ނިންމާފައި އޮތް މައްސަލައެއް ފެމިލީ ކޯޓުން ބަލަންއުޅުމުން ސުޕްރީމް ކޯޓުން ހުއްޓުވައިފި

ސ. މީދޫގައި ހުންނަ ހައިކޯޓުގެ ދެކުނު ގޮފިން ބަލައި ނިންމާފައި އޮތް މައްސަލައެއް އެހެން ނަމެއްގައި ފެމިލީ ކޯޓަށް ހުށަހަޅައި، އެ ކޯޓުން މައްސަލަ ބަލަމުން ދަނިކޮށް ސުޕްރީމް ކޯޓުން އެކަން ހުއްޓުވައިފި އެވެ.
ސުޕްރީމް ކޯޓުން ހުއްޓުވި މައްސަލައަކީ ސ. ހިތަދޫ އެވަގްރީން ހަދީޖާ އަލީ، ޏ. ފުއްވަމުލައް އާޒާދުގެ ތަހުމީނާ މުހައްމަދުގެ މައްޗަށް ގެެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރަކަށް އެދި ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަ އެކެވެ. ހަދީޖާ ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް ހިތަދޫ ފިރިހެން މީހާއާ އޭނާއާ އޮތީ ކޮން ގުޅުމެއް ކަން ހުށަހަޅާފައިވާ މައްސަލައިން ސާފެއް ނޫނެވެ.
މިމައްސަލަ ބެލުން ވަގުތުން ހުއްޓާލުމަށާއި މައްސަލައިގެ ފައިލް ވަގުތުން ބަންދު ކުރުމަށް ސުޕްރީމް ކޯޓުން ފެމިލީ ކޯޓަށް އެންގީ މިދިޔަ ހޯމަ ދުވަހު އެވެ.
މި މައްސަލާގައި ފުވައްމުލަކު އަންހެން މީހާ ހިތަދޫ ފިރިހެނަކާ ކުރި ކައިވެނި ރޫޅުނު އިރު އެ ކައިވެންޏަށް ލިބިފައި ތިބި ދެ ކުދިން ހޯދަން ފިރިހެން މީހާގެ ފަރާތުން ހިތަދޫ ކޯޓަށް ހުށަހެޅުމުން ހިތަދޫ ކޯޓާއި ހައި ކޯޓުގެ ދެކުނު ގޮފިން ވެސް ނިންމާފައިވަނީ އެ ދެ ކުދިން ބެލެހެއްޓުން ފިރިހެން މީހާއާ ހަވާލުކުރުމަށެވެ. އެގޮތަށް ނިންމީ އެ ދެކުދިން ވެސް ފިރިހެން މީހާ ގާތު ހުންނަން ބޭނުންވުމުން ކަމަށެވެ.
ހައި ކޯޓުގެ ދެކުނު ގޮފިން މިމައްސަލަ ނިންމާފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު އެވެ.
ސުޕްރީމް ކޯޓުން މިމައްސަލަ ހުއްޓުވާލީ ގާނޫނު އަސާސީން ގާއިމްކޮށްފައިވާ ޝަރުއީ ނިޒާމު ބިނާވެފައިވާ އަސާސީ އުސޫލުތަކާއި، އަދި އަދުލު އިންސާފުގެ ހަމަތަކާއި ތައާރުޒުވާ ގޮތަށް މިމައްސަލަ އަލުން ފެމިލީ ކޯޓަށް ހުށަހަޅާފައިވާ ކަމަށް ބުނެ އެވެ. ފުރަތަމަ މަރުހަލާއާއި ދެވަނަ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުމެއް ރަނގަޅު ނޫން ކަމަަށް ދެކި އެމައްސަލަ ނުވަތަ އެމައްސަލައިގެ މައުލޫއާއި ގުޅިގެން އެއްވެސް މައްސަލައެއް އެމަރުހަލާ ނުވަތަ އެއަށްވުރެ ދަށުގެ މަރުހަލާގެ ކޯޓެއްގައި ބެލުމަކީ އިންސާފުގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށްވުމަކީ ވެސް މިމައްސަލަ ހުއްޓުވި ސަބަބެއް ކަމަށްވެސް ސުޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ.
މީގެ ކުރިންވެސް މިފަދަ މައްސަލަތައް ސުޕްރީމް ކޯޓުން ހުއްޓުވާފައިވާކަން ފާހަގަކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ