އައިސީޔޫގައި މަރުވި ޒުވާނާ މަރުވީ ހިމަބިހި ޖެހިގެންތޯ ކަށަވަރު ކުރަނީ

ރާއްޖެއިން ކުރިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ ހިމަބިހި (މީސްލްސް) ޖެހުނު ޒުވާނާ މަރުވީ އެ ބަލީގެ ސަބަބުންތޯ ކަށަވަރުކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ. 
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހިމަބިހި ޖެހުނު ޒުވާނާ މަރުވީ އެ ބަލީގެ ސަބަބުންތޯ ކަށަވަރުކުރަން ކަނޑައެޅިފައިވާ ކްލިނިކަލް އަދި އެޕިޑިމިއޮލޮޖިކަލް އުސޫލުތަކާއެކު ރިވިއު ކުރަމުންދާ ކަމަށާއި އެ މަރުހަލާ ނިމުމުން އިތުރު މައުލޫމާތު ހާމަކުރާނެ ކަމަށެވެ. 
Zetta Enterprises Pvt Ltd
MU STORE
MGH Group of Companies
MGH Group of Companies
MU STORE
"މަރުވި ސަބަބު ދެނެގަތުމަށްޓަކައި ކަނޑައެޅިފައިވާ ކްލިނިކަލް އަދި އެޕިޑިމިއޮލޮޖިކަލް އުސޫލުތަކާއެކު އެ ކޭސް ރިވިއު ކުރަމުންދަނީ. އެ މަރުހަލާ ފުރިހަމަ ކުރެވުމުން މީޑިއާއަށް އިތުރު މައުލޫމާތު ހާމަކުރާނަން،" އެޗްޕީއޭއިން ބުންޏެވެ. 
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 23 ކޭސްއެއް ފެނިގެން ރިޕޯޓު ލިބިފައިވާއިރު، ޕޮޒިޓިވް ކޭސްތަކުގެ ޖުމްލަ 144 އަށް އަރާފައިވާ ކަމަށް އެޗްޕީއޭއިން މިއަދު ހާމަކުރި އެވެ. 
މި މަހުގެ ފުރަތަމަ ހަފްތާގައި ހިމަބިއްސަށް 55 މީހަކު ޕޮޒިޓިވްވި ކަމަށް އެޗްޕީއޭއިން ބުނެފައިވާއިރު، އެއީ އޭގެ ކުރީ ހަފްތާއަށްވުރެ ދެގުނަ އިތުރު އަދަދެއްކަން ފާހަގަކުރެވެ އެވެ.  
ހިމަބިހި އަލުން ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެޗްޕީއޭއިން ވަނީ ވެކްސިން ދިނުމުގެ ކެމްޕެއިނެއް ފަށާފަ އެވެ.  މިގޮތުން އެޗްޕީއޭއިން ވަނީ މިހާތަނަށް ހިމަބިއްސަށް 7،100 މީހަކަށް ވެކްސިން ދީފަ އެވެ. 
އެޗްޕީއޭއިން ވަނީ ބަލީގެ އަލާމާތްތައް ހުރިހަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދާން އިލްތިމާސްކޮށްފަ އެވެ. އަދި، ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރަން އެދިފައިވެ އެވެ.
އޭގެ އިތުރުން، ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދައި، އަދި ފަރުވާ ހޯދަން އަންނައިރު މާސްކު އެޅުމުގެ އިތުރުން އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރަން އެޗްޕީއޭއިން ވަނީ އެދިފަ އެވެ. 
ހިމަބިއްސަކީ 2017 ވަނަ އަހަރު ރާއްޖެއިން މުޅިން ނައްތާލާފައިވާ ބައްޔެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ބައްޔެކެވެ. ނަމަވެސް 2020 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ވެސް ވަނީ ހިމަބިހީގެ ކޭސްތަކެއް ރާއްޖެއިން ފެނިފަ އެވެ. އެ ކޭސްތައް އޭރު ވަނީ ކޮންޓުރޯލް ކޮށްފަ އެވެ.
ހިމަބިހިން ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ވެކްސިން ޖެހުން ކަމަށް ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ. އަދި ވެކްސިނާއެކު ރާއްޖެއިން ނައްތާލެވިފައިވާ ބަލިތަކަކީ ކައިރި ގައުމުތަކުން އައިސްދާނެ ބަލިތައް ކަމަށްވާތީ، ވެކްސިން ޖެހުމުގައި ފަރުވާ ކުޑަ ނުކުރަން ޑޮކްޓަރުން އިލްތިމާސްކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ