ކުއްޔަށް ގެންދިޔަ ސްޕީކަރެއް ރައްދުނުކޮށްގެން ތިން ލައްކަ ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހިއްޖެ
މާލޭގެ ކުލީ ބަޔަކުން، ގޭގައި އޮތް ޕާޓީއަކަށް ގެންދިޔަ ސްޕީކަރަކަށް 347،959 ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމެއް ކޮށްފިއެވެ. މިއީ، މާލޭން އުތުރުގެ ރަށަކަށް ނިސްބަތްވާ މީހަކު ގޭގައި އޮތް ޕާޓީއަކަށް ކުއްޔަށް ތަކެތި ދޫކުރާ ކުންފުންޏެއް ކަމަށްވާ "ދަ ރެންޓްއޯލް ކޮމްޕެނީ" އިން ކުއްޔަށް ގެންދިޔަ ޖޭބީއެލް ސްޕީކަރަކާއި، މައިކަކާ އަނބުރާ ރައްދު ނުކޮށްގެން ހުށަހެޅުނު މައްސަލައެކެވެ. މި މައްސަލައިގެ ހުކުމް ހޯމަ ދުވަހު ސިވިލް ކޯޓުން ކުރީ ދައުވާ ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައެވެ. އެއީ، ދައުވާއާ ގުޅޭ ލިޔުންތަކާ ހަވާލުވުމަށް ފަހުވެސް ކޯޓަށް ހާޒިރު ނުވުމުންނެވެ. ގާތްގަނޑަކަށް 10،000 އެއްހާ ރުފިޔާއަށް ލިބޭ މި ޖޭބީއެލް ބްރޭންޑްގެ ސްޕީކަރާއި، ވަޔަލަސް މައިކު އަނބުރާ ރައްދު ނުކޮށްގެން އޭގެ 30 ގުނަ އިތުރު އަދަދެއްކަމަށްވާ 347،959 ރުފިޔާ އޭނާ ދައްކަން ޖެހުނީ، ކުލީ ބައިން އެ މީހާ ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުގެ މަތިން، ޝަރީއަތުގެ ޚަރަދާއި އަދި ޖީއެސްޓީގެ ގޮތުގައި އަށް ޕަސެންޓްވެސް ހިމެނޭ ގޮތުންނެވެ. ސިވިލް ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި މި ސްޕީކަރު ކުއްޔަށް ދޫކުރީ 18 ގަޑިއިރަށެވެ. ނަމަވެސް ކުއްޔަށް ދޫކުރި ސީދާ ތާރީޚެއް ހުކުމަކުން އެނގޭކަށް ނެތެވެ. މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އެހާތަނަށް ހުށަހަޅާފައިވަނީ 28،414.96 ރުފިޔާ އެއްފަހަރާ ކުއްޔަށް ނެގި ފަރާތުން ހޯދުމަށެވެ. އޭގެ ދެއަހަރު ފަހުން މިހާރު ކުލީގެ ގޮތުގައި ވަނީ 347،959 ރުފިޔާ އަރައިފައެވެ. ސިވިލް ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި މި މައްސަލައިގެ ލިޔުންތައް ދައުވާ ލިބޭ ފަރާތާއި ހަވާލު ކުރިނަމަވެސް، ދައުވާގެ ރައްދެއް ދީފައި ނުވެއެވެ. އެހެންކަމުން، ދަ ރެންޓްއޯލް ކޮމްޕެނީއިން ޝަރީއަތުގައި އެދުނީ ދައުވާ ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށެވެ. މި މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ، އަޒްފާ އަބްދުލްގަފޫރު ކުރެއްވި ހުކުމުގައި ވިދާޅުވެފައި ވަނީ، ފަސް މަސް ދުވަހުގެ ތެރޭގައި 347،959 ރުފިޔާ 86 ލާރި ދައްކާ ޚަލާސް ކުރުމަށެވެ. އެއީ މަހަކަށް ގާތްގަނޑަކަށް 77،000 އެއްހާ ރުފިޔާއެވެ. އަދި ކުއްޔަށް ނެގި ސްޕީކަރު އިއްޔެއިން ފެށިގެން ތިން ދުވަސްތެރޭ އަނބުރާ ރައްދުކުރުމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ