ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އިންތިޚާބު ބާތިލު ކުރުމަށް އެ ދައިރާ އަށް ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް ހިޔަލީ މުހައްމަދު ރަޝީދު ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެންމެ ފުރަތަމަ ވާހަކަދައްކާފައި ވަނީ އެ މައްސަލައިގެ ތެރެއަށް ތަދައްޚުލްވެފައިވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ދީދީގެ ފަރާތުންނެވެ.
އިބްރާހީމް ދީދީގެ ވަކީލު މުހައްމަދު ފަރީދު ވިދާޅުވީ އިންތިޚާބުގައި އެހެން ކެންޑިޑޭޓަކު ރިޝްވަތު ދީފައިވާ ކަމަށް ބުނެ އެކަން ސާބިތު ކުރުމަށް ހިޔަލީ ހުށަހަޅުއްވާފައިވާ ހަ ހެކީންނަށް ބަލާ އިރު، އޭގެ ތެރެއިން ދެ މީހުންނަކީ ރިޝްވަތު ހިފި މީހުންކަން ބަޔާންތަކުން އެނގޭ ކަމަށެވެ. އަދި ބާކީ ތިބި މީހުންނަކީ ދައުވާގެ މައުޟޫއާ ނުގުޅޭގޮތަށް ބަޔާންދީފައިވާ ބައެއް ކަމަށް ވެސް ފަރީދު ވިދާޅުވި އެވެ.
ހިޔަލީގެ ވަކީލު ވައްޑޭ ވަނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓު ކޯޓުން ހޯދައި ދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި ހުށަހަޅާފައިވާ ހެކީން ހާޒިރުކޮށްދިނުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ހިޔަލީގެ ފަރާތުން ހުށަހެޅި ހެކީންގެ ބަޔާންތަކަށް ބަލާއިރު އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރެއްވި ހުސައިން ސާލިހު ނާޖާއިޒު ކަންތައްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުތަކެއް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އޭނާ ވެސް ޝަރީއަތަށް ހާޒިރުކުރަން ފެންނަ ކަމަށް ސުއޫދު ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ޝުއައިބު ހުސައިން ޒަކަރިއްޔާ ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށެވެ. ނަމަވެސް މައްސަލަ ދިރާސާ ކުރާއިރު ހެކީން ހާޒިރު ކުރަން ފެނިއްޖެނަމަ ނޫންނަމަ އިތުރު ކަމެއް ޝަރީއަތުން ސާފުކުރަން ޖެހިއްޖެނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ހިތަދޫ މެދު ދާއިރާގެ އިންތިޚާބު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ