މަގުމަތީ ވަޅިތަކަކާއި، ކަނޑިއެއް ގެންގުޅުނު މީހަކާއި، އެނާއަށް އެހީވާން ހުރި މީހާ ވެސް ހައްޔަރުކޮށްފި
މާލޭގެ މަގުމަތީ، ވަޅިތަކަކާއި، ކަނޑިތަކެއް ގެންގުޅުނުކަމަށް ބުނާ މައްސަަލައެއްގައި ދެ މީހަކު ހައްޔަރުކޮށް 15 ދުވަހުގެ މުއްދަތު އިއްޔެ ބަންދަށް ޖަހައިފިއެވެ. ކްރިމިނަލް ކޯޓުގެ އަމުރުތަކުން އެނގޭ ގޮތުގައި މި މައްސަލައިގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ގދ. ހޯނޑެއްދޫ، ކެލާގެ، އުމުރުން 33 އަހަރުގެ މުޙައްމަދު އަރީފާއި، ސ. މީދޫ، ވައިލެޓް ހައުސް، އުމުރުން 21 އަހަރުގެ މުޙައްމަދު ހައިކަލް އަބްދުﷲ ޝާތިރެވެ. އަމުރުގައިވާ ގޮތުން މި ދެ މީހުން ވެސް ހައްޔަރުކުރީ އާންމު ތަނެއްގައި ތޫނު ހަތިޔާރު ގެންގުޅުނުކަމަށް ބުނެއެވެ. އެގޮތުން ފުލުހުން ހުށަހެޅި ހާދިސާ ރިޕޯޓުގައިވާ ގޮތުން އަރީފްގެ އަތުން ކަނޑިއަކާއި، ވަޅިއަކާއި، އޭނާ ހުރި ދިމާއަށް ވައްޓައިލި ސާޖިކަލް ނައިފެއް ވެސް ފެނިފައިވާކަމަށް ވެއެވެ. ހައިކަލް ހައްޔަރުކުރީ އަރީފާއެކު އެ ވަގުތު އެ ތަނުގައި ހުރުމުންނެވެ. ކޯޓުގައި ހައިކަލް ބުނި ގޮތުގައި އެ ކަމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި، އޭނާ އެ ތަނުގައި ހުރީ އަރީފް، ވަޅިތައް ޕެކޭޖުން ކަނޑަންދެން އަލިކޮށްދޭން ބުނީމައެވެ. މި މައްސަލައިގައި މި ދެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ވަނީ ޖަހައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ