ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އޭޕްރީލް 15 ގައި ބާއްވަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އަންނަ އޭޕރީލް މަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި މި ވަނީ އެ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ.
ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އޭނާ އަވަހާރަވީ މދިޔަ ބުދަދުވަހުގެ ރޭގެ ވަގުތެއްގައެވެ. ރިޒާއަކީ ގރައިދޫ ދާއިރާގެ ގޮނޑީ ތިން ފަހަރު ކާމޔާބު ކުރެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ މިހާރު ހިނގަމުންދާ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީގެ މެންބަރުގެ އިތުރުން އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ ބެލި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި މަސައްކަތް ކުރެއްވި ބޭފުޅެއް ވެސް މެއެވެ. އަދި ރިޒާ އަވަހާރަވި އިރު ވެސް އޭނާ ގެންދެވީ އެފްއޭއެމްގެ އެޕީލްސް ކޮމިޝަންގެ ރައީސްކަން ކުރައްވަމުންނެވެ.
ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުންވެސް ރިޒާގެ މަސައްކަތް ފެނިގެން ގޮސްފައިވާިއރު މީގެ ކުރިން ރިޒާ ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު ކަމުގެ އިތުރުން ފަނޑިޔާރުންނާ ބެހޭ ޝަކުވާތައް ބަލައި ފަނޑިޔާރުންނާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އުފައްދާފައިވާ ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވާފައެވެ.
ޕީޕީއެމްއާ ގުޅުން ހުރި ވަރަށް ގިނަ މައްސަލަތަކުގައި އެ ޕާޓީގެ ދިފާއުގައި ކޯޓުތަކުގައި ވަކާލާތު ވެސް ކުރައްވާފައިވާ ރިޒާ ވަނީ 2013 ގެ އިންތިހާބުގެ މައްސަލައެއްގައި ސްޕްރީމް ކޯޓުގައި ވެސް ޕީޕީއެމްގެ ދިފާއުގައި ވަކާލާތު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ