4،000 ފްލެޓު ލިބޭ ފަރާތްތަކާ އެކު އަންނަ ހަފުތާގައި އެއްބަސްވުންތަކުގައި ސޮއިކުރަން ފަށަނީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއް ޕްރޮގްރާމް، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4،000 ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކާ އެކު އެއްބަސްވުންތަކުގައި އަންނަ ހަފުތާގައި ސޮއިކުރަން ފަށާނެ ކަމަށް، ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ރޭ ވިދާޅުވެއްޖެއެވެ.
ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ "އަހާ ފޯރަމް" ސިލްސިލާގެ ހަވަނަ ފޯރަމް ރޭ ބާއްވާފައިވާއިރު، މި ފޯރަމްގައި ދެއްކެވި ވާހަކާގައި ވަޒީރު ވިދާޅުވީ، އަންނަ ހަފުތާގައި ރަނގަޅު އިންތިޒާމުތަކާއެކު ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
މި މަސައްކަތް ޖުލައި މަހުގެ ކުރީކޮޅު ފަށަން ނިންމާފައި އޮތް ނަމަވެސް، ލަސްވުމުން އާއްމުންގެ ކަންބޮޑުވުން ފާޅުވެފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ލަސްވުމުގެ ސަބަބަކީ ފްލެޓް ލިބޭ ފަރާތްތަކުގެ މައުލޫމާތުގެ ސައްހަކަން ސަރުކާރުގެ އެކި މުއައްސަސާތައް މެދުވެރިކޮށް ބެލުމަށް ގިނަ ވަގުތު ނެގުމާއި، އަދި އެއްބަސްވުމުގައި ސޮއިކުރުމަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސަން ޖެހުމެވެ.
ވަޒީރު މުއްޠަލިބް އިތުރަށް ވިދާޅުވީ، މި ސަރުކާރުން ފްލެޓާ ގުޅޭ އައު ލިސްޓެއް އެކުލަވާލާފައިނުވާ ކަމަށާއި، ކުރީ ސަރުކާރުން 2023 ވަނަ އަހަރު ނޮވެމްބަރު 15 ގައި ނެރުނު ލިސްޓަށް ލިބުނު ޝަކުވާތައް ބަލައި، ޝަރުތު ހަމަވާ ފަރާތްތައް ކަށަވަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ނަމަވެސް ވަޒީރު ވަނީ މި ހުރިހާ މަސައްކަތްތަކާއެކު މި މަހުގެ ތެރޭގައި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށި، ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އެ ފްލެޓުތަކުގެ އެއްބަސްވުން ހަދަން ނިންމާފައިވަނީ 25 އަހަރަށެވެ. އަދި އެ ތަން ލިބޭ މީހުންނަށް އެޕާޓްމަންޓު މިލްކު ކޮށްދޭނީ އެ މުއްދަތަށް ޖެހޭ ކުލި ނުވަތަ އިންސްޓޯލްމަންޓު ފައިސާ ދައްކައި ހަލާސް ކުރުމުންނެވެ.
 
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ