ހަނދާންނެތިގެން ހިނައި ނުގަނެވި ހުރި މީހަކު މިސްކިތުގެ ޖަމާޢަތަށް ނަމާދަށް ޖަމާޢަތަށް ދެވިއްޖެނަމަ ޢަމަލުކުރާނެ ގޮތް!

ހަނދާން ނެތިގެން ހިނައި ނުގަނެ ހުރެ މިސްކިތުގެ ޖަމާޢަތަށް ނަމާދަށް ދެވިއްޖެނަމަ ޢަމަލުކުރާނީ ކިހިނަކުންތޯ؟ ހިނައިގަނެގެން އެނބުރިދާނެ ވަޤުތެއް ނުލިބޭނެތީ—
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ
އިސްލާމް ދީނަކީ ދީނުގެ އިންތަކުގެ ތެރެއިން ދެމަފިރިން އުފާކުރުމުގައި އެއްވެސް ހުރަހެއް އޮތް ދީނެއް ނޫނެވެ. ނަމަވެސް މުހިންމު ކަމަކީ ދީނުގައިވާ ގޮތަށް ޢަމަލުތައް ބެހެއްޓުމެވެ. ޖުނުބުވެރިވެއްޖެނަމަ ހިނައިގަތުމަށް އަވަސްވެގަތުމަކީ ގިނަ މައްސަލަތަކުން ސަލާމަތްވެވޭނެ ކަމެކެވެ. އަދި އެންމެ ފައިދާހުރި ގޮތްވެސްމެއެވެ.
ދެމަފިރިން ބޭނުންވެއްޖެނަމަ ހުކުރު ދުވަހު ހެނދުނުވެސް ޖިމާޢުވެވިދާނެއެވެ. އެންމެ ރަނގަޅު ގޮތަކީ އަވަހަށް ހިނައިގަތުމެވެ. ނަމަވެސް ހުކުރަށްދާން ފެންވަރާއިރު ހިނައިގަންނަން ބައެއް މީހުން މަޑުކުރެއެވެ. އެހެންހުއްޓައި ހުކުރަށްދާން ހިނައިގަތްއިރު ހަނދާންނެތި ހިނައިނުގަނެވުން ފަދަ ގޮތެއް މެދުވެރިވެދާނެއެވެ. އެފަދަ ގޮތެއް މެދުވެރިވެ ހިނައި ނުގަނެވި ހުރެ މހުކުރަށް މިސްކިތަށް ދިއަފަހުން އެކަން ހަނދާންވެއްޖެނަމަ ޢަމަލުކުރަންޖެހޭނީ ކިހނަކުންތޯއެވެ؟
ޝައިޚް އަޙްމަދު ނިޡާމްގެ ޖަވާބު:
ދެޙަދަޘުން ޠާހިރުނުވާ ޙާލުގައި ކުރާ ނަމާދަކީ ޞައްޙަ ނަމާދެއްކަމުގައި ނުވާނެއެވެ. ހުކުރުނަމާދަށް ފެންވެރިއިރު، ޖުނުބުވެރިކަމުން ޠާހިރުވުމަށާއި ހުކުރުނަމާދަށް ހިނައިގަތުމަށް ނިޔަތްގަތްނަމަ، އެއްހިނައިގަތުމުން ދެކަމަށްވެސް ފުދުނީހެވެ. އެހެންނަމަވެސް ފެންވެރިއިރު ނިޔަތްގަނެވިފައިނުވާތީ، މިޙާލަތުގައި އޮތް އެންމެ ރަނގަޅު ގޮތަކީ މިސްކިތުން ފައިބައިގެން ގެއަށް ގޮސް، ހިނައިގަނެ މެންދުރު ނަމާދުގެ ހަތަރު ރަކްޢަތް ކުރުމެވެ. މިގޮތަށް ދިމާވީ ހަނދާންނެތުމުގެ ސަބަބުންކަމަށް ވުމުން އިރާދަކުރެއްވިއްޔާ ހުކުރުނަމާދުގެ ޘަވާބުވެސް ލިބޭނެއެވެ. والله أعلم
ސުވާލުގެ ގޮތުން ޝައިޚް ވިދާޅުވެދެއްވާފައި އެވަނީ ހުކުރަށް ދެވުނު މީހާ ޢަމަލުކުރަން އޮތް ގޮތެވެ. ފަރުޟް ނަމާދުގެ ޖަމާޢަތަކަށް ނަމަވެސް ހިނައި ނުގަނެ ހުރެ ދެވިއްޖެނަމަ ޢމަލުކުރަން އޮތީ ހަމަ އެއްގޮތަކަށެވެ. ހިނައިނުގަނެ ހުރެ ނަމާދުނުކުރެވޭނެތީއެވެ.
ދީނަށް ޢމަލުކުރަން ސަމާލުކަންދޭ މީހަކަށްވެސް މިފަދަ ކަމެއް މެދުވެރިވެދާނެއެވެ. ހަނޑާން ނެތުމަކީ ކޮންމެ މީހަކަށްވެސް މެދުވެރިވެދާނެ ކަމެކެވެ. ވީމާ އެފަދަ ކމަކާއި ގުޅިގެން (އެކަން އެނގުނަސް) އެއްވެސް މީހަކަށް ނުބައި ބަސްނުބުނާށެވެ! ފަށަމުންވެސް ބުނި ފަދައިން މި މައްސަލައަށް އޮތް އެންމެ ރަނގަޅު ޙައްލަކީ ވީހާ އަވަހަކަށް ހިނައިގަތުމެވެ. ހިނައި ނުގަނެ އެހެން ކަމެއް ނުކުރަން އާދަކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ