އަބުރު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ދައުވާ ނުކުރާނެ ކަމަށް މައުމޫން ވިދާޅުވެއްޖެ

އަބުރު ރައްކާތެރި ކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު ދީނީ ދީނީހަމަތަކާ ޤާނޫނު އަސާސީއާއި ފުށުއަރާތީ އަބުރުރައްކާތެރި ކުރުމަށް އެޤާނޫގެދަށުން ދަޢުވާ ނުކުރާނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. އަބުރު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ދައުވާ ނުކުރާނެ ކަމަށް ރައީސް މައުމޫން މިވިދާޅުވީ އެޤާނޫނުގެ ދަށުން ދައުވާ ނުކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވިތާ މާގިނައިރުތަކެއް ނުވަނީހެވެ.
އަބުރު ރައްކާތެރި ކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި ދެކޮޅަށް ރައީސް މައުމޫން ވަނީ މިރޭ ބަޔާނެއް ވެސް ނެރުއްވާފައެވެ.
ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވީ "ޚިޔާލުފާޅުކުރުމާއި އަބުރު ރައްކާތެރިކުރުމުގެ ބިލުން ޤާނޫނު އަސާސީގެ 27 ވަނަ މާއްދަގެ ދަށުން ލިބިދީފައިވާ ޚިޔާލުފާޅުރުމުގެ މިނިވަންކަން ހަނިކުރެވިގެން ހިނގައްޖެއެވެ. ހަމައެބިލުން ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ވެސް ހަނިވެގެން ހިނގައްޖެއެވެ."
ރައީސް މައުމޫންގެ ބަޔާނުގައި އެމަނިކުފާނު ވަނީ ޕީޕީއެމްގެ ވިޕްލައިނާއި ޚިލާފަށް މަޖިލީހުގައި ވޯޓް ދެއްވި މެންބަރުންނަށް ވެސް ތާއިދު ކުރައްވާފައެވެ. ރައީސް މައުމޫން ވިދާޅުވީ އެބޭފުޅުން އެމަސައްކަތް ކޮށްދެއްވީ ޕީޕީއެމްގެ މައިގަނޑު މަޤުޞަދުތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުން މަތީން ގައުމާއި ރައްޔިތުންގެ ޙައްޤުގައި ކަމަށެވެ.
އަބުރު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ދައުވާ ނުކުރައްވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއިރު އެމަނިކުފާނު ވަނީ މީގެ ކުރިން ބައެއް ބޭފުޅުންނާއި ދެކޮޅަށް އަބުރުގެ ދައުވާ ކުރައްވާ އެމައްސަލަތައް ކާމިޔާބު ވެސް ކުރައްވާފައެވެ.
މީގެ ކުރިން ރައީސް މައުމޫން ވަނީ ކުރީގެ ހޯމް މިނިސްޓަރ ހަސަން އަފީފް އާއި ދެކޮޅަށް އަބުރުގެ ދައުވާ ކުރައްވާ އެމައްސަލަ ކާމިޔާބު ކުރައްވާފައެވެ. އަދި މަޝްހޫރު ތާރީޚީ އިލްމުވެރިޔާ ހ.ޝަފީގުގޭ އަލްމަރުހޫމް އަހްމަދު ޝަފީގުގެ މައްޗަށް ވެސް ރައީސް މައުމޫން އަބުރުގެ ދައުވާ ކުރެއްވިއެވެ. ނަމަވެސް ފަހުން އެމައްސަލަ އަނބުރާ ގެންދެވީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ