރިޒަމް ވިޔަފާރިތަކުގެ އާމްދަނީން ސާޅީހަކަށް ޕަސެންޓް ޓެކްސާއި އެކި ނަންނަމުގައި ނަގާ ފީތައް ސަރުކާރަށް ނަގަމުން އާމްދަނީގެ އެއްބައި ބޭންކްތަކަށް މާރުކުރަން މަޖުބޫރު ކުރުވީއެވެ. ޓޫރިޒަމްގެ އާމްދަނީން ބައެއް ބޭންކުތަކަށް މާރުކުރަން ޖެހުނު ޖެހުމަކީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވެ ބޮޑުއަގުގައި ހިފެހެއްޓިފައި އޮތުމުގެ މައިގަނޑު ސަބަބެވެ.
ބޭންކުތަކަށް ޑޮލަރު ލިބުނަސް ބޭންކު ރޭޓުގައި ޑޮލަރު ގަންނަން ލިބެނީ މަރުފުށު ކަމަކަށް ދާދި ކުޑަ މިންވަރެކެވެ. އާއްމު ވިޔަފާރި ވެރިންނަށް ބޭރުން މުދާގަތުމަށް ބޭނުންވާ ވަރާ ގާތަށްވެސް ބޭންކުން ޑޮލަރު ގަންނާކަށް ނުލިބެއެވެ. ސެންޓްރަލް ބޭންކާއި ސަރުކާރަށް ލިބޭ ޑޮލަރގެ ބޮޑު ބައެއްދަނީ ލޯނު ދެއްކުމަށާއި ތެލާއި ކާޑާއި ބޭހާ ގަތުމަށާއި ވެރިންގެ ދަތުރުތަކަށާއި އެންބަސީތަކުގެ ހަރަދު ތަކަށެވެ. އާސަންދަ އެންސްޕާއަށާއި ސަރުކާރުގެ ހަރަދާއި އެހީގައި ބޭރުގައި ތައުލީމް ހޯދާ ދަރިވަރުންނަށް ވެސް ހަރަދުކުރެވެނީ އެފައިސާއިންނެވެ. އަދިވެސް އެ ނޫން އެހެން އެތައް ކަމަކަށް ސެންޓްރަލް ބޭންކާއި ސަރުކާރަށް ލިބޭ ޑޮލަރ ހަރަދު ކުރަންޖެހެއެވެ. އެހެން ކަމުން ކަޅުބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ވުރެ ފުކެއްވެސް ދަށަކަށް ނުދެއެވެ.
ކޮންމެ ރިސޯޓް އޯނަރަކުވެސް އެމީހަކަށް އާމްދަނީގެ ގޮތުގައި ލިބޭ ބޭރުފައިސާއިން ފީތަކާއި ޓެކްސްތަކާ ދައްކާފައި އާމްދަނީގެ ބޮޑުބައެއް ބޭންކްތަކަށް މާރުކުރެއެވެ. މާރުކުރުމުން ލިބޭ ދިވެހިފައިސާއަކީ ޓޫރިޒަމް ވިޔަފާރީގައި މާބޮޑު ބޭނުމެއްހިފޭ އެއްޗެއް ނޫނެވެ. ރިސޯޓްތަކުން ދައްކަންޖެހޭ ލޯނުތަކާއި ޓުއަރ އޮޕަރޭޓަށް ދައްކަންޖެހޭ ފައިސާ ދައްކަންޖެހެނީ ޑޮލަރުންނެވެ. ސަޕްލްޔަރުންނަށް އަގުދައްކަން ޖެހެނީ ޑޮލަރުންނެވެ. ކުރާ އިންފްރާންސްޓްރަކްޗަރ ހުރިހާ މަސައްކަތަކަށްހެން ހޭދަކުރަންޖެހެނީ ޑޮލަރެވެ. ގިނަ މުއައްޒަފުންނަށް މުސާރަ ދެނީވެސް ޑޮލަރުންނެވެ. ސާވިސްޗާޖް ޑޮލަރުން ދިނުން ލާޒިމެވެ. އެހެން ކަމުން ޓޫރިޒަމް އޮޕަރޭޝަނަށް ޑޮލަރ އިންތިހާއަށް ބޭނުންވެއެވެ.
ރިސޯޓްތަކަށް ލިބޭ އާމްދަނީ ބައެއް ބޭންކްތަކަށް މާރުކޮށްގެން ލިބޭ ދިވެހި ފައިސާއިން ކުރެވޭނެ ބޭނުމެއް ނެތި ފައްލައު ވީވީހެން މަހުޖަނުންނަށް މަޖުބޫރުވަނީ ލިބެން އޮތްގޮތަކުން ދިވެހިފައިސާއަށް ޑޮލަރު ހޯދުމެވެ. ބޭނުންވާ ވަރަކަށް ބޭންކުތަކުން ޑޮލަރު ގަންނާކަށް ނުލިބެއެވެ. ނަތީޖާއެއްގެ ގޮތުން މަހުޖަނުން ކަޅުބާޒާރަށް ނިކުމެ ބޭނުންވާ ޑޮލަރު ކަޅުބާޒާރުން ގަނެލައެވެ. ކޮންމެ އަގަކަށްވެސް ބޭނުންވާ އަދަދަކަށް ކޮންމެ ދުވަހަކުވެސް ޑޮލަރ ނުގަނެ މަހުޖަނުންނަށް ފަރަކު ނުޖެހެއެވެ.
މަހުޖަނުން ނިކުމެ ކަޅުބާޒާރުން ނީލަމުގައި ޑޮލަރު ގަންނަން ފެށުމުން ޑޮލަރުގެ އަގަށް ވާނެގޮތް ހިތައް އަރުވާލާށެވެ. މަހުޖަނުންނަށްވެސް ވިޔަފާރި ކުރަންޏާ އެހެން ގޮތެއްނެތެވެ. ދިވެހި ފައިސާއިން ކުރާނެ މާބޮޑު ކަމެއް އެމީހުންނަކަށް ނޯވެއެވެ. ނަތީޖާއެއްގެ ގޮތުން ބޭރުން މުދާގަނެގެން އާއްމު މުދާވިއްކާ މީހާއަށް ކަޅުބާޒާރުން ވެސް ޑޮލަރ ނުލިބި މުދާމަދުވެ މުދާ އަގުބޮޑުވެ ކަންމަތީ ފިހާރަތާއި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓްވެ ނމެނީއެވެ.
19 ރުފިޔާއަށް ވުރެ އެންމެ ފުކެއްވެސް ޑޮލަރުގެ އަގު ދަށްނުވެ ކަޅުބާޒާރުން ވެސް ޑޮލަރު ލިބުން ދަތިވެގެން ގޮސްފައި މިވަނީ މަހުޖަނުން ކަޅުބާޒާރުން ޑޮލަރު ގަތުން މަޖުބޫރު ކުރުވި ސަރުކާރުގެ ސަބަބުންނެވެ. ކިތަންމެ ވަރަކަށް ޑޮލަރގެ އަގު މައްޗަކަށް ނުދާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިޔަސް މަހުޖަނުންނަށް ކަޅު ބާޒާރުން ޑޮލަރުގަތުން މަޖުބޫރުވާ ގޮތަށް އުސޫލު އޮތްހާ ދުވަހަކު ޑޮލަރުގެ އަގެއް ތިރިއެއް ނުވާނެއެވެ. ޑޮލަރގެ އަގު 19 ރުފިޔާއަށް ވުރެ ދަށްނުވެގެން އުޅެނީ ރައީސް މުއިއްޒުގެ ދޯހަޅި ސިޔާސަތުން އިގްތިސޯދު ހިންގަން ނޭގިގެންނެވެ.
ޑޮލަރ އަގު އުފުލެނީ މުއިއްޒު ކަޅުބާޒާރަށް މަހުޖަނުން ނެރުވީމަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ