ށ.މިލަންދޫ ސްކޫލް ޓީޗަރަކު ދަރިވަރަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ދަނީ ބަލަމުން - ފުލުހުން

ށ.އަތޮޅު މިލަންދޫ ސުކޫލްގެ ޓީޗަރަކު އެސުކޫލްގައި ކިޔަވަމުންދާ ދަރިވަރަކަށް އަނިޔާކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
"ވަގުތަށް" މައުލޫމާތުދެމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، މިލަންދޫ ސްކޫލްގެ ޓީޗަރަކު ދަރިވަރަކަށް އަނިޔާކުރި ކަމަށްބުނާ މައްސަލައެއް ބަލަމުންދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގްރޭޑް އަށެއްގައި ކިޔަވަމުންދާ މިފިރިހެން ކުއްޖާ އަށް އަނިޔާކޮށްފައި ވަނީ ފިޒިކްސް ކިޔަވައިދޭ ދިވެހި ޓީޗަރެއް ކަމަށްވާ އަޒްމީލް މުހައްމަދެވެ.
"ވަގުތަށް" އެނގިފައިވާ ގޮތުން އެކުއްޖާއަށް އަނިޔާކުރި މައްސަލަ ފުލުހުންގެ އިތުރުން ޖެންޑާ މިނިސްޓްރީ އަށް ވެސް ވަނީ ހުށަހަޅާފައެވެ. އެކުއްޖާގެ ބައްޕަ ނިޔާވެފައި ވާއިރު އެކުއްޖާގެ މަންމަ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދަރިވަރުގެ ގައިގައި ޓީޗަރު ވަނީ ނިޔަފަތިން ވަކި އަޅުވާ ތެޔޮހަން ދުއްވާލާފައެވެ. ޓީޗަރު އަނިޔާ ކުރުމުން ދަރިވަރުގެ ހަށިގަނޑުގެ ބައެއް ތަންތަން ނޫފައިގެންފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. މީގެ އިތުރުން އެދަރިވަރުގެ ހަށިގަނޑުގެ ބައެއް ތަންތަން ދުޅަވެފައި ވެސް ހުރި ކަމަށް ވެއެވެ.
މިމައްސަލަ އާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރަން މިލަންދޫ ސުކޫލްގެ ޕްރިންސިޕަލް އައިޝަތު ފަރުހަތު އަށް ގުޅުމުން ވިދާޅުވީ މައްސަލަ އާއި ގުލޭ ގޮތުން ކޮމެންޓެއް ކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ.
ނަމަވެސް ފަހުން މިލަންދޫ ސްކޫލުން ނެރުނު ބަޔާނެއްގައި ބުނީ، އެ ސްކޫލްގެ ޓީޗަރަކު ދަރިވަރަކަށް އަނިޔާކޮށްގެން މިއަހަރުގެ މިހާތަނަށް އެއްވެސް ފަރާތަކުން ޝަކުވާއެއް އެ ސްކޫލަށް ހުށައަޅާފައިނުވާ ކަމަށެވެ. އަދި މިފަދަ މައްސަލަ އެ ސްކޫލުން ބަލާފައިވެސް ނުވާ ކަމަށާއި، އަދި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އެ ސްކޫލްގެ ޓީޗަރަކު އެއްވެސް ދަރިވަރަކަށް އަނިޔާކުރި ކަމަށް ނިންމާފައިނުވާ ކަމަށެވެ.
ނަމަވެސް މި މަހުގެ 23 ވަނަ ދުވަހު ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅޭ ހޯދަން ބޭނުންވި މައުލޫމާތު، ފުލުހުންނާ ހިއްސާކޮށްފައިވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ